ދާދި ފަހުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވަނީ އެ ބޭންކުން ކުޑަކުދިންނަށް ހުޅުވަދޭ އެކައުންޓްތަކަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ.
އެގޮތުން ހަމައެކަނި ފައިސާ ރައްކާކުރަން ބޭނުންކުރާ އެކައުންޓެއްގެ ބަދަލުގައި ތިން ބޭންކް އެކައުންޓް ކޮންމެ ކުއްޖަކަށް ވެސް ހުޅުވަދޭ ގޮތަށް ވަނީ ބަދަލު ކޮށްފަ އެވެ.
އެމްއައިބީއިން ތައާރަފުކުރި އެ އެކައުންޓު ބަންޑްލްގައި ތިން އެކައުންޓެއް ހިމެނެ އެވެ. އޭގެ ތެރޭގައި ކުރިއެކޭ އެއްގޮތަށް ފައިސާ ރައްކާކުރެވޭ އެކައުންޓެއްގެ އިތުރުން ދިގު މުއްދަތަށް ފައިސާ އިންވެސްޓްކުރެވޭ އެކައުންޓެއް ހިމެނެ އެވެ.
މީގެ އިތުރުން ކުދިންނަށް ފައިސާ ބޭނުން ކުރުން އަހުލުވުރިކުރުވުމަށް ހަދާފައިވާ ބިންގާ ޓްރާންސެކްޝަން އެކައުންޓު ވެސް ހިމެނެ އެވެ.
ބިންގާ ޓްރާންސެކްޝަން އެކައުންޓް (ބިންގާ ޓީއާރުއެކްސް)
ބިންގާ ޓްރާންސެކްޝަން އެކައުންޓަކީ ކުދިންނަކީ މާލީ ގޮތުން ޒިންމާދާރު ޒަމާނީ ވަސީލަތްތަށް ބޭނުންކުރުމަށް އާދަވެފައިވާ ކުދިބަޔަކަށް ހަދައިދޭނެ އެކައުންޓެކެވެ.
ކުދިންނަށް ހަތް އަހަރު ފުރުމުން ކޭޝް ކާޑަކާއި އިންޓަނެޓް ބޭންކިންއަށް އެކްސެސް ލިބޭނެ އެވެ. ބެލެނިވެރިންގެ ފުރިހަމަ ބެލުމުގެ ދަށުން ބޭނުން ކުރެވޭ އެ އެކައުންޓުން ކުދިންނަށް ފަހަށް ރައްކާކުރުމުގެ އާދަ އަށަގެންނެވި ދާނެ އެވެ.
ކުދިންގެ އިންޓަވަލާއި ޕޮކެޓްމަނީ އަށް ދޭ ރުފިޔާ ބާކީކޮށް ސޭވިން އެކައުންޓަށް ބަދަލު ކުރެވިދާނެ އެވެ. މި ކަމަށް ބޭންކުންވެސް ބާރު އަޅާ އެކި ހަދިޔާ ކަނޑައަޅާފައިވާކަމަށް މި އެކައުންޓް ތައާރަފްކުރި ހަފްލާގައި ބޭންކުން އިއުލާން ކުރި އެވެ.
މި އެކައުންޓްގެ ކާޑު ކުދިން ގެންގުޅުން ނަމަވެސް ހަގީގީ ބާރުވެރި ފަރާތަކީ ބެލެނިވެރިއާއެވެ. ކުދިން ފައިސާ ބޭނުން ކުރާގޮތް އިންޓަނެޓް ބޭންކިންއިން ބެލެނިވެރިންނަށް ބެލެ އެވެ. ފައިސާ ބޭނުންކުރާވަރު ލިމިޓްކުރުން ފަދަ ބާރުތަށް ބެލެނިވެރިޔާއަށް ލިބެ އެވެ.
ބިންގާ ސޭވިން އެކައުންޓް (ބިންގާ ސޭވް)
މި އެކައުންޓަކީ ކުދިން ފަހަށް ފައިސާ ރައްކާކުރުމުގެ އާދަ އަށަގަންނަވަން ވަރަށް އެކަށޭނަ އެކައުންޓެކެވެ. މި އެކައުންޓަކީ ކުރުމުއްދަތަކަށް ފައިސާ ރައްކާކުރުމަށް ހާއްސަ އެކައުންޓެކެވެ.
ސްކޫލް ޗުއްޓީގައި ބޭނުންކުރުމަށް ނުވަތަ ކައިރި މުސްތަގްބަލެއްގައި ކުރަން ހުންނަ ހަރަދު ކުރުމަށް އެ އެކައުންޓުގައި ފައިސާ ރައްކާކުރެވިދާނެ އެވެ.
ބިންގާ ޓްރާންސެކްޝަން އެކައުންޓާއި ހިލާފަށް އެ އެކައުންޓުގެ އެސްސެސް ހަމައެކަނި އޮންނާނީ ބެލެނިވެރިޔާއަށެވެ.
ބިންގާ އިންވެސްޓްމަންޓް އެކައުންޓް (ބިންގާ އިންވެސްޓްމަންޓް)
ބިންގާ އިންވެސްޓްމަންޓް އެކައުންޓަކީ ދިގު މުއްދަތަކަށް ފައިސާ ރައްކާކުރުމަށް ހާއްސަ އެކައުންޓެކެވެ.
އެގޮތުން ކުއްޖާއަށް 18 އަހަރު ފުރުމުން އިތުރަށް ކިޔެވުމަށް ނުވަތަ އެޕާޓްމަންޓެއްގެ ޑައުން ޕޭމަންޓް ދެއްކުންފަދަ ކަންކަމަށް ފައިސާ ރައްކާކުރުމަށް މި އެކައުންޓް ބޭނުންކުރެވިދާނެ އެވެ.
އެ އެކައުންޓުގައި ރައްކާކޮށްފައި ހުންނަ ފައިސާގެ އެކްސެސް ހަމައެކަނި އޮންނާނީ ބެލެނިވެރިޔާއަށެވެ. އަދި އެ ތިން ވައްތަރުގެ އެކައުންޓަށް ވެސް ބެލެނިވެރިޔާއަށް އިންޓަނެޓް ބޭންކިން އެކްސެސް ލިބޭނެ އެވެ.
އެ އެކައުންޓު ތަކަކީ އަންނަން އޮތް ޖީލުތަކަކީ މާލީ ގޮތުން ޒިންމާދާރު ބަޔަކަށް ހެދުމަށް އެޅޭން މުހިންމު ބިންގަލަކަށް ވާނެއެވެ.











