ބިލިއަނަރު އަމްބާނީގެ ޖިއޯ އިން އިންޑިއާގެ އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވާލައިފި

Oct 21, 2026, 3:11 PM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

އިންޑިއާގެ ދެވަނައަށް އެންމެ މުއްސަނދި މީހާ ކަމަށްވާ މުކޭޝް އަމްބާނީގެ ޑިޖިޓަލް އަދި ޓެލެކޮމިއުނިކޭޝަން ވިޔަފާރިން، އެ ގައުމުގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރަތަމަ ފަހަރަށް އާންމު އިންވެސްޓަރުންނަށް ހުޅުވާލައިފި އެވެ.

ރިލަޔަންސް އިންޑަސްޓްރީޒް ލިމިޓެޑްގެ ދަށުން ހިންގާ ޖިއޯ ޕްލެޓްފޯމްސް އިން ބުދަ ދުވަހު ފެށި އައިޕީއޯ ނުވަތަ އަލަށް ހިއްސާ ވިއްކުމުގެ މަރުހަލާގައި، އަލަށް ނެރޭ ހިއްސާ ވިއްކައިގެން 302 ބިލިއަން ރުޕީސް (3.2 ބިލިއަން ޑޮލަރު) ހޯދުމަށް ވަނީ އަމާޒު ހިފާފަ އެވެ.

މި ހިއްސާ ވިއްކައިގެން ލިބޭ ފައިސާ އެ ކުންފުނިން ބޭނުންކުރާނީ، އިންޑިއާގެ އަމިއްލަ ދާއިރާގެ އެންމެ ބޮޑު ޓެލެކޮމް އޮޕަރޭޓަރު ކަމަށްވާ ރިލަޔަންސް ޖިއޯ އިންފޯކޮމް ލިމިޓެޑް ބިނާކުރުމަށާއި ފުޅާކުރުމަށް ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށެވެ.

އިންޑިއާގެ ހިއްސާގެ ބާޒާރު މިވަގުތު ދަށްކޮށް އޮތް ނަމަވެސް، މިއީ ނޭޝަނަލް ސްޓޮކް އެކްސްޗޭންޖް (އެންއެސްއީ) އިން ނެރުނު 2.4 ބިލިއަން ޑޮލަރުގެ ހިއްސާގެ ފަހުން، އެއް މަސް ދުވަހުގެ ތެރޭގައި އިންޑިއާގައި ބާއްވާ މިފަދަ ދެވަނަ ބޮޑު އައިޕީއޯ އެވެ.

ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހިއްސާ ވިއްކުމުގައި، ޖިއޯ ޕްލެޓްފޯމްސްގެ ހިއްސާއެއް ވިއްކުމަށް ހަމަޖެހިފައިވަނީ 1,065 އާއި 1,119 ރުޕީސްއާ ދެމެދުގެ އަގަކަށެވެ.

މި ހިއްސާ ވިއްކަން ފަށާފައި މިވަނީ، އިންޑިއާގެ އެންމެ ކުރިއަރާފައިވާ 50 ކުންފުނި ހިމެނޭ އެންއެސްއީގެ ބެންޗްމާކް އިންޑެކްސް "ނިފްޓީ 50" މި އަހަރުގެ ތެރޭގައި 12 އިންސައްތައަށް ވުރެ ބޮޑަށް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގަ އެވެ.

ރޮއިޓާސްގެ ރިޕޯޓެއްގައިވާ ގޮތުން، އައިޕީއޯ ރަސްމީކޮށް ހުޅުވާލުމުގެ ކުރިން، މުއައްސަސާތަކަށް ޚާއްސަކޮށްފައިވާ ހިއްސާތަކަށް ހޯމަ ދުވަހު އެކަނިވެސް 3.2 ބިލިއަން ޑޮލަރުގެ ބިޑް ވަނީ ލިބިފަ އެވެ. މިއީ އެ ފަރާތްތަކަށް ކަނޑައަޅާފައިވާ މިންވަރަށް ވުރެ 30 ގުނަ އިތުރު އަދަދެކެވެ.

މުއައްސަސާތަކުން ލިބުނު މި ބޮޑު ތަރުހީބަކީ، ޖިއޯގެ ފުޅާ ދާއިރާ އާއި، ނެޓްވޯކް އިންފްރާސްޓްރަކްޗާ އަދި ގާއިމުވެފައިވާ ކަސްޓަމަރުންގެ ބޮޑު އާބާދީގެ ސަބަބުން އިންވެސްޓަރުން އެ ކުންފުންޏަށް ޝައުގުވެރިވާނެ ކަމަށް އެނަލިސްޓުން ލަފާކުރި ގޮތާ އެއްގޮތް ނަތީޖާއެކެވެ.

ކުންފުނީގެ ބާނީ ދީރޫބާއީ އަމްބާނީ ވަނީ ހިއްސާދާރުންނަކީ "ރިލަޔަންސް އާއިލާ" ގެ ބައެއްގެ ގޮތުގައި މަޝްހޫރުކޮށްފަ އެވެ. މިއީ މިއަދާ ހަމައަށް ވެސް ދެމިއޮތް އުސޫލެއް ކަމުން، އެ ކުންފުންޏަށް ވަފާތެރި އާންމު އިންވެސްޓަރުންގެ ބޮޑު އާބާދީއެއް އޮވެ އެވެ.

ޖިއޯ ޕްލެޓްފޯމްސްގެ އައިޕީއޯއަކީ ފާއިތުވި ވިހި އަހަރު ތެރޭގައި އެ ގްރޫޕުން އާންމުންނަށް ހިއްސާ ވިއްކާ ފުރަތަމަ ފަހަރެވެ. އަދި މިއީ އަމްބާނީ އާއިލާގެ އާ ޖީލަށް ކުންފުނީގެ ލީޑަޝިޕް ބަދަލުވަމުންދާކަމުގެ ނިޝާނެއް ވެސް މެއެވެ.

އިންވެސްޓަރުންނަށް މައުލޫމާތު ދިނުމުގެ ހަރަކާތްތައް އިސްކޮށް ކުރިއަށް ގެންދިޔައީ ޖިއޯ ޕްލެޓްފޯމްސްގެ މެނޭޖިން ޑިރެކްޓަރު އާކާޝް އަމްބާނީ އާއި ރިލަޔަންސް ރީޓެއިލް ވެންޗާސްގެ އެގްޒެކެޓިވް ޑިރެކްޓަރު އިޝާ އަމްބާނީ އެވެ. މި ދެބެންނަކީ ރިލަޔަންސްގެ ޗެއާމަން މުކޭޝް އަމްބާނީގެ އެއްމާބަނޑު ދެ ދަރިންނެވެ. މިފަހަރުގެ އައިޕީއޯގެ ކަންކަމުގައި މުކޭޝް އަމްބާނީ އިންވެސްޓަރުންނާ ބައްދަލުކުރައްވާފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މޮރޮކޯގައި އަންހެން ބޮޑުވަޒީރަކު އައްޔަންކުރުމުން ދީނީ ބަހުސެއް

މޮރޮކޯގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ މަގާމަށް ފާތިމާ ޒަހްރާ އައްޔަންކުރެއްވުމާ ގުޅިގެން، އަންހެނުންނަށް އެފަދަ މަތީ މަގާމުތައް ދިނުމާ މެދު އެ ގައުމުގައި ދީނީ އަދި ސިޔާސީ ބޮޑު ބަހުސެއް ވަނީ ފެށިފަ. މި ނިންމުމަށް ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާއިރު، މިއީ މޮރޮކޯގެ ތާރީޚީ ނިންމުމެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމެއް.

ފްރާންސްގައި ރޭގަނޑު ބޭރަށް ނުކުތުން މަނާކޮށްފި

ފަރަންސޭސިވިލާތުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ޕެރިހާއި އެހެނިހެން ސިޓީތަކުގައި ރޭގަނޑު ބޭރަށް ނުކުމެ އުޅުން މަނާކޮށް ކާފިއު އިއުލާންކޮށްފިއެވެ. ތައުލީމީ ހާލަތު ރަނގަޅުކުރުމަށް ފެށި މި މުޒާހަރާތައް ފުޅާވެ، ހިނގި ކުރިމަތިލުންތަކުގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް ފުލުހުންނާއި އާންމުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

އަލްބޭނިއާގައި ހަމަނުޖެހުން ހިނގާތާ ހަތް ދުވަސް

އަލްބޭނިއާގެ ބޮޑުވަޒީރު އެޑީ ރާމާގެ އިސްތިއުފާއަށާއި ކޮރަޕްޝަނާ ދެކޮޅަށް ދަރިވަރުން އިސްވެ ކުރަމުންދާ މުޒާހަރާތަކުގައި ފުލުހުންނާއި އާންމުންގެ ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. ހަތް ދުވަހަށް ދެމިގެންގޮސްފައިވާ މި ހަމަނުޖެހުންތަކާ ގުޅިގެން ބޮޑުވަޒީރު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ދެއްވާފައިވާއިރު، ފުލުހުން އާންމުންނަށް އަނިޔާކޮށް ގާނޫނާ ޚިލާފަށް މީހުން ހައްޔަރުކުރާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައެވެ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

190 ކުދިން މަރާލި ކަލްޓް ލީޑަރުގެ މައްޗަށް ކުށް ސާބިތުވެއްޖެ

ކެންޔާގައި "އީސާގެފާނާ ބައްދަލުކުރުމަށް" ބުނެ 190 އަށް ވުރެ ގިނަ ކުޑަކުދިން ބަނޑަށް ބައިތިއްބައިގެން މަރާލި ކަލްޓް ލީޑަރު ޕޯލް މެކެންޒީ އާއި އޭނާގެ ބައިވެރިންގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ. މި ގަތުލުއާންމާ ގުޅިގެން މެކެންޒީގެ މައްޗަށް މީހުން މެރުމުގެ އިތުރުން ޓެރަރިޒަމާއި ހަރުކަށި ފިކުރު ފެތުރުމުގެ ދައުވާތައް ވެސް އުފުލާފައިވާއިރު، އޭނާއަށް އަދަބު ކަނޑައެޅުން އޮންނާނީ އަންނަ ނޮވެމްބަރު މަހުއެވެ. ޝަކަހޯލާ ޖަންގަލީގައި ހިންގި މި ލާއިންސާނީ އަމަލުތަކުގައި ޖުމްލަ 400 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ތަހުގީގުތަކުން ދައްކައެވެ.

ސައުދީގައި ބަންގްލަދޭޝް ދެ މީހުންނަށް މަރުގެ އަދަބު

މައްކާގެ މިސްކިތެއްގެ ތެރޭގައި ބަދުއަހުލާގީ އަމަލެއް ހިންގިކަން ސާބިތުވި ބަންގްލަދޭޝްގެ ދެ މީހަކަށް، އިސްލާމީ ޝަރީއަތުގެ ތައުޒީރީ އަދަބުގެ ދަށުން ސައުދީ އަރަބިއްޔާގައި މަރުގެ އަދަބު ދީފިއެވެ. މިކަމާ ގުޅިގެން ބަންގްލަދޭޝް ސަރުކާރުން އަންނަނީ އެ މައްސަލައިގެ އިތުރު ތަފުސީލު ހޯދުމަށް ސައުދީގެ ކަމާބެހޭ އިދާރާތަކާ މުއާމަލާތް ކުރަމުންނެވެ.

އޮސްޓްރޭލިއާ ޕާލަމެންޓު މެމްބަރެއްގެ ގައިގައި ކާރަކުން ޖައްސައިފި

އޮސްޓްރޭލިއާގެ ޕާލަމެންޓު މެންބަރު ހެލެން ހެއިންސްގެ ގައިގައި ކާރަކުން ޖައްސައި ސީރިއަސް އަނިޔާތަކެއް ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާއާ ގުޅިގެން 43 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، ބޮޑުވަޒީރު އެލްބަނީޒީ ވަނީ މިއީ ގަސްދުގައި ދީފައިވާ ހަމަލާއަކަށް ވުން އެކަށީގެންވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޮސްޓްރޭލިއާގެ ސިޔާސީ ބޭފުޅުންނަށް ކުރިމަތިވާ މިފަދަ ނުރައްކާތައް އިތުރުވަމުންދާކަން ހޯމް އެފެއާޒް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

Newsletter

Get the latest news delivered straight to your inbox