ސިޔާސީ ވާގިވެރިޔާއަށް ވީތީ، އޭނާ ލައްވާ ހިތާނުކުރުވަފާނަންތޯ؟

ޑޮކްޓަރުންނާއި ނަރުހުން އޮޕަރޭޝަން ތިއޭޓަރުގައި -- ފޮޓޯ: ކެންވަސް

ޑޮކްޓަރުންނާއި ނަރުހުން އޮޕަރޭޝަން ތިއޭޓަރުގައި -- ފޮޓޯ: ކެންވަސް

މާ އިހު ޒަމާނުގެ ސަހަރެއްގައި އުޅުނު ރަސްކަލެކެވެ. ސަހަރުގެ ބޭސްވެރިންގެ ހޯދުންތަކުން، ފިރިހެން ކުދިން ޅައިރު ހިތާނު ކުރުމަކީ ސިއްހީ ގޮތުން ފައިދާ ހުރި ކަމަކަށް އެވެރިންނަށް ވިސްނިގެން ރަސްގެފާނަށް އެ ވާހަކަ ދަންނަވައިފި އެވެ. ކަމުގެ ހައްސާސްކަމުން، ރަސްގެފާނު މިކަމުގައި ވަރަށް ބޮޑަށް ފިކުރުފުޅުކުރައްވައިފި އެވެ. އެޔާއެކު ނިންމެވީ އެކަން ކުރެއްވުމުގެ ރަނގަޅު އިންތިޒާމެއް ހަމަޖެއްސެވުމަށެވެ. އެޔަކީ ސަހަރުގެ އެންމެ މަތީ ފެންވަރުގެ ބޭސްވެރިން އެކަނި ކުރާ ކަމެއްގެ ގޮތުގައި ކަނޑައެޅުއްވި އެވެ. ސިއްހަތަކީ އިންސާނުންގެ ހެދިބޮޑުވުމާއި ސަލާމަތުން ހުރުމާ ގުޅިފައިވާ ކަމަކަށްވެފައި، ކަމުގެ ބާވަތަށް ރަސްގެފާނު ރިއާޔަތް ކުރެއްވި ވަރުން، ރަސްގެފާނު އަމުރު މައުރޫފު ހިންގަވާފައި އޮތީ، ބޭސްވެރިކަމުގެ އާދަޔާ ހިލާފު ހުނަރާއި އިލްމުގެ އިތުރުން ކަމުގެ ތަޖުރިބާވެސް ރަނގަޅަށް ލިބިފައިވާ މީހަކަށް މެނުވީ ކުދިން ހިތާނުކުރުމުގެ ހުއްދަ ނުދެއްވުމަށެވެ.

ރަސްގެފާނުގެ މި ނިންމެވުން ވީ ރަސްގެފާނަށް އޮތް ރައްޔިތުންގެ ލޯތްބާއި ތާއީދު އިތުރުވެގެންދިޔަ ކަމަކަށެވެ. އަދުލުވެރި އަދި ރައްޔިތުންނަށް ލޯބިވާ ވެރިކަންކަމަކީ މިއީ ކަމުގައިވާތީ އެވެ. ރަސްގެފާނުގެ ދަރިދަރިކަލުންނާއި އޭގެ ފަހަތަށް އައިހާ ދަރިކޮޅުން ވެރިކަން ކުރިއިރުވެސް ކުރިން ދެންނެވުނު އުސޫލު ހިފަހައްޓަވަމުން ގެންދެވިއެވެ. ތެދެކެވެ. ރަސްކަލަކަށް އޭރަކު ވަޑައިގަންނަވާ ބޭފުޅެއްގެ ހުންނަ ފަސާދައަކާއެކު އެމިންވަރަށް ދެންނެވުނު ހިތާނުކުރުމުގެ ނިޒާމުވެސް ގަޑުބަޑުވަމުންދިޔައެވެ.

މިހެންގޮސް، އެއްފަހަރަކު ހުންނެވި ރަސްގެފާނެއްގެ ދަރިކަލަކު ހިތާނުކުރަންވެފައިވަނިކޮށް، ދަރުބާރުގެ އިއްޒަތްތެރިއަކު ރަސްގެފާނަށް އައިސް ދަންނަވައިފިއެވެ. ރަސްގެފާނުގެ ދަރިކަލުން ހިތާނުކުރުމަކީ އާދައިގެ ޝަރަފެއް ނޫނެވެ. އެ އިއްޒަތް ދެއްވަންވާނީ އަޅުގަނޑުގެ ދޮށީ ދަރިއަށެވެ.

ރަސްގެފާނު މިކަމަކާ އެއްބަހެއް ނުވިއެވެ. އެކަމަކު ދަރުބާރުގެ އެހާ އިއްޒަތްތެރި ބޮޑަކު އެކަމުގައި ހިފައިގަތްލެއް ބޮޑުކަމުން ރަސްގެފާނު އޭނާގެ ބަހަށް ދީލާލައްވައިފި އެވެ. އިހު ކާބަފައިން އަމަލުކުރައްވަމުން އައި ގޮތް މުޅިން ބަދަލުކުރައްވައި، ހިތާނު ވުޒާރާގެ ނަމުގައި ވުޒާރާއެއް ހައްދަވައި، ރަސްގެފާނުގެ ސިޔާސީ ވާގިވެރިޔާގެ ދަރިކަލުންނަކީ، އެ ވުޒާރާގެ ވަޒީރުކަމުގައި ލައްވައިފިއެވެ. އިސާހިތަކު ވަޒީރު ފަތްކޮޅާއެކު، ވަޒީރުގެ އަމުރުތައް ނެރުއްވަން ފައްޓަވައިފިއެވެ. ހެއްދެވި އުސޫލުގެ ނަތީޖާއަކަށްވެފައި އޮތީ، ބޭސްވެރިކަމުގެ އިލްމުން ކިތަންމެ ކުޑަ މިންވަރެއް ވެސް އެނގޭ މީހަކަށް ނަމަ ކުދިން ހިތާނުކުރެވޭ ގޮތް ނުވުމާއި، އެބާވަތުގެ ކަންކަން ކުރުމުގެ ހުއްދައަކީ ވަޒީރާ އޮންނަ ގުޅުމެއްގެ މައްޗަށް ދެވޭ ހުއްދައެއްކަމުގައިވެގެންދިއުމެވެ.

އާހިރުގައި ރަސްގެފާނު ބިރުފުޅުން، އެންމެހާ ބޮޑުންނާ ސިއްރުން، ދަރިކަލުން ދުރު ސަހަރަކަށް ފޮނުއްވީއެވެ. އެކުގައި އިހު ހުއްދަ އޮތް ތަޖުރިބާކާރު ބޭސްވެރިންގެ ބަޔަކުވެސް ދަރިފުޅުގެ ހިދުމަތުގައި ލައްވާފަ އެވެ. ކޮންމެ އަކަސް ރަސްގެފާނުގެ އަރިސް ސިޔާސީ ވާގިވެރިޔާގެ ދޮށީދަރި، ހިތާނު ވަޒީރުކަމުގައި ވެއްޖެ އެވެ. ބުނެވޭ ގޮތުގައި އެ ސަހަރުގައި އެފަހަށް ޖިސްމާނީ ގޮތުން ފުރާފުރިހަމަ ފިރިހެނަކު ހުރުމަކީ ނާދިރުކަމެއްކަމުގައި ވެގެންދިޔައެވެ.

މިއީ ތުންތުން މަތިން ކިޔޭ ހިޔާލީ ވާހަކައެކެވެ. މި ވާހަކަ ލިޔެލާން މިޖެހުނީ އަޅުގަނޑުގެ ވަގުތު ގިނަވެގެންނެއް ނޫނެވެ. އަދި ހެއްވާ މަޖާކަމަކަށް ވެގެންނެއް ވެސް ނޫނެވެ. ސުރުހީގައި ވެސް އަޅުގަނޑު މިކުރާ ސުވާލަކީ، ދަރިފުޅު ހިތާނުކުރުން ފަދަ ކަމެއް އެކަމުގެ ތަޖުރިބާއެއް އިލްމެއް ނެތް މީހަކަށް ހަވާލުކުރަން ކެރިދާނެތޯ އެވެ؟ ހަމައެކަނި ތިމާ އާއި އޮންނަ ގާތް ކަމަކަށް ބަލައި، އެފަދަ ސީރިޔަސް ކަމެއް މީހަކު ލައްވައި ކުރުވަފާނަންތޯ އެވެ؟ ކަމުގެ ތަޖުރިބާއަށް އިލްމުވެރިކަމަށް ބެލުމެއް ނެތި ހަމައެކަނި ތިމާއާ އޮތް ސިޔާސީ ގުޅުމަކަށް ބަލައި، އެމީހަކު ލައްވައި ކުދިން ހިތާނުކުރުވުމާއި އެނޫންވެސް އެބާވަތުގެ ކޮންމެ ހުތޫރަތްތެރި ޒިންމާއެއް އެކަމުގެ އާޖުފާޖު ނެތް މީހަކާ ހަވާލުކުރުމާއި އެކަމަށް ރުހިގެން ރައްޔިތުން ތިބުމާ ހަމަ އެއްވެސް ތަފާތެއް ނެތެވެ.

ގައުމެއްގެ ވުޒާރާތަކަކީ ކުޅޭކުޅޭ ތަންތަނެއް ނޫނެވެ. އެއީ ސީރިޔަސް މަސައްކަތެކެވެ. ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެކެވެ. އޭގައި އެކުލެވިފައިވަނީ އެންމެހާ ރައްޔިތުންގެ ހައްގުތަކެވެ. ވަޒީރުކަމާއި އެމްބަސަޑަރުކަމާއި ނައިބުކަމާއި މަޖިލީހުގެ މެންބަރުކަމާއި މިބާވަތުގެ މަގާމުތައް މީސްމީހުންނަށް ދޭންވާނީ، އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ އިލްމާއި ތަޖުރިބާ އެމީހެއްގެ ހުރިނެތް ގޮތް ބަލައިގެންނެވެ. ދިވެހިރާއްޖޭގެ ބޮޑެތި މަގާމުތައް މިފަހުން ސިޔާސީވާގިވެރިކަމުގެ ތެރެއިން ބެހިގެންދާއިރު، ކުޑަކުދިން ރުއިމާ އެކުދިން ލޮއްސަން ކުޅޭ އެއްޗެހި ދިނުމުގައި ބަލާލާ ވަރަށް ވެސް ބަލާލާފައި އޮންނަ ތަނެއް ނުފެނެއެވެ. މީގެ މިސާލު ހަމައެކަނި ޓޫރިޒަމް ދާއިރާގެ މަގާމުތަކަށް ބެއްޔަސް ސާފުކޮށް ފެނިވަޑައިގަންނަވާނެއެވެ.

ދެން އިސްލާމްދީނުގެ ސާފު ސީދާ އިރުޝާދުން ބައެއް ނަންގަވާށެވެ. އަޅުގަނޑު އެކަނިވެސް އެތައް ލިޔުމެއްގައި ތަކުރާރުކޮށްފައިވާ ހާދިސާ ވިދާޅުވާށެވެ. ތަކުރާރުކޮށް ހަނދާންކޮށްދިނުމަކީ މުއުމިނުންނަށް މަންފާހުރިކަމެއް ކަމުގައި ކީރިތި ޤުރުއާނުގައި މާތް ﷲ އަންގަވާފައިވާތީ އަނެއްކާ މި ލިޔުމުގައި ވެސް ތަކުރާރުކޮށްލާނަމެވެ. މާތް ނަބިއްޔާ ހަދީސްކުރެއްވި އެވެ. ގިޔާމަތާ ބެހޭ ގޮތުން ސުވާލުކުރި މީހާ ކޮބާހެއްޔެވެ؟ އެމީހަކު ތިމަން މިހުރީއޭ ދެންނެވީމާ ހަދީސްކުރެއްވިއެވެ. އަމާނާތް ގެއްލިގެން ހިނގައްޖެނަމަ ދެން ގިޔާމަތަށް އިންތިޒާރުކުރާށެވެ. ދެންނެވުނެވެ. އަމާނާތް ގެއްލޭނީ ކިހިނަކުންހެއްޔެވެ؟ ހަދީސް ކުރެއްވި އެވެ. ކަންކަން އެކަމުގެ އަހުލުވެރިކަމެއް ނުވާ މީހުންނާ ހަވާލުކުރެވިއްޖެނަމަ ދެން ގިޔާމަތަށް އިންތިޒާރުކުރާށެވެ.

ނިމިގެންދިޔަ ހަފުތާ މި ނިންމާލީ، ދިވެހިރާއްޖޭގެ ޓޫރިޒަމް ދާއިރާގެ މުހިންމު ދެ ވާހަކައަކުންނެވެ. ނުރައްކާތެރި ހިތާމަވެރި ދެހަބަރަކާއެކުގައެވެ. ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބުރަކޮޅާއި ބޮޑުކޮޅު ދައުލަތަށް އެ އަންގަވަނީ، ޑޮލަރު އުސޫލަށް އަމަލުނުކުރައްވާނެކަމަށެވެ. ޝައްކެތް ނެތެވެ. އެބޭފުޅުންނަކީ މިއޮއްހާ ދުވަހު ސަރުކާރުގެ ނިންމުންތަކަށް ބޯލަނބައިގެންތިބި ގައުމުގެ ބޮޑުންނެވެ. އެބޭފުޅުން އެހެން އެއަންގަވާ ސަބަބާއި ހާލަތު އަޅުގަނޑަށް ސާފެވެ. ގައުމުގެ އިގުތިސާދީ ހާލަތު ސަރުކާރުގެ ނުބައްދަލު އިސްރާފާއި މަގާމަށް ކުފޫހަމަނުވާ ސިޔާސީންގެ އަތްމަތިން ސަލާމަތްކުރުމެއް ނެތި، ވިޔަފާރިވެރިންގެ އަމިއްލަ މަސައްކަތުން ހޯދާ ފައިސާއިން ގައުމު ހިންގަން ނިންމެވުމަކީ ދިވެހިރާއްޖޭގެ އިގުތިސާދަށް ދިމާވެފައިވާ މައްސަލައިގެ ހައްލެއް ނޫނެވެ.

ބަދަލުކުރަންޖެހޭ ސިޔާސަތަކީ، ކަމުގެ އަހުލުވެރި އިލްމުވެރި ފަންނުވެރިން އެއްކައިރިކޮށް، ތަޖުރިބާއެއް ނެތަސް އިލްމެއް ނެތަސް ހިލްމެއް ނެތަސް ގާތްމީހުންނާއި ރަހުމަތްތެރިންގެ ދަރިން ލައްވައި، ރާއްޖޭގެ އިގުތިސާދާއި ފަތުރުވެރިކަން 'ހިތާނުކުރަމުންދާ' ދިއުމެވެ. ތިމާގެ މުނިފޫހިފިލުވާލުން ފަދަ އަމިއްލަ ކަމެއް ވެސް ހަވާލުނުކުރާނެ ވަރުގެ މީހުންނާ ގައުމުގެ އެންމެ ބޮޑެތި މަސްއޫލިއްޔަތުތައް ހަވާލުކޮށްފައި އޮތް އޮތުމެވެ. ޓޫރިޒަމް ދާއިރާ ހިމެނޭހެން އިގުތިސާދީ ދާއިރާގެ މުހިންމު ދިމަދިމާއާއި މުހިންމު މަގާމުތަކެވެ.

އިސްލާމީ ވެރިކަމެއް ކުރުމަކީ މިވާހަކަ ދައްކާ ނޫސްތައް ހުއްޓުވައި ނޫސްވެރިންގެ އަނގަ ބަންދުކުރުމެއް ނޫނެވެ. އިސްލާމީ ވެރިންނަކީ މީހުން ކިޔާ ފާޑު ބަލައިގަނެ، ކަމުނުދާ ފާޑަށްވެސް ފުރުސަތުދީގެން ވެރިކަންކުރި ބަޔެކެވެ. އިސްލާމީ ވެރިކަމުގެ ގޯލްޑަން އޭޖްގެ ހިލާފަތުގެ ދަރުބާރުތައް ދިރާސާކުރައްވާށެވެ.

ފިޔަވަޅު އަޅާ ހުއްޓުވަންވީ މިވާހަކަ ދައްކާ ނޫސްތަކެއް ނޫނެވެ. ކަމަށް އެކަށީގެންވާ މީހުން ވަޒީރުން ކަމުގައި ލައްވާށެވެ. އިސްރާފު ހުއްޓަވާށެވެ. ބޭކާރު ސިޔާސީ މަގާމުތައް އުވާލައްވާށެވެ. ކަމެއް ނުކުރާ މީހުންނަށް ދައުލަތުން މުސާރަނުދެއްވާށެވެ. މިއީ ދަރާ އަވަދިވެފައި އޮތް ދައުލަތެކެވެ. އިސްލާމީ ވެރިކަމެއް ކުރުމަކީ ރައްޔިތުންގެ އަޑު އަހައި ރައްޔިތުންނަށް ޚިދުމަތްކޮށް ރައްޔިތުންގެ ހިތަށާއި ސިކުނޑިތަކަށް ލުއި ލިބޭނޭ އިންތިޒާމުތަކެއްގެ މަތީން ރައްޔިތެއްގެ ކަންތައް ބެލެހެއްޓުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox