ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ގާނޫނުއަސާސީން އުފައްދާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އައްޔަން ކުރުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބިލު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެ ބިލު ހުށަހަޅުއްވަމުން ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އިދިކޮޅު މެންބަރުން ވެސް އެ ބިލަށް ތާއީދު ކުރެއްވުމަށް އޭނާ އެދިވަޑައިގަންނަވާ ކަމަށެވެ.
"މިއީ މިފަދަ އިސްލާހެއް ގެނެވޭ ފުރަތަމަ ފަހަރެއް ނޫން ބިލަކަށް. މިދިޔަ މަޖިލީހުގައި ވެސް ވަނީ ސިވިލް ސާވިސް ކޮމިޝަނަށް މިފަދަ އިސްލާހެއް ގެނެވިފަ. އެހެންކަމުން އަޅުގަނޑު އެދެނީ ހުރިހާ އިދިކޮޅު މެންބަރުން ވެސް މި ބިލަސް ފުރިހަމައަށް ތާއީދުކޮށް ވީހާ ވެސް އަވަހަކަށް މި މަޖިލީހުން ފާސްކޮށް، މި ބިލު ތަސްދީގުކޮށްދިނުމަށް،" ޒާހިރު ވިދާޅުވި އެވެ.
އޭސީސީގެ ގާނޫނުގައި ބުނެފައި ވަނީ އެ ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހޭނީ ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ކަމަށެވެ. ނަމަވެސް ސަރުކާރުން ގެންނަން އުޅޭ އިސްލާހުގައި ބުނެފައި ވަނީ އެ ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އޭގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނަށް ރައީސަކު އައްޔަން ކުރުމަށްފަހު އެ ނަން ފާސް ކުރަން މަޖިލީހަށް ހުށަހަޅަންޖެހެ އެވެ.
ގާނޫނުގައި މިހާރު އޮތް ގޮތުން، ކޮމިޝަނުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ކޮމިޝަނުގެ މެންބަރުން ފާސްކޮށްފި ނަމަ ރައީށް ނުވަތަ ނައިބު ރައީސްގެ މަގާމުން އެމީހަކު އިސްތިއުފާ ދޭންޖެހެ އެވެ. އެކަމަކު ސަރުކާރުން ބޭނުންވަނީ އެ މާއްދާ ގާނޫނުން އުވާލުމަށެވެ. އަދި ކޮމިޝަނުގެ ރައީސް ނުވަތަ ރައީސް އިސްތިއުފާ ދޭން ބޭނުންވެއްޖެ ނަމަ ވެސް އިސްލާހުގައިވާ ގޮތުން ހުށަހަޅަންޖެހެނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

ކޮރަޕްޝަން ބަލާ ކޮމިޝަނުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
އޭސީސީ އާއި އިލެކްޝަންސް ކޮމިޝަނުގެ ރަައީސް އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭން އުޅޭތީ، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އަދި ދަ ޑިމޮކްރެޓްސް އިން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އަދި އެ އިސްލާހު ގެނެސްފި ނަމަ އެންމެ މުހިންމު ދެ މުސްތަގިއްލު ކޮމިޝަނުގެ މިނިވަންކަން ގެއްލޭނެ ކަމަށް ވެސް އިދިކޮޅުން ބުނެ އެވެ.












