މޮޔައެއްކަމަށް ވާނީ ކިހާވަރެއް ވީމާ ހެއްޔެވެ؟

އާޓްވޯކް: އިސްމާއީލް އިމްދާދު

އާޓްވޯކް: އިސްމާއީލް އިމްދާދު

އަބްދުﷲ ސާދިގަކީ ކޮން ބޭފުޅެއްކަން ނުއެނގޭ އިންސާނަކު ދިވެހި އުޑުދަށުގައި ނުހުންނާނެ އެވެ. މުލަކަތޮޅު މުލީ މުދިންގޭ ހައްވާފުޅާއި، އެރަށު ޅަގޮއްޔެގޭ އަލީފުޅަށް ލިބިވަޑައިގެންނެވި 15 ބޭފުޅުންގެ ތެރެއިން 6 ވަނަ ދަރިކަލުން، އަބްދުﷲ ސާދިގުގެ ނަންފުޅު އިވުނީމާ ދިވެހިރާއްޖޭގައި ފާއިތުވެދިޔަ ފަސް ނުވަތަ ހަ ދަހަރުގެ ޖީލުތަކަށްވެސް ކޮންމެވެސް އަސަރެއް ނުކޮށެއް ނުދާނެ އެވެ. ދިވެހި އަދަބިއްޔާތުގައި އޭނާގެ ނުފޫޒު އެހައިވެސް ގަދަ އެވެ. އެއީ ޅެންވެރިކަމާއި، ލިޔުންތެރިކަމުގެ އެދުރެކެވެ. އެތައް ރޮނގަކުން ދިވެހި ގައުމަށް ބޮޑެތި ހިދުމަތްތައް ކޮށްދެއްވާފައި ހުރި، ދިވެހި ދަރިއެކެވެ.

އަބްދުﷲ ސާދިގުގެ ހިދުމަތްތަކުގެ ވާހަކަ މި ކުރުކޮށްލީ ކުރާ ހިތަކުންނެއް ނޫނެވެ. އެވާހަކަ ދެކެވިފައި ހުރި ގިނަކަމުން ކޮންމެހެން ތަކުރާރު ނުކުރާންވެގެންނެވެ. އަމުދުން، ކިތަންމެ ގިނަ ފަހަރަކަށް، ތަފާތު ގޮތްގޮތަށް ދެއްކިޔަސް އެ ހިދުމަތްތަކަށް ހައްގު ޝުކުރާއި ތައުރީފު ކުރެވިއްޖެކަމުގެ ހިތްހަމަޖެހުމެއްވެސް ހާސިލެއް ނުވާނެތީ އެވެ.

އަބްދުﷲ ސާދިގުގެ ޅެންތަކުގެ ތެރެއިން ޅެމެއްގައި، "މޮޔައަކީ ކޮބައިތޯ" ކިޔައިދީފައި އޮވެ އެވެ. ބަލާލަން މި އުޅެނީ އެ ޅެމަށެވެ.

ތަނެއްގައި މީހަކު ހަމަ ހުއްޓަކަސް އެމީހަކީ މޮޔައެކޭ ނުކިޔޭނެ ނޫންހެއްޔެވެ؟ ކިޔައިގެން ނުވެސް ވާނެ އެވެ. މޮޔައެކޭ ކިޔަންވާނީ އޭނާއަކީ މޮޔައެއްކަމުގެ މައްޗަށް ހެކިތަކެއް ލިބި، އެފަދަ ހެކިތަކެއް ފެންނާން ހުރީމަ އެވެ. މި ޅެމުގައި ގެނެސްދީފައި ހުރި ހެކިތައް މީހެއްގެ ކިބައިން ފެންނަނަމަ އެއީ މޮޔައެކޭ ބުނެވިދާނެ އެވެ. ނުވަތަ... ބުނެވިދާނެ ހެއްޔެވެ؟

ތާކު މީހަކު ހުއްޓަކަސް ނުކިޔާނެޔޭ އަދި މޮޔައެކޭ

މާކުރިއްސުރެ ހެކިތަކެއް ފެނިގެންނެ ކިއެނީ މޮޔައެކޭ

ކޮންކަހަލަ ހެކިތަކެއް ކަމަށްތޯ އެވެ. ރަތްދަކަ އަވީގައި ނުކުމެހުރެ، ތިމާގެ ހިޔަނި އަތުލާންކަމަށް ދުވެ ހަދާ މީހާއާމެދު ހިޔާލަކީ ކޮބައި ހެއްޔެވެ؟ ފޫ ނުހުންނަ ތަކެއްޗަށް ތަކެތި އަޅައި ފުރާން ކަމަށް ތަކުރާރުކޮށް މަސައްކަތްކުރާ މީހާއާމެދު ބުނާނީ ކީކޭ ހެއްޔެވެ؟ އޭނާ އެކުރަނީ ހަމަ ޔަގީނުންވެސް އޭގެ ކާމިޔާބަށް ވާސިލު ނުވެވޭނޭ މަސައްކަތެކެވެ. އެ މަސައްކަތުގެ ބޭނުމެއްވެސް، އަދި އެ މަސައްކަތް ކުރާންޖެހޭ ސަބަބެއްވެސް ނެތެވެ. އެކަން އޭނާއަށް ނޭނގޭކަމީ އޭނާގެ މޮޔަކަމެވެ. އެހެންވީމާ ހިޔަނި އަތުވާނޭކަމަށް ބަލައި އެހިޔަނި ފަހަތުން ދުވާ މީހާއާއި، ފޫނެތް ފަޔަށް ފެންފުރާން ތަކުރާރުކޮށް މަސައްކަތްކުރާ މީހާއަކީވެސް ޝައްކެއްވެސް ނެތް ގޮތުގައި ބޮޑެތި މޮޔައިންނެވެ. ރަނގަޅު ނަތީޖާއެއް ނުކުމެދާނޭކަމަށް ބަލައިގެން، ނަތީޖާއެއް ނުނުކުންނާނޭ ފަދަ ކަމެއް މީހަކު ކޮށްފާނެ އެވެ. މޮޔައަކަށް ވަނީ، ހަމަ އެއް ނަތީޖާއެއް ނުކުންނައިރުވެސް ތަކުރާރުކޮށް އެކަން ކުރުމުގައި ދެމިހުރުމުންނެވެ.

އަވިދެމުންދާ ހިނދު އެއުފެދޭ ހިޔަނި އަތުވާނޭ ހިތައި

ދުވެހަދާ މީހާއެއީ ޝައްކެއްނެތޭ ބޮޑު މޮޔައެކޭ

ފޫ ނުހުންނަ ތަކެތި ބަލައި އެ ފުރަން އެއަށް އެއްޗެތިއަޅަން

ދޫނުކޮށް ހިތްވަރުކުރާ މީހާ އެއީ ބޮޑު މޮޔައެކޭ

ބުއްދިވެރިން ތަކެތީގެ ގޮތްބާވަތް ބަލާނެ އެވެ. ކޮންމެ އެއްޗަކަށްމެ އިންސާފުކުރާނީ އެއެއްޗެއްގެ ތަބީއަތަށާއި ފިތުރަތަށް ބަލައި ވިސްނައިގެންނެވެ. އަނބަކީ މީރު އެއްޗަކަށްވާތީ، ބޭރު ފުށުން އަނބެއްހެން ފެންނަ ދޮންދުނބުރިއެއް ނަގައި އެއީ އަނބެއްކަމަށް ހަދަން މަސައްކަތްކުރާނީ މޮޔައެކެވެ. ހަބަރަކީ ހިތިރަހަދޭ އެއްޗެއް ކަމާއި، އޭގެ އެންމެ ފަހު ޒައްރާއާ ހަމައަށްވެސް އޭގައި ދޭނީ ހިތިރަހަކަން ބުއްދިވެރިން ދަންނާނެ އެވެ. ހިތިހަބަރުގެ ހިތި ފިލުވަންކަމަށް ހަބަރު ފެނުލައި، ދޮވެ އެކި ގޮތްގޮތުން އެ މަސައްކަތްކުރާނީ ބޮޑު މޮޔައެކެވެ. ތަކެތީގެ ތަބީއަތް ދެނެގަންނާންވީ އެވެ. ބިޗޫ ކަށިޖަހަނީ އަދި ހަރުފަ ވިހަލަނީ އެއީ އެތަކެތީގެ ތަބީއަތަށް ވީމަ އެވެ. މިހާރު އޮޅުވެއްޖެކަމުގައި ހީވިނަމަވެސް އެތަކެތީގެ ފިތުރަތާ ވަކިވެ ނުދާނެ އެވެ. ދަނޑިވަޅު ބަލާފައި ދެންވެސް ކަށިޖަހާނެ އެވެ. އެކަން ނުދަތުމަކީ ތިބާގެ މޮޔަކަމެވެ.

އަނބުގެ ދޮންކަން ފާޅުވާތީ ހާދަމޮޅު ކަމެކޭ ހިތައި

ދުނބުރިއެއް އަނބަކަށް ހަދަން ހިތްމަތްކުރާނީ މޮޔައެކޭ

ހިތިހަބަރު ފެނުލައި އެދޮވެ އަދިވެސް މިނޫން އެކިގޮތްގޮތުން

ހިތިފިލާނޭކަމަށް ހިތައި އެކަމާ އުޅޭނީ މޮޔައެކޭ

ގުޑުގުޑު އެޅުމެއް ނެތް ސާބިތު ދިރިއުޅުމެއް އުޅުމަކީ ދުނިޔެ އުޅެ ނިމިދިޔަ ހަމަ ކޮންމެ މީހެއްގެ ވެސް އުއްމީދެވެ. އެ އުއްމީދުގެ ބިންގާ އަޅާންވާނީ ސާބިތު ބިމެއްގަ އެވެ. މުޅި ދިރިއުޅުމުގެ ހަރުދަނާކަމަށް ބިނާކުރާ އުއްމީދުގެ ގަނޑުވަރުގެ ބިންގާ އެޅެނީ ރަނގަޅަށް ނުހިކޭ، ގިރާ ފިނޮޅެއްގެ މަތީގައި ނަމަ ތިޔަ ގަނޑުވަރު ވެއްޓި ވިއްސި ވިހާލިވާކަށް ލައްކަ ތަނެއް ނެތެވެ. ނާ! ދިރިއުޅުމުގައި ތިޔަ ހޯދަން އެދޭ ސާބިތުކަން ބިނާވާނީ ބިންގަލުގެ ސާބިތުކަމުގެ މައްޗަށް ވިއްޔާ އެވެ. އަދާކުރާ ވަޒީފާ ކަމުގައި ބެލިޔަސް ގާއިމުކުރާ ގުޅުން ކަމުގައި ވިޔަސް ކަންއޮތީ މިހެންނެވެ.

ކިރިޔަކިރިޔާ ވެލިހިކޭ ނުހިކޭ ގިރާ ފިނޮޅެއް މަތީ

ދިރިއުޅޭނޭ ގެއެއް އަޅާނީ ކަށަވަރުންވެސް މޮޔައެކޭ

އަވާމެންދުރަކީ މިހާރު އައު ލަފުޒަކަށް ނުވަތަ އައު މަންޒަރަކަށްވެސް ނުވާނެ އެވެ. މެންދުރުގެ ރަތްދަކަ އަވީގައި، ތާރު އެޅި ދިގު މަގުތަކުން ދުއްވާފައިދާއިރު ލޮލުކޮޅަށް އެ ފެންނަ ސާފު ފެންގަނޑަކީ އަވާމެންދުރެވެ. އެއާ ކައިރިވާ ވަރަކަށް އެ 'ފެންގަނޑު' ދާނީ ދުރަށެވެ. އެހެން އެވަނީ އެއީ އަސްލަކަށް ނުވާތީ އެވެ. އެއީ ލޮލުން ސިކުނޑިއަށް ނުވަތަ ސިކުނޑިން ލޮލަށް އޮޅުވާލާ އޮޅުވާލުމެކެވެ. ބުއްދިވެރިން އެކަން ދެނެގަންނާނެ އެވެ. މާދުރުން ފެންނަ އަވާ މެންދުރަކީ ސާފު ފެންގަނޑެއް ކަމަށް ދެކިގެން އެއަށް މިސްރާބުޖަހައި، އޭގެ ފަހަތުން ދުވެ ހަދާ މީހާއަކީ ޝައްކެއްވެސް ނެތް ގޮތުގައި މޮޔައެކެވެ. ފުރަތަމަ ނަޒަރުން ލޮލަށް އޮޅުނު އޮޅުން، އެއާ ދިމާލަށް ފުރަތަމަ ކުރާ ދަތުރުން ސާފުވާންވާނެ އެވެ. މޮޔައަކަށްވަނީ އޭގެ ފަހުންވެސް އެ އަވާމެންދުރުގެ ފަހަތުން ދުވެ ހެދުމުންނެވެ.

ދުނިޔެވީ އެކި ދަތުރުގައި ފެނިދާ އެއަށް އަސްލެއް ނުވާ

ފޮނި އަވާމެދުންދުރުގެ ފަހަތުން ދުވެހަދާނީ މޮޔައެކޭ

ހައްގުވެގެން އަޅުކަންވެވޭ ފަރާތެއް އެބަވެއެވެ. އެފަރާތް ދޫކޮށް ހިލަގަނޑެއް އެއީ ތިމާގެ ރައްބުކަމަށް ދެކިގެން އަޅުކަން ކުރާނަމަ އެއީ ހާދަހާ ބޮޑު މޮޔައެކެވެ. އެ ހިލަގަނޑަކީ އެއަށް ދިރުމެއްވާ އެއްޗެއް ނޫންކަން، ތިމާމެން ބެހެއްޓި ތަނެއްގައި ބެހެއްޓި ގޮތަކަށް ހުންނަ އެއްޗެއްކަން އެނގޭއިރުގައި ވެހެވެ.

މިލެކަކުން އެކުރާ ކަމެއް ނޭނގޭ އެއަށް ދިރުމެއް ނުވާ

ހިލަގަނޑެއް ކަލަކަށް ބަލައި އަޅުކަން ކުރާނީ މޮޔައެކޭ

'މޮޔައަކީ ކޮބާ' ޅެމުގައި އެބުނާ ޝަރުތުތައް ފުރިހަމަވާ ކިތަންމެ ކަމެއް ތިބާއާއި އަޅުގަނޑުވެސް ކިތަންމެ ފަހަރަކު ކޮށްފީމެވެ. ޅެމުގައި ބުނާ މޮޔައެއްގެ ޝަރުތުތައް ފުރިހަމަވެ މޮޔައެއްކަމު ކިތަންމެ ފަހަރަކު ވެވިއްޖެ އެވެ. މައާފަށް އެދެމެވެ. ފުން މާނައިގައި ވިސްނާއިރު، މި ޅެމުގައި ބުނެފައި ހުރި ކަހަލަ މޮޔަކަމެއް ނުކުރާ އާދަމުގެ ދަރިއަކު ނެތެވެ. އެހެނަސް، ހުރިހާ މޮޔައިންގެ ތެރެއިން އެންމެ ބޮޑު މޮޔައަކީ މޮޔަކަމުގައި ދެމި ހުންނާން އިހުތިޔާރު ކުރާ މޮޔަ އެވެ. ޅެމުގެ އަމާޒަކީވެސް އެއީ އެވެ.

މީހާ މީހަކަށްވަނީ ލައްކަ ބޮނޑިއެއް ބޮއިގެންނެވެ. ލައްކަ ދުވަހު ލައްކަ ރުއިމެއް ރޮއި، ލައްކަ ހިތި ތަޖުރިބާއެއް ލިބިގެންނެވެ. ހަޔާތުގެ ދިގު ދަތުރުގައި ހެދުނުހައި ކޮސްތަކާއި ކުރެވުނުހައި ބޭކާރު ކަމެއްގެ މައްޗަށް ހިތާމަ ކުޅައުމަކީ ދެން ބޭނުމެއް އޮތްކަމެއް ނޫނެވެ. އަތުނުވާނޭ ހަމައެކަނި އެއްޗަކީ ފާއިތުވި ވަގުތެވެ. ވެދިޔަ ތަނެވެ. މި ހިނގަމުންދާ ވަގުތުގެ އިހުތިޔާރާމެދު އޮތް މިލްކުވެރިކަން ނޫން އެއްޗެއް ތިބާއަށާއި އަޅުގަނޑަށް ނެތެވެ. މޮޔައެއްގެ ލައްގަނޑުން ސަލާމަތްވުމަކީ ތިބާއަށާއި އަޅުގަނޑަށް އަދިވެސް އޮތް އިހުތިޔާރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox