މިފްކޯ މަސް ފިހާރައިގައި ކުކުޅާއި ބައެއް ބާވަތްތަކުގެ ލުއި ބުއިންތައް ވިއްކަން ފަށައިފި އެވެ.
މިއީ މިފްކޯ ފިހާރައަށް މިފަދަ ބަދަލެއް ގެނައި ފުރަތަަމަ ފަހަރެވެ.
މިފްކޯގެ އޮފިޝަލަކު ވިދާޅުވީ އެ ކުންފުނިން މާލޭގައި ހިންގާ ފިހާރައިން ކުކުޅާއި ބައެއް ބުއިންތައް ވިއްކަން ފެށީ ވަގުތީ ކަމެއްގެ ގޮތުގައި ކަމަށެވެ.
"އެއީ އެއްގޮތަކަށް ވެސް ދާއިމީ ކަމެއް ނޫން. މަސްވެރިކަން ދަށްވެ، މިފްކޯ ފިހާރައިގައި މަހުގެ ބާވަތްތައް މަދުވެގެން، ފްރިޖުތައް ހުސްކޮށް ނުބަހައްޓަން ކުކުޅާއި ކުކުޅުގެ އުފެއްދުންތަކާއި ސޮފްޓު ޑްރިންކު ވިއްކަން ފެށީ،" އޮފިޝަލް ވިދާޅުވި އެވެ.

"ސޮފްޓު ޑްރިންކު ވިއްކަނީ ފިހާރަ ހުރީ ދަނޑުތައް ކައިރީގައި ކަމަށް ވާތީ ކުޅުންތެރިންނަށް ފަސޭހައެއް ކޮށްދޭން."

ޖޫން މަހުން ފެށިގިން މިފްކޯ އަށް މަސް ގަންނަ މިންވަރު ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 8366 މެޓްރިކް ޓަނުގެ މަސް މިފްކޯއަށް ކިރާފައި ވާއިރު، މި އޮކްޓޯބަރު މަހު 17 ވަނަ ދުވަހުގެ ނިޔަލަށް ކިރާފައި ވަނީ އެންމެ 836 މެޓުރިކް ޓަނުގެ މަހެވެ.













