ހެވީ ލޯޑު ކުންފުންޏަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރި 11 މިލިއަން ޑޮލަރުގެ ލޯނަކަށް ފައިސާ ނުދެއްކުމުން، އެ ލޯނަށް ރަހުނުކޮށްފައިވާ ލާމު އަތޮޅުގެ ތިން ރަށް ކަމުގައިވާ ފަރެސް އާއި ކުޑަފަރެސް އާއި ބޮޑުހުރާ ވިއްކާލަން އެ ބޭންކުން މިއަދު އިއުލާންކޮށްފި އެވެ.
ހެވީ ލޯޑަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ) އާއި އޭނާގެ އާއިލާއިން ހިއްސާވާ ކުންފުންޏެކެވެ.
ހެވީ ލޯޑަށް މި ތިން ރަށް ލިބުނީ ދިވެހި ދައުލަތާ ދެމެދު ވެވުނު ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުންނެވެ. މި ރަށްތައް ތަރައްގީކޮށް ނިންމައި، "ރަސްގެރަހާ" ގެ ނަމުގައި 100 އެނދުގެ ރިސޯޓެއް އަންނަނީ ހިންގަމުންނެވެ.
ސިވިލް ކޯޓުން މި މައްސަލައިގައި އިއްވި ހުކުމުގައި ވަނީ ލޯނު އެއްބަސްވުމުގެ ދަށުން ރަހުނުކޮށްފައިވާ ތިން ރަށް އެކީ ވިއްކާލަން ބީއެމްއެލްއަށް ހުއްދަ ދީފަ އެވެ. އެ ގޮތުން އެ ބޭންކުން މިއަދު ނެރުނު ސޭލްސް ނޯޓިސްގައި ދެ އޮޕްޝަނެއްގެ ދަށުން ރިސޯޓުތައް ވިއްކާލުމުގެ ހުއްދަ ދޫކޯށްފައިވެ އެވެ. އެއީ:
- އޮޕްޝަން 1 - ފަރެސް އާއި ކުޑަފަރެސް އާއި ބޮޑު ހުރާ އެއްކޮށް - 23.2 މިލިއަން ޑޮލަރަށް
- އޮޕްޝަން 2 - ފަރެސް އާއި ކުޑަފަރެސް 23.2 މިލިއަން ޑޮލަރަށް ނޫނީ ބޮޑުފަރެސް ވަކިން 23.2 މިލިއަން ޑޮލަރަށް
މި ރަށްތަކުގެ ހެޑްލީސް އެއްބަސްވުން ހަމަވަނީ ޑިސެމްބަރު 16، 2064 އަށެވެ. މި ރަށްތައް ގަންނަން ޝައުގުވެރިވާ ނަމަ، ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 28 އެވެ.










