އަމާނާ ތަކާފުލްގެ ކޭޝްލެސް ހިދުމަތްތައް ވަގުތީ ގޮތުން މެދު ކަނޑާލައިފި އެވެ.
އެ ކުންފުނީގެ ވެބްސައިޓުގައި ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ކޭޝްލެސް ހިދުމަތް މެދުކަނޑައިލަން ޖެހުނީ އަމިއްލަ އިިންޝުއަރެންސް ހުސްނުވަނީސް އާސަންދަ ބޭނުން ނުކުރެވޭ ގޮތަށް ސަރުކާރުން އުސޫލު ބަދަލު ކުރުމުން ކަމަށެވެ.
އެ ހިދުމަތް ވަގުތީ ގޮތުން ހުއްޓާލައިފައިވާކަން ހޮސްޕިޓަލްތަކަށާއި ކްލިނިކުތަކުގެ އިތުރުން ބޭސްފިހާރަތަކަށް އަންގާފައިވާ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
"މި ބަދަލުގެ ސަބަބުން ސީމްލެސް ކޭޝްލެސް ހިދުމަތް ހޯދަމުންދިޔަ 100،000 އަށްވުރެ ގިނަ ޕޮލިސީ ހޯލްޑަރުންނަށް އަސަރު ކުރާނެ، ނަމަވެސް [ހިދުމަތް މެދުކަނޑާލާފައި އޮންނަ] މި މުއްދަތުގައި ޖީބުން ފައިސާ ދެއްކުމަށްފަހު ސިއްހީ ހިދުމަތް ހޯދޭނެ،" އަމާނާ ތަކާފުލްގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ މީހެއްގެ އަމިއްލަ ޖީބުން ފައިސާ ދެއްކުމަށްފަހު އަމާނާ ތަކާފުލްއަށް، medical@takaful.mv އަށް ނުވަތަ 9540045 އަށް ވައިބާ މެެދުވެރިކޮށް ބިލު ހުށަހެޅުމުން އެ ފައިސާ އަނބުރާ ދޭނެ ކަމަށް އެ ކުންފުނީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އަމާނާ ތަކާފުލްގެ ކޭޝްލެސް ހިދުމަތް ވީހައިވެސް އަވަހަށް އަލުން ދޭން ފަށަން މަސައްކަތް ކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަމިއްލަ އިންޝުއަރެންސް އޮންނަ ފަރާތްތަކުގެ އެ އިންޝުއަރެންސް ހުސް ނުވަނީސް އާސަންދަ ނުލިބޭ ގޮތަށް އުސޫލު ބަދަލު ކުރީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ.
އެ ބަދަލާ ގުޅިގެން އަމާނާ ތަކާފުލްގެ އިތުރުން ބައެއް އެހެން އިންޝުއަރެންސް ކުންފުނިތަކުން ވެސް ކޭޝްލެސް ހިދުމަތް މެދުކަނޑައިލި އެވެ.













