ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމަ، ސްރީ ލަންކާގެ ރައްޔިތެއްކަމުގައިވާ، ޖީ ސްކީލާން ރާއްޖޭން ބްލެކްލިޓުކޮށް ޑީޕޯޓުކޮށްލި ގޮތާއި އޭނާކުރި ތުހުމަތުތަކުގެ މައްޗަށް އަދަދު ނޫހުން ތައްޔާރުކުރި "ސްކީލާން" ޑޮކިއުމެންޓަރީއަށް ލިބުނު އެވޯޑު އަތުލުމާމެދު މޯލްޑިވްސް މީޑިއާ ކައުންސިލުން ގޮތެއް ނިންމުމަށް އެ ކައުންސިލުން އިއްޔެ ފާސްކުރި އެވެ.
އެމްއެމްސީން އިއްޔެ ބޭއްވި ކުއްލި ބައްދަލުވުމާ ގުޅޭ ގޮތުން އެ ކައުންސިލުން ފުރަތަމަ ނެރުނު ބަޔާން ބަދަލުކޮށް، ދެވަނައަށް ނެރުނު ބަޔާނުގައި ބުނެފައިވަނީ، ތަހުގީގީ ދާއިރާގެ އޯޑިއޯ ވީޑިއޯ ކެޓަގަރީއަށް ދެވިފައިވާ އިނާމާމެދު ގޮތެއް ނިންމުމަށް މިއަދުގެ ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށެވެ.
މި އެވޯޑު އަތުލުމާމެދު އެމްއެމްސީން ގޮތެއް ނިންމުމުގެ މަސައްކަތް ފެށީ އެކަމަށް ސަރުކާރުގެ ސަޕޯޓަރުންނާއި ސަރުކާރަށް ތާއީދުކުރާ މަޖިލިސް މެންބަރުން ވެސް ގޮވާލައިފައި ވަނިކޮށެވެ.
އެވޯޑުގެ މައްސަލައިގެ އަދާހަމަ
- ސްކީލާން ޑޮކިއުމެންޓަރީ އަށް އެވޯޑު ލިބުމުން ސަރުކާރުގެ ސަޕޯޓަރުންގެ ފާޑުކިޔުން އަމާޒުވުން
- މީޑިއާ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި، ޕީއެސްއެމްގެ ނިއުސް އޮޕަރޭޝަން މެނޭޖަރު އަހުމަދު މުސްތަފާ ޕީއެސްއެމްއިން އޮކްޓޯބަރު 31 ގައި ވަކިކުރުން. އޭނާގެ މައްޗަށް ތުހުމަތު ކުރީ، ޕީއެސްއެމްގެ އެޑިޓޯރިއަލް ކޮންޓެންޓާ ހިލާފު ވީޑިއޯއެއް ދެއްކި މައްސަލަ. އެ ބުނާ ކޮންޓެންޓަކީ ސްކީލާން ޑޮކިއުމެންޓްރީގެ ވީޑިއޯ ކްލިޕެއް.
- މީޑިއާ ކައުންސިލުން އެ ވީޑިއޯ ދައްކާފައިވަނީ ރާވާއިގެން ގަސްދުގައި ކަމަށް ބުނެ، އެ ކައުންސިލްގެ މައްސަލަ ޕީއެސްއެމްއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި.
- ފާޑުކިޔުން އަމާޒުވުމުން ޕީއެސްއެމްގެ ބޯޑުގެ ނިންމުން ބަދަލުކޮށް، މުސްތަފާގެ ވަޒީފާ ނޮވެމްބަރު 1 ގައި އިޔާދަކުރި
- ވަޒީފާ އިޔާދަކުރިފަހުން މުސްތަފާ ބަޔާނެއް ނޮވެމްބަރު 1 ގައި ނެރުނު. އެ ބަޔާން ނެރުނީ ކައުންސިލުން ފާސްނުކޮށް.
- އެމްއެމްސީގެ ހަ ފަނޑިޔާރުން ވެސް ނޮވެމްބަރު 1 ގައި ނެރުނު. ބަޔާނުގައި ޑޮކިއުމެންޓަރީއާ ގުޅޭ ގޮތުން ހުރި ވާހަކަތަކަކީ މީޑިއާ ކައުންސިލްއިން މައްސަލައެއްގެ ގޮތުގައި ބަލައި، އަދަދު ނޫހަށް އެއް އިރެއްގައި ވެސް އަންގާފައި ނެތް ވާހަކަތަކެއް.
- މީޑިއާ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ނޮވެމްބަރު 2 ގައި ބޭއްވި. އެ ބައްދަލުވުމުން ނިންމީ އެވޯޑާ ގުޅޭ ތުހުމަތުތައް ބަލަން. އަދި ސްކީލާން އަށް ލިބުނު އެވޯޑު އަތުލުމާމެދު ގޮތެއް ނިންމަން.
މީޑިއާ ކައުންސިލް އެވޯޑަށް ހުށަހެޅި ކޮންޓެންޓު އިންސާފުކުރި ފަނޑިޔާރުން
- ކުރީގެ ނޫސްވެރިޔާ މުހައްމަދު ސަލީމް (ހޯރަފުށީ ސަލީމް)
- ޝަމްއާން ޝާކިރު (ވަޒީފާ އަދާކުރަނީ އެމްއޭސީއެލްގައި)
- ކުރީގެ ނޫސްވެރިޔާ ހަސަން އާމިރު
- ފޮޓޯގްރާފަރު، ފާތިމަތު އަޝްވާ (އައްވަ)
- އަބްދުﷲ ނައީމް އިބްރާހިމް
- އަބްދުﷲ އަޒުމީން (ވަޒީފާ އަދާކުރަނީ ރައީސް އޮފީހުގައި)
ސްކީލާން ޑޮކިއުމެންޓަރީއާ ގުޅޭ ގޮތުން ފަނޑިޔާރުން ވެސް ބަޔާނެއް ނެރުނީ އެ ޑޮކިއުމެންޓަރީ އަށް އެވޯޑު ލިބިގެން ސަރުކާރަށް ސަޕޯޓުކުރާ ފަރާތްތަކުން މީހުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. މިއީ މީޑިއާ ކައުންސިލްގެ ތާރީހުގައި ވެސް އެވޯޑަކާމެދު ފަނޑިޔާރުން ކަން ކުރި ގޮތެއް ނޫނެވެ.
ފަނޑިޔާރުންގެ ބަޔާނުގައި ބުނެފައި ވަނީ ސެޕްޓެމްބަރު 28، 2023 ގައި މީޑިއާ ކައުންސިލުން އިލްތިމާސްއެއްގެ ގޮތުގައި ނެރުނު ބަޔާނަކީ ސްކީލާން ޑޮކިއުމެންޓަރީއަކީ މީޑިއާގެ އަހުލާގީ މިންގަނޑާ ހިލާފު ކޮންޓެންޓެއްކަން ފާހަގަވެގެން ނެރުނު ބަޔާނެއް ކަމަށެވެ.

ނަމަވެސް އެ ބަޔާނަކީ ވަކި މީޑިއާއަކަށް އަމާޒުކުރުމުގެ ބަދަލުގައި މުޅި މީޑިއާއަށް ކޮށްފައި އޮތް އިލްތިމާސްއެކެވެ. އެއްވެސް މީޑިއާއެއްގެ ނަމެއް އެ ބަޔާނުގައި ނެތެވެ. އަދި އެ ބަޔާނުގެ ކުރިން ވެސް، އަދި އެ ބަޔާނުގެ ފަހުން ވެސް މީޑިއާ ކައުންސިލުން ސްކީލާން ޑޮކިއުމެންޓަރީއާ އަދި އަދަދު ނޫހާ ގުޅޭ އެއްވެސް ކޮންޓެންޓެއް މީޑިއާގެ އަހުލާގީ މިންގަނޑާ ހިލާފުކަން އަންގާފައެއް ނުވެ އެވެ.
ސްކީލާން ޑޮކިއުމެންޓަރީއަށް އެވޯޑު ލިބުމުން، ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ފާޑުކިޔަން ފެށިފަހުން އެމްއެމްސީ އަދި ފަނޑިޔާރުންގެ ނިންމުން އަމިއްލަ އަށް ގޯސްކޮށްފައި ބަޔާން ނެރުމާއި، އެވޯޑު އަތުލުމާ ގުޅޭ ގޮތުން ގޮތެއް ނިންމަން ފާސްކުރުމުން ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.













