ކޮންމެ ފާޑަކަށް އޮތަސް ގާނޫނަކަށް ނަމަ ތަބާ ވާންޖެހޭތަ؟

-އާޓޯވޯކް: އިސްމާއީލް އިމްދާދު

-އާޓޯވޯކް: އިސްމާއީލް އިމްދާދު

ދައުލަތެއްގެ ތަރުތީބުތަކުގެ ތެރެއިން ރައްޔިތުން އަމަލުކުރަން އެންގޭ ގާނޫނުތަކަކީ ހުރިހާ ފަހަރަކު އަދުލުވެރި ގާނޫނުތަކަކަށް ނުވެދާނެ އެވެ. އަދުލުއިންސާފުގެ ހަމަތަކާއި، ޒަމާނީ ޑިމޮކްރެސީގެ އަސާސްތަކާ ހިލާފު، އަދި ރައްޔިތުންގެ ޒަމީރު ގަބޫލުނުކުރާ ގާނޫނެއް ފާސްވުމުން ދެން އަމަލުކުރެވެން އޮންނާނޭ ގޮތަކީ ކޮބައިތޯ އާއި، އެފަދަ ގާނޫނުތަކާ ދެކޮޅު ހެދިދާނޭތޯ މިއީ ކޮންމެ މީހެއްގެ ހިތުގައި ވެސް އުފެދޭނޭ ސުވާލެކެވެ. އެ ގާނޫނުގެ ސަބަބުން މުުޖުމުތަމައުގެ ވަކި ބައެއްގެ ހައްގަށް އުނިކަން އަންނަ ނަމަ އެހާލަތުގައި އަމަލުކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ގާނޫނީ އުސޫލުތަކާއި، އިންސާފުވެރި މުޖުތަމައުއެއްގެ އަސާސްތަކަށް ވަކާލާތުކޮށް، އެކަންކަމާމެދު ވާހަކަދައްކާ ފަލްސަފާވެރިންގެ ވިސްނުން މި މައުލޫގެ މައްޗަށްވެސް ހިންގާފައި ވެ އެވެ.

ވެރިކަން ހިންގުމުގެ ޒަމާނީ ވިސްނުންތަކުގައި، ގާނޫނު ހެދުމުގެ ބާރު ލިބެނީ ރައްޔިތުން އިންތިހާބުކުރާ މަންދޫބުންނަށެވެ. އެ މަންދޫބުން ރައްޔިތުންގެ ފިކުރާ ކަނޑައެޅިގެން ހިލާފު ގާނޫނުތައް ފާސްކޮށް، އެ މައްޗަށް އަމަލުކުރުމަށް ބާރުއެޅީމާ ދެން ހަދާނީ ކިހިނެއްތޯ އެވެ. އެ ހާލަތުގައި އެ ގާނޫނުތަކަށް އަމަލުކުރުމަށް އިއުތިރާޒު ކުރުމަކީ ކޮންމެ ފަރުދެއްގެ ހައްގެއް އަދި ވާޖިބެއްކަމަށް ދެކޭ ޝަހުސިއްޔަތުތައް ދުނިޔޭގެ ތާރީހު ދެކެފި އެވެ. އަދި އެ މަގުން ކުރި އިހުތިޖާޖުތަކުން އެދެވޭ ނަތީޖާތަކެއް ވެސް ނެރެފައިވާކަންވެސް ފެންނާން އެބައޮތެވެ.

ޑރ. މާޓިން ލޫތަ ކިންގް ދެކެވަޑައިގަންނަވާ ގޮތުގައި، "ބޭއިންސާފު ގާނޫނަކަށް ބޯނުލެނބުމަކީ ކޮންމެ ފަރުދެއްގެ ހައްގެއް އަދި ވާޖިބެކެވެ." ދައުލަތް ހަމަމަގަށް އެޅުމަށްޓަކައި، ބޭއިންސާފު ގާނޫނުތަކަށް އަމަލުކުރަން ފަރުދުން އިއުތިރާޒުކުރުމަކީ ބައެއް ހާލަތްތަކުގައި، ގާނޫނީ ނިޒާމު ރަނގަޅުކުރުމަށް އެޅޭނޭ ބާރެއް ކަމަށް ކިންގު ދެކެވަޑައިގެންނެވި އެވެ. އަދި "ބޭއިންސާފު ގާނޫނަކަށް ނުކިޔަމަންތެރިވެ، ހަމައެއާއެކު އެ ނުކިޔަމަންތެރިކަމުގެ ސަބަބުން ލިބޭން އޮންނަ އަދަބު ލިބިގަންނަ މީހާއަކީ ހަގީގަތުގައި ގާނޫނަށް އެންމެ ބޮޑު އިހުތިރާމެއް އަދާކުރާ މީހާ" ކަމުގައި ދެކެވަޑައިގަންނަވާކަމަށް އޭނާ ވިދާޅު ވެ އެވެ.

މާޓިން ލޫތަ އޭނާގެ ތަގުރީރެއްގައި ވިދާޅުވެފައި ވެއެވެ.

"ބައެއް ހާލަތްތަކުގައި ގާނޫނެއް އޭގެ ޒާތުގައި އިންސާފުވެރި ނަމަވެސް، އެ ގާނޫނު ތަންފީޒުކުރުމުގައި އިންސާފުވެރިނުވާ ހާލަތުތައް ކުރިމަތި ވެ އެވެ. މިސާލަކަށް، އަހަރެން ހައްޔަރުކުރެވުނީ ހުއްދައެއް ނެތި ހިނގާލުމެއް ބޭއްވުމުގެ ކުށުގަ އެވެ. ހިނގާލުމަކަށް ހުއްދައެއް ހޯދަން ޖެހޭކަމަށް ގާނޫނެއްގައި ކަނޑައެޅުމުގައި އޭގެ ޒާތުގައި މައްސަލައެއް ނެތެވެ. އެހެން ނަމަވެސް، އެ ގާނޫނު ބޭނުންކުރެވެނީ ނަސްލީ ތަފާތުކުރުން ދެމެހެއްޓުމަށާއި، ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ އެއްވެއުޅުމާއި އިހުތިޖާޖުކުރުމުގެ ހައްގު ނިގުޅައިގަތުމަށް ކަމުގައިވާނަމަ، އެއީ އިންސާފުވެރިކަމަކަށް ނުވާނެ އެވެ. އެ ހާލަތުގައި އެ ގާނޫނު ތަންފީޒުކުރަން އެ އުޅެވެނީ ބޭއިންސާފުންނެވެ. އަހަރެން މި ފާހަގަކުރަން އުޅޭ ތަފާތު ފެނިވަޑައިގަންނަވާނެ ކަމަށް ހީކުރަމެވެ. އެއްވެސް ގޮތަކުން، ހަރުކަށިވެ، ގާނޫނަށް ނުކިޔަމަންތެރިވުމަށް އަހަރެން ބާރުއަޅަނީއެއް ނޫނެވެ. އެކަމުން ނުކުންނާނީ ހަމަނުޖެހުމެވެ. އިންސާފުވެރިނޫން ގާނޫނަކާ ހިލާފުވާ މީހަކު އެކަން ކުރަންވާނީ ހާމަކަން ބޮޑު ގޮތެއްގައި، ސުލްހަވެރިކަމާއެކު، އަދި އޭގެ އަދަބު ގަބޫލުކުރުމަށް ރުހުމާއެކުގަ އެވެ. އަހަރެން ދެކޭގޮތުގައި، އޭނާގެ ހިތް ބުނާގޮތުން އިންސާފުވެރިނޫން ކަމަށް ފެންނަ ގާނޫނަކާ ހިލާފުވެ، އެކަމުގެ އަދަބު ގަބޫލުކޮށް، އެ ގާނޫނުގެ އިންސާފުވެރިނުވާކަމާމެދު މުޖުތަމައު ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ޖަލުގައި ހުރުމަށް އިހުތިޔާރުކުރާ މީހަކީ، ހަގީގަތުގައި ގާނޫނަށް އެންމެ މަތީ ދަރަޖައިގެ އިހުތިރާމް ކުރާ މީހެކެވެ."

އެމެރިކާގެ ތިން ވަނަ ރައީސް ތޯމަސް ޖެފަރސަން މި މައުލޫގައި ވިދާޅުވަނީ، "ގާނޫނެއް ބޭއިންސާފުވެރިނަމަ، އެ ގާނޫނާ ދެކޮޅު ހެދުމަކީ އާންމު ފަރުދުންގެ ހައްގެއްގެ އިތުރުން ޒިންމާއެއް" ކަމަށެވެ. ޖެފަރސަންގެ މި ބަހަކީ ހުރިހާ ގާނޫނަކާ އާންމުގޮތެއްގައި ހިލާފުވުމަށް ހިއްވަރު ދެއްވައި އެކަމަށް ކުރެއްވި ވަކާލާތެއް ނޫނެވެ. ޖެފަރސަންގެ ނަޒަރުގައި ގާނޫނަކާ ދެކޮޅު ހަދާން އޮތް ޝަރުތަކީ އެ ގާނޫނުގެ ސަބަބުން ފާޅުކަން ބޮޑު ބޭއިންސާފެއް މެދުވެރިވުމެވެ. ޖެފަރސަން އަކީ ރައްޔިތުންގެ ބާރުވެރިކަމަށް ވަކާލާތުކުރެއްވި ބޭފުޅެކެވެ. ދައުލަތެއްގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސްއޫލުވެރިކަން އަބަދުވެސް ރައްޔިތުންނަށް އޮތުމަކީ ޖެފަރސަން ދެކެވަޑައިގެންނެވި ހަމަ އެވެ. އޭނާ ވިދާޅުވެފައި އޮވެ އެވެ. "ރައްޔިތުންގެ ފަރާތުން ދޭތެރެއަކުން ކުޑަ އުރެދުމެއް ގެނެސްގަތުމަކީ ދުޅަހެޔޮ ސަރުކާރެއް ހިންގުމަށް ބޭނުންތެރި ބޭހެކެވެ."

ފަލްސަފާއެއްގައި އެންމެން އިއްތިފާގެއް ނުވާނެ އެވެ. ގާނޫނަށް ތަބާ ނުވުމުގެ ހައްގު އޮތުމާމެދު މަތީގައި މި ދަންނަވާލެވުނީ އިންގިލާބީ ވިސްނުމުގެ ފަސްލަފާވެރިންގެ ނަޒަރިއްޔާ އެވެ. މިއީ ހުރިހާ ބޭފުޅުން އިއްތިފާގު މައްސަލައެއް ނޫނެވެ.

ގާނޫނީ މާހިރު ޖޯން އޯސްޓިން ވިދާޅުވާ ގޮތުގައި ގާނޫނު އަދުލުވެރިތޯ ބެލުމަށްވުރެ އިސްކުރަންޖެހޭ ސުވާލަކީ ގާނޫނު ދިރިއޮތްތޯ އެވެ. އެ ގާނޫނަކީ އެކަމުގެ ބާރު ލިބިގެންވާ މުއައްސަސާއަކުން އެކުލަވާލާފައި އޮތް ގާނޫނެއްނަމަ އެ ގާނޫނުގެ އަދުލުވެރިކަމާމެދު އުފެދޭ ސުވާލުގެ ސަބަބުން އެ ގާނޫނަށް އަމަލުކުރުން ދޫކޮށެއް ނުލެވޭނެ އެވެ. އަދުލުވެރި ނޫންނަމަ އެކަމަށް ހޯދަންޖެހޭނީ އެހެން ހައްލެކެވެ. ގާނޫނު ދެމިއޮތްހައި ހިނދަކު އެ ގާނޫނުގެ ބާރުވެރިކަން ނަގަހައްޓަންވާނެ އެވެ.

ޔޫނާނީ ފަލްސަފާވެރިއެއްކަމަށްވާ ސޮކްރޭޓްސް މެރުމަށް ކަނޑައެޅުނީ އެ މުޖުތަމައުގައި އަމަލުކުރަމުންއައި އުސޫލުތަކާ އިދިކީލި ހިޔާލު ފައުޅުކޮށް، އެ ވިސްނުން އޭނާގެ ދަރިވަރުންނަށް އުގަންނައިދިނުމުގެ ކުށުގަ އެވެ. މިއީ ވަރަށް ބޮޑު ކުށަކަށް ހަދައި އޭނާ ބަންދުކުރެވުނެވެ. ޖަލުގައި ބަންދުކޮށްފައި ހުރިއިރު އެތަނުން ފިލައި ރައްކާވެގެން ދިއުމުގެ އެތައް ފުރުސަތެއް ސޮކްރޭޓްސްއަށް ލިބުނެވެ. އެހެންނަމަވެސް ސޮކްރޭޓްސް އެކަމަށް އިއުތިރާޒުކޮށް އެ ފުރުސަތު ދޫކޮށްލި އެވެ. އޭނާ ދެކުނީ، ގާނޫނަކީ ދައުލަތެއްގެ މެދުގައި ވެވިފައި އޮންނަ އެއްބަސްވުމެއްކަމަށާއި، އެއްވެސް ހާލެއްގައި ގާނޫނަކާ ހިލާފުވެގަތުމުގެ ހައްގު މުޖުތަމައުގެ އެއްވެސް އަފުރާދަކަށް ނޯންނާނޭކަމަށެވެ. އަމިއްލަ ސަލާމަތް ހޯދުމަށް ލިބުނު ފުރުސަތުތަކަށް ސޮކްރޭޓްސް ފުރަގަސްދިނީ ހަމައެކަނި ގާނޫނާ ހިލާފު އަމަލެއް ނުކުރުމުގެ ވިސްނުމުގަ އެވެ. ސޮކްރޭޓްސް ދެކުނު ގޮތުގައި އެއްވެސް ފަރުދަކު ހަމަ އެންމެ ގާނޫނަކަށްވެސް ކިޔަމަންވުމަށް އިއުތިރާޒުކުރުމަކީ ދައުލަތުގެ ހުރިހާ ގާނޫނުތަކެއް މަރާލުން ފަދަ ކަމެކެވެ. އޭނާ ބުނަމުން ގެންދިޔައީ ބޭއިންސާފެއްގެ ބަދަލުގައި، ބޭއިންސާފު ކުރިއަށް ނެރޭ މުޖުތަމައުއެއްގައި ހަމަޖެހުމެއް ނޯންނާނޭކަމަށެވެ.

މި ފާހަގަކުރެވުނު ހުރިހާ ޝަހުސިއްޔަތުތަކަކީވެސް ރަނގަޅު މީހުންގެ ދުނިޔެއަކަަށް ދުނިޔެ ހެދުމަށް މަސައްކަތްކުރެއްވި ލީޑަރުންނެވެ. ގާނޫނުތަކަށް ތަބާވުމަށާއި، ހެޔޮގޮތްތައް ކުރިއަށް ނެރުމަށް ވަކާލާތުކުރެއްވި ރައްޔިތުންގެ ވަކީލުންނެވެ. ބޭއިންސާފު ގާނޫނަށް ތަބާނުވުމަށާއި، އެފަދަ ގާނޫނުތަކަށް ކަނޑައެޅިގެން އިންކާރުކުރުމަށް މި ބޭފުޅުންގެ ވަސިއްޔަތް މާކުރިން ލިޔެވިފައި އެބައޮތެވެ. އަޅުވެތިކަމުން އަރައިގަތް ހުރިހާ ތަނެއްގައި އެކަން އެމަގުން ހިނގާފައި އޮތީ ދެކޮޅު ހެދުންތަކަކީ އަސާސްކަމުގައި ވެގެންނެވެ. އިންޑިޔާގެ މިނިވަންކަމަށް ކުރެވުނު މަސައްކަތްތަކަކީ މީގެ ނަމޫނާއެކެވެ. ގާނޫނަށް އަމަލުކުރިނަމަ އިންޑިޔާގެ ސަބްކޮންޓިނެންޓް ބައެއްގެ 'ހިމާޔަތުގައި' އޮތީހީ އެންމެ 300 އަހަރު ވަންދެނެެއް ނޫނެވެ. މިއަދުވެސް އެކަން އޮތީހީ އެގޮތަށެވެ.

ރާއްޖޭގައި ވެސް މިކަން ހިނގަނީ މިގޮތަށެވެ. ދައުލަތުން ކުރިން ހުއްދައެއް ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެސް އުޅުމަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ އަސާސީ ހައްގެއްކަމަށް ގާނޫނުއަސާސީން ކަށަވަރުކޮށްދެ އެވެ. ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނުގައި އެވަނީ އެ ހައްގުގެ ދާއިރާ ހަނިކޮށް، އެއްވެ އުޅެވޭނޭ ތަންތަން ކަނޑައަޅާފަ އެވެ. މި ގާނޫނާ ރައްޔިތުން ދެކޮޅު ހަދާ ގޮތަކީ ހުއްދަ ހޯދުމެއްނެތި އެއްވުންތައް ބޭއްވުމެވެ. އެ ގާނޫނު ދިރިއޮވެ، އެކަން އެމަގުން ހިނގަމުންދާތާ ކިތަންމެ ދުވަހެކެވެ. ފާޅުގައި ދިވެހިން ގޮންޖަހަމުން ގެންދަނީ އެންމެ ގާނޫނަކަށް ދެ ގާނޫނަކަށް ނޫނެވެ. އެހެންނަމަވެސް އެއީ ގާނޫނަށް ކިޔަމަން ނުވުމަށް ކުރާ އިހުތިޖާޖެއްގެ ގޮތުގައި ދައުލަތުން ނުދެކެ އެވެ. އޭގެ ބަދަލުގައި އެއީ ގާނޫނު ތަންފީޒުކުރުމުގައި ހުރި ނުކުޅެދުންތެރިކަމެއް ކަމަށް ދެކި އެކަން ދޫކޮށްލަނީ އެވެ.

ގާނޫނަކީ ހުރިހާ ހާލަތެއްގައި އިންސާފުވެރި އެއްޗަކަށް ނުވެދާނެ އެވެ. އެއީ މަޖލީހުން ފާސްކުރި ގާނޫނެއްކަމަށް، ނުވަތަ ގާނޫނީ ބާރު ލިބިފައިވާ އިދާރާއަކުން ނެރުނު ގަވާއިދެއްކަމަށް ބުނެ ހުރިހާ ހާލަތެއްގައި އެމައްޗަށް އަމަލުކުރާނަމަ އޭގެ ގެއްލުން ދެކެން ޖެހުމަކީ ނާދިރު ނަތީޖާއެއް ނޫނެވެ. ރައްޔިތުންނަށް ލިބިގެންވާ އަސާސީ ހައްގުތައް ނިގުޅައިގަތުމަށް ފާސްކުރާ ފާޅުކަންބޮޑު ބޭއިންސާފު ގާނޫނުތަކަށް އިއުތިރާޒުކުރުމަކީ ރައްޔިތުންގެ ހައްގެކެވެ. އެ ގާނޫނުތަކާމެދު ކުރެވޭ އިހުތިޖާޖާއި ދެކޮޅުހެދުންތަކުގެ މައްޗަށް ހުރި ހުއްޖަތުތައް ވަޒަންކޮށް، އެ ގާނޫނެއް ނުވަތަ ގާނޫނީ އުސޫލެއް މުރާޖައާކުރުމަކީ ދައުލަތުގެ އަހުލާގީ ޒިންމާއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox