އާމްދަނީ އިތުރު ކުރުމުގެ ފިޔަވަޅިތަކުން 4.9 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓުގައި އަންދާޒާ ކޮށްފި އެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓުގައި އަންދާޒާ ކޮށްފައިވާ ގޮތުން މިއަންނަ އަހަރު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ އެއާޕޯޓު ޓެކުހާއި ފީތަކުންނެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް އިމްޕޯޓު ޑިއުޓީން ލިބޭނެ ކަމަށް ލަފާ ކޮށްފައިވާއިރު، ތިންވަނައަށް އެންމެ ގިނަ އާމްދަނީ ލިބޭނެ ކަމަށް ލަފާ ކޮށްފައި ވަނީ ގްރީން ޓެކުހުންނެވެ.
ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް އަންނަ އަހަރު އަޅާ ފިޔަވަޅުތައް:
- ސިނގިރޭޓާއި ބިޑިން ނަގަމުންދާ އިމްޕޯޓު ޑިއުޓީގެ ރޭޓު މަތިކުރުން
- އެއާޕޯޓު ޓެކުހާއި ފީގެ ރޭޓުތައް މަތި ކުރުން
- ގްރީން ޓެކުހުގެ ރޭޓުތައް މަތި ކުރުން
- އަމިއްލަ ފަރާތްތަކުން ބިން ހިއްކުމުގެ މަޝްރޫއުތަކަށް ނަގާ ވެލިން ޑްރެޖިން ފީއެއް ނެގުން
- ޓީޖީއެސްޓީ ރޭޓު މަތި ކުރުން
- ޖީއެސްޓީ ނިޒާމުގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ފުރިހަމައަށް ތަންފީޒު ކުރުން
- ފްރީކުއަންސީ ސްޕެކްޓްރަމް ޗާޖެއް ނެގުން
އޭގެ ތެރެއިން ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ބޮޑު ކުރުމާއި އެއާޕޯޓު ޓެކުހާއި ގްރީން ޓެކުހުގެ އިތުރުން ޓީޖީއެސްޓީ ރޭޓު މަތި ކުރުމުގެ ބިލު މިހާރު އޮތީ މަޖިލީހުގަ އެވެ.
ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމުގެ ގޮތުން އަމިއްލަ ފަރާތްތަކުން ބިން ހިއްކުމުގެ މަޝްރޫއުތަކަށް ނަގާ ވެލިން ޑްރެޖިން ފީއެއް ނެގުމާއި ފްރީކުއަންސީ ސްޕެކްޓްރަމް ޗާޖެއް ނެގުމަކީ އަލަށް ފަށަން ނިންމާފައިވާ ކަންކަމެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ މި އަހަރުގެ ސަޕްލިމެންޓާ ލައިގެން ބަޖެޓު ކުރި 54.9 ބިލިއަން ރުފިޔާއަށް ވުރެ 1.7 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އިޖުތިމާއީ ރައްކާތެރިކަމަށާއި ސިއްހީ ދާއިރާއަށާއި ގެދޮރުވެރިކުރުމަށް ހަރަދު ކުރަން ބަޖެޓުކޮށްފައިވެ އެވެ.
އޭގެ އިތުރުން މި އަހަރުގެ ތެރޭގައި ނުގެނެވުނު ފިސްކަލް ރިފޯމްތައް އަންނަ އަހަރުން ފެށިގެން ތަންފީޒުކުރާ ގޮތަށް ވެސް ބަޖެޓުގައި ހިމަނާފައިވެ އެވެ. އަދި ދައުލަތުގެ ޕެންޝަނުތައް ތަކުރާރުކޮށް، އިސްރާފު ނުވާނެހެން މިހާރު މި ދޭ ޑަބަލް ޕެންޝަން އުވާލުމަށާއި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ދިމާވާ ޝޮކުތައް ކުޑުކުރުމަށް ހެޖުކުރަން ހިމަނާފައި ވެ އެވެ.













