ބީޗްހޭންޑްބޯޅަ އަށް މި ވަގުތު އޮތް ގައުމީ ލެވަލްގެ މަންޒިލަކީ ކުޅުދުއްފުށި

ޑަބްލިއު ސްޕޯޓްސް އިން ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ބީޗް ގޭމްސްގެ ބީޗްހޭންޑްބޯޅަ މެޗެއްގެ ތެރެއިން.--- ފޮޓޯ: ޑަބްލިއުސްޕޯޓްސް އެކެޑަމީ

ޑަބްލިއު ސްޕޯޓްސް އިން ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ބީޗް ގޭމްސްގެ ބީޗްހޭންޑްބޯޅަ މެޗެއްގެ ތެރެއިން.--- ފޮޓޯ: ޑަބްލިއުސްޕޯޓްސް އެކެޑަމީ

ގައުމީ ބީޗްހޭންޑްބޯޅަ ޓީމުގެ ހަރަކާތްތައް ހދ. ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް، ހޭންޑްބޯލް މޯލްޑިވްސް އިން ނިންމުމާ އެކު، އިވިގެންދިޔައީ ތަފާތު އެކި ހިޔާލުތަކާއި މި ކަމާ ގުޅޭ އެކިއެކި ވިސްނުންތަކާ ގުޅޭ ވާހަކަތަކެކެވެ. އެންމެ ބޮޑު ކަމަކަށް ކަންބޮޑުވުން ހުރީ، ސެންޓްރަލައިޒްކޮށް މާލޭގައި މި ކަން ކުރިއަށްނުދާތީ، ގިނަ ކުޅުންތެރިންނަށް ފުރުސަތު ގެއްލޭކަމާ ގުޅޭ ނުތަނަވަސްކަމެވެ.

އެކަމަކު، އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ، ބީޗްހޭންޑްބޯޅަ މި ވަގުތު އެންމެ ރަނގަޅަށް ހިންގަމުން އަންނަ ކުޅުދުއްފުށި ސިޓީން މި ކަަމަށްޓަކައި ދޭނެ ހުރިހާ ޖަވާބަކަށް އޮތީ ތައްޔާރަށެވެ.

ހޭންޑްބޯލް މޯލްޑިވްސް އިން ގައުމީ ބީޗްހޭންޑްބޯޅަ ޓީމެއް އެކުލަވާލަނީ ކޮމަންވެލްތު ބީޗް ގޭމްސް އަށެވެ. އެ މުބާރާތް އޮތީ އަންނަ އަހަރުގެ ފެބްރުއަރީ 18 އިން 23 އަށް ޕާކިސްތާންގެ ކަރާޗީގަ އެވެ. ހޭންޑްބޯލް މޯލްޑިވްސް އިން ގައުމީ ބީޗްހޭންޑްބޯޅަ ޓީމުގެ ސިލެކްޝަން ކުރިއަށްގެންދަން ކަނޑައަޅާފައި އޮތީ އަންނަ މަހުގެ 15 އިން 26 އަށް ކުޅުދުއްފުށީގައި ކުރިއަށްދާ ގޮތަށެެވެ. ބައިވެރިވުމުގެ ފުރުސަތު އޮތީ އެންމެނަށް ހުޅުވާލެވިފަ އެވެ. އެއްވެސް މީހެއް އިސްތިސްނާ ކުރުމެއްނެތި އެވެ.

ކުޅިވަރުގެ ކަންކަމާއި ބީޗްހޭންޑްބޯޅަ ވެސް ކުރިއެރުވުމުގައި ކުޅުދުއްފުށީގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކުން، "އަދަދު ސްޕޯޓްސް" އަށް ދިން މައުލޫމާތާއި އެކިގޮތްގޮތުން ސާފުކޮށް އޮޅުންފިލުވި ކަންކަމަށް ބަލާއިރު، ކުޅުދުއްފުށީގައި ބީޗްހޭންޑްބޯލް ހަރަކާތްތައް ކުރިއަށްދާތާ ހަ ވަރަކަށް އަހަރު ވަނީ ވެފަ އެވެ. ހޭންޑްބޯޅަ އަދި ހާއްސަކޮށް ބީޗްހޭންޑްބޯޅަ އަށް ޓަކައި ބުރަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.

އެ ގޮތުން، ބޮޑުތިލަދުންމަތީގައި، ހޭންޑްބޯޅަ އަދި ބީޗްހޭންޑްބޯޅަ އާލާ ކުރުމަށް ކުޅުދުއްފުށިން ވަނީ އެކި ލެވަލްގައި މަސައްކަތްކޮށްފަ އެވެ. ގައުމީ އަދި އިންޓަނޭޝަނަލް ލެވަލަށް މީހުން ތަމްރީނު ކުރުމުގަ އެވެ.

ހޭންޑްބޯލް މޯލްޑިވްސް އިން ކުޅުދުއްފުށިން ކުރި މަސައްކަތް ބަލައިގަނެ، އެ ރަށަށް ބީޗްހޭންޑްބޯޅައިގެ މި ބޮޑު ފުރުސަތު ދިނުމުން އެކަމަށް އެ ރަށުގައި ކުޅިވަރު ކުރިއަރުވަން މަސައްކަތްކުރާ ފަރާތްތަކުން މަރުހަބާ ކިޔަ އެވެ.

ކުޅުދުއްފުށީގެ ބީޗްގޭމްސްގެ ބީޗްހޭންޑްބޯޅަ އިވެންޓުގެ ތެރެއިން.--- ފޮޓޯ: ޑަބްލިއުސްޕޯޓްސް އެކެޑަމީ

"މާލޭ ސަރަހައްދުގައި މިވީ ތަނަށް ބީޗް ހޭންޑްބޯލްްގެ ހަތަރު ވަރަކަށް މުބާރާތް ބޭއްވުނުއިރު، ކުޅުދުއްފުށީގައި އެކަނި ވެސް 13 މުބާރާތް ބާއްވާފައިވޭ. އެއީ، މާލެ އަށް ވުރެ ފަހުން ފަށާފައި މިހާތަނަށް ވެސް ހޯދާފައިވާ ކުރިއެރުން. މި ފަހުން، ދ. ކުޑަހުވަދޫގައި މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވި ބީޗްހޭންޑްބޯލް މުބާރާތުގައި ކުޅުދުއްފުށީ ޓީމުން އެއްވެސް މެޗަކުން ބަލިނުވެ ފަސޭހަކަމާ އެކު ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ތިއްބައި މޮޅުވި،" މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.

އޭނާ ބުނީ، އިންޑޯ ހޭންޑްބޯޅަ އާއި ބީޗްހޭންޑްބޯޅަ އަކީ ތަފާތު ދެ ކޮންސެޕްޓެއް ކަމަށާއި ބީޗްހޭންޑްބޯޅައިގައި އެ ހުންނަ މުހިންމު ކަންކަމަށް ބަލައިގެން، ކުޅުދުއްފުށީގައި އޭގެ ޑިވެލޮޕްމަންޓަށް ވަރަށް ރަނގަޅަށް މަސައްކަތް ކުރެވިފައިވާކަން މުބާރާތްތަކުގައި ވެސް ސާބިތުކޮށްދީފައިވާނެ ކަމަށެވެ.

ބީޗްހޭންޑްބޯޅަ ކުރިއަރުވަން ހަ އަހަރުތެރޭ ކުރެވުނު މަސައްކަތުން، ކުޅުދުއްފުށިން އިސްނަގައިގެން ރޭވި ޕްރޮގްރާމްތަކުން ގިނަ ރެފްރީންތަކެއް ތަމްރީންވެފައިވާއިރު، ރާއްޖޭގައި މި ވަގުތު ހުރި ސަޓިފައިޑް ބީޗްވޮލީ ރެފްރީން ވެސް ހުރީ އެ ރަށުގަ އެވެ.

"މި ތިން އަތޮޅުގެ 10 އަކަށް ވުރެ ގިނަ ރަށުގައި، ޓްރެއިނިން ކޭމްޕްތައް ބާއްވައިގެން، މި ވަގުތު ރާއްޖޭގައި ތިބި ސަޓިފައިޑް ދެ (ބީޗް) ހޭންޑްބޯލް ރެފްރީ، އޭގެ ތެރެއިން އެކަކަކީ 100 ޕަސެންޓް މި ރަށު މީހެއް. އެހެންވީމަ، މި ރަށް ހޭންޑްބޯލް އިން ފެއިލްއޭ ބުނުން ހަގީގަތެއް ނޫނޭ ބުނަން ބޭނުންވަނީ،" ކުޅުދުއްފުށީގައި ހޭންޑްބޯޅަ އަށް އޮތް ފޯރި އާއި ކުރެވޭ މަސައްކަތް އޮޅުންފިލުވައިދިނުމުގެ ގޮތުން އޭނާ ބުންޏެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ރަށުގެ ރައްޔިތުން ގުޅިގެން ތައްޔާރުވަނީ، ގައުމީ ބީޗްހޭންްޑްބޯޅަ ޓީމުގެ ސިލެކްޝަން އަށް އަންނަ ކުޅުންތެރިންނަށް "ދެވޭނެ އެންމެ ރަނގަޅު ހޮސްޕިޓަލިޓީ" އެއް ފޯރުކޮށްދިނުމަށެވެ.

އެ ފަރާތްތަކުން ޔަގީންކޮށްދޭ ގޮތުގައި، މާލެ އަށް ވުރެ ހަރަދުކުޑަކޮށް، ހިތްހަަމަޖެހޭ މިންވަރަށް ކަންތައްތައް މަގުފަހިކޮށްދޭނެ އެވެ.

ބީޗްހޭންޑްބޯޅަ އަށް ކުޅުދުއްފުށި ސިޓީ ވަރުގެ ރަނގަޅު އެހެންތަނެއް ނެތް

ކުޅުދުއްފުށި ސިޓީ ކައުންސިލުގެ މޭޔަރު، މުހައްމަދު އާތިފް، އޭނާގެ ސޯޝަލް މީޑިއާގައި ލިޔުއްވި ގޮތުގައި، ދިވެހި ރާއްޖޭގެ ބީޗް ހޭންޑްބޯލް ގައުމީ ޓީމެއް އެކުލަވާލުމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ކުޅުދުއްފުށި ސިޓީ އަށް ވުރެ ވަކި ރަނގަޅު އެހެންތަނެއް މި ވަގުތު ނެތެވެ.

އެ ގޮތުން އާތިފް ވަނީ އެކަން ސާފުކޮށްދިނުމުގެ ގޮތުން، މައިގަނޑު ހަ ކަމެއް ފާހަގަކުރައްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، އެ ރަށުގައި ކުރެވުނު މަސައްކަތާއި ލިބުނު ކާމިޔާބީގެ އިތުރުން، ބީޗްހޭންޑްބޯޅައިގެ މި ބޮޑު ޒިންމާ އެ ރަށަށް އަދާކުރެވޭނެ ކަމުގެ ޔަގީންކަމުގެ މައްޗަށް އެކުލެވޭ ކަންކަމެވެ.

ހޭންޑްބޯޅަ އިވެންޓެއްގެ ތެރެއިން މޭޔަރު އާތިފް ވާހަކަ ދައްކަވަނީ.--- ފޮޓޯ: ޑަބްލިއު ސްޕޯޓްސް އެކެޑަމީ

މޭޔަރު އާތިފް ފާހަގަކުރެއްވި ކަންތައްތައް:

1. ބީޗް ހޭންޑްބޯޅަ ކޯޗިން ކޭމްޕެއް ބައިނަލްއަގްވާމީ ކޯޗުންނާ އެކު ކުރިއަށްގެންގޮސް ޓްރެއިނިން ލިބިފައި ތިބި ރާއްޖޭގެ ނިސްބަތުން މި ކުޅިވަރަށް މޮޅެތި ކުޅުންތެރިން ކުޅުދުއްފުށީގައި ގިނަވުން.

2. ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބީޗް ހޭންޑްބޯޅަ މުބާރާތް ބާއްވާފައިވާ ރަށަކީ ކުޅުދުއްފުށި ކަމުގައިވުން.

3. މުޅި ރާއްޖެ އަށް ހުޅުވާލައިގެން ދ. ކުޑަހުވަދޫގައި މި އަހަރު ބޭއްވި ބީޗްހޭންޑްބޯޅަ މުބާރާތް ރާއްޖޭގެ އެންމެ ޓޮޕްލެވެލް ކުޅުންތެރިން ތިބި ޓީމްތަކާއި ވާދަކޮށް ފަސޭހަކަމާ އެކު ކުޅުދުއްފުށީ ޓީމުން ކާމިޔާބުކުރުން.

4. ރާއްޖޭގެ އެކި ކަންކޮޅުތަކުން ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ބޭނުންވާ ކުޅުންތެރިންނަށް މާލޭގައި ހުރުމާ ކެއުމަށް ހޭދަކުރަންޖެހޭ މިންވަރަށް ވުރެ ކުޑަ ހަރަދަކުން ކުޅުދުއްފުށީގައި އެކަންކަން ހަމަޖެހުން.

5. ބީޗް ހޭންޑްބޯޅަ ކުޅެން އެކަށީގެންވާ ރަނގަޅު ކޯޓެއް ކުޅުދުއްފުށީގައި އޮތުން.

6. ހޭންޑްބޯލް އެސޯސިއޭޝަނަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އެހީތެރިކަމާއި އެއްބާރުލުން ފުރިހަމަ އަށް ލިބުން.

އެ ގޮތުން، ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ކޯޗުގެ ހުރުމާއި ކެއުމުގެ ހަރަދު ސިޓީ ކައުންސިލުން ހަމަޖައްސަން ނިންމާފައިވާއިރު، ޕްރެކްޓިހަށް ބީޗްހޭންޑްބޯޅަ ކޯޓު ތައްޔާރުކުރުމުގައި ވެސް ސިޓީ ކައުންސިލްގެ އެހީތެރިކަން ފުރިހަމައަށް ލިބޭނެ ކަަމަށް އާތިފް ވިދާޅުވެފައިވެ އެވެ.

ހޭންޑްބޯލް އެސޯސިއޭޝަންގެ ތިޔަ ނިންމުމަކީ ވަރަށް ވެސް ފުރިހަމަ ހިކުމަތްތެރި ނިންމުމެއް، އަދި މި ކުޅިވަރުގެ ކޮމިއުނިޓީ އަށް އެންމެ އިންސާފުވެރި ނިންމުންކަމުގައި ވެސް ދެކެން. ވަރަށް ބޮޑަށް ޝުކުރިއްޔާ،" އާތިފް، އޭނާގެ ސޯޝަލް މީޑިއާ ޕޯސްޓް ނިންމާލަމުން ލިޔުއްވާފައިވެ އެވެ.

ވަސީލަތް އޮތް ސަރަހައްދުތަކަށް މުބާރާތްތައް ގެންދަން އެސޯސިއޭޝަން ތައްޔާރު

ބީޗްހޭންޑްބޯޅައިގެ ހަރަކާތްތައް ކުޅުދުއްފުށީގައި ގެންދަން ނިންމުމާ ގުޅޭގޮތުން، "އަދަދު ސްޕޯޓްސް" އިން ސުވާލުކުރުމުން، އެސޯސިއޭޝަންގެ ރައީސް، އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ، ބީޗްހޭންޑްބޯޅަ ގައުމީ ޓީމުގެ ކަންކަން ގިނަ ކުޅުންތެރިންނަށް ފުރުސަތު ހަނިވާ ގޮތަށް ކުރާނަމަ ދުރާލާ އިއުލާނުކޮށްގެން ކަންކަން ކުރުމުގެ ވިސްނުން ނުގެންގުޅޭނެ ކަމަށެވެ.

"މިކަން ފުރުސަތު ކުޑަކޮށް ކުރާނަމަ އިއުލާނުނުކޮށް، ކުޅުދުއްފުށިން ޓީމު ނަގައިގެން އެންމެ ފުރަތަމަ ވެސް ޕްރެކްޓިސް ފެށޭނެތާ. އެކަމަކު، އެހެނެއް ނޫން މި ކަން މި ކުރީ، ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ދުރާލާ އިއުލާނުކޮށްގެން ކުރިއަށްދާން ނިންމީ،" މުޖުތަބާ ވިދާޅުވި އެވެ.

"ޑީސެންޓްރަލައިޒްކޮށް ކަންކަން ކޮށް އުޅޭ ޒަމާނެއްގައި އެކަމެއް އެންމެ ރަނގަޅަށްކޮށް، ވަސީލަތް ވެސް އޮތް ތަނެއްގައި އެކަން ކުރެވޭނީ. އަބަދުވެސް އެކަމަށް މަރުހަބާ ކިޔަންޖެހޭ،"

ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް މުޖުތަބާ އިވެންޓެއްގެ ތެރެއިން ވާހަަކަ ދައްކަވަނީ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

މުޖުތަބާ ވިދާޅުވީ، ކުޅުދުއްފުށި ސިޓީގައި ބީޗްހޭންޑްބޯޅަ ކުޅޭތާ ހަ އަހަރުވެފައިވާ ކަމަށެވެ. އެހެން އެއްވެސް ރަށެއްގައި ބީޗްހޭންޑްބޯޅަ ކުޅެން ނުވިސްނައި، އޮއްވައި ކުޅުދުއްފުށިން އެކަން ކުރަން އިސްނަގައިގެން ކުރި މަސައްކަތް ވަރަށް ރަނގަޅު ކަމަށާއި ކުޅުދުއްފުށީގައި މިހާރު ބީޗްހޭންޑްބޯޅަ އަށް ހާއްސަ ރަނގަޅު ވަސީލަތެއް އޮތް ކަމަށް މުޖުތަބާ ވިދާޅުވި އެވެ.

"މާލޭގައި، ދެން، މާލެ ސަރަހައްދުގައި ވެސް، ކުޅުދުއްފުށި އެ އޮތް ފެންވަރަށް މި މުއްދަތުގެ ތެރޭގައި ބީޗްހޭންްޑްބޯޅަ ކުޅެވޭނެ ފެންވަރަށް ނެތްތަނެއް. މިއީ، މި ކަމުގައި މައިގަނޑު ގޮތެއްގައި ބެލި ކަންކަމަކީ،" މުޖުތަބާ ވިދާޅުވި އެވެ.

ހޭންޑްބޯޅަ މުޅި ރާއްޖެ އަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔައިރު، އުތުރުގެ އަތޮޅުތަކުގައި ހޭންޑްބޯޅަ ހަލުވި ދުވެލީގައި ވައިގައި ހިފަން މެދުވެރިވި އެންމެ ބޮޑު ސަބަަބަކީ ކުޅުދުއްފުށިން އެ ކަމަށް ބެހެއްޓި އަހައްމިއްޔަތުކަމެވެ. އެ ގޮތުން، ރަނގަޅު ލެވަލްގެ ރެފްރީން ތަމްރީން ކުރުމާއި ހަރަކާތްތައް ގަވާއިދުން ގެންދިއުމުގައި ކުޅުދުއްފުށިން ކުރީ ނަމޫނާ މަސައްކަތެއް ކަމަށް އެސޯސިއޭޝަނުން ގަބޫލުކުރެ އެވެ.

"އުތުރުގައި ހޭންޑްބޯޅަ އަހަރެމެންނަށް ކުރިއަށްގެންދެވޭ އެންމެ ބޮޑު ސަބަބަކީ ކުޅުދުއްފުށި، އެއީ ކުޅުދުއްފުށީގައި ތިބޭނެ ހޭންޑްބޯޅަ ރެފްރީން، އެ މީހުންގެ އެހީތެރިކަމާ އެކީގައި ރެފްރީ ކޯސްތަކާ އެއްޗެހި ހިންގައި، އެ މީހުންގެ ތިބޭނެ އިންސްޓްރަކްޓަރުން ވެސް އުފައްދާފައި، ކުޅުދުއްފުށިން މި ފޮނުވަނީ ހއ ނޫނީ ހދ ގައި މުބާރާތެއް އޮތިއްޔާ ނޫނީ ށ. އަތޮޅުގައި މުބާރާތެއް އޮތިއްޔާ. މާލެ އިން މިހާރު ދާނީ ވަރަށް ބޮޑު މުބާރާތެއް އޮވެގެން ވަރަށް ބޮޑަށް ރިކުއެސްޓްކޮށްފިއްޔާ މަދު މީހަކު،" މުޖުތަބާ ވިދާޅުވި އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން، ބީޗްހޭންޑްބޯޅަ ގައުމީ ސިިލެކްޝަނަށް އަންނަ ފަރާތްތަކަށް އާންމު ރޭޓަށް ވުރެ އަގުހެޔޮކޮށް އެކޮމަޑޭޝަން ހަމަޖައްސައިދޭނެކަން އިއުލާނުކޮށްފައިވާތީ އެސޯސިއޭޝަނުން ވަނީ އެކަމަށް މަރުހަބާ ކިޔައިފަ އެވެ.

މީގެ އިތުރުން، ގައުމީ ސްކޮޑު ނެގުމަށް ފަހު، ދެން، ހަމަޖައްސަން ޖެހޭ ކަންތައްތަކުގެ ތެރެއަށް އެސޯސިއޭޝަންގެ ޒިންމާ ވެސް އަންނައިރު، އެސޯސިއޭޝަނުން ވެސް ކަންކަން ރާވައިދޭނެ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox