ޓެކްސް ބޮޑުކުރާ ބިލުތައް ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ގާސިމް، ނައިބަކަށް ފަޒާދު

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު

އެކި ޓެކްސްތަކާއި، ފީ، އަދި ޑިއުޓީތައް ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ހަތަރު ބިލެއް ދިރާސާ ކުރުމަށް އުފައްދާފައިވާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު އަދި އިގުތިސޯދީ ކޮމިޓީގެ ޖޮއިންޓު ކޮމިޓީގެ މުގައްރިރަކަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހޮވައިފި އެވެ.

އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މުގައްރިރަކަށް ގާސިމް އަދި ނައިބު މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދުގެ ނަން ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު އެވެ.

ގާސިމް އަދި ފަޒާދު ހޮވުނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

މި ކޮމިޓީން ދިރާސާކުރާ ބިލުތަކަކީ ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ބޮޑުކުރަން ޓޫރިޒަމާ ބެހޭ ގާނޫނާއި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެންނަން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް ހުށަހަޅުއްވާފައިވާ ދެ ބިލާއި، ނޮވެމްބަރު 15، އާ ހަމައަށް އެތެރެކުރާ ވޭޕުން ނަގާ ޑިއުޓީ ބޮޑުކުރަން އަދި ސިގިރޭޓާއި ދުންފަތުން ނަގާ ޑިއުޓީ އަދި ޓެކްސް ބޮޑުކުރަން މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ހުށަހެޅުއްވި ދެ ބިލެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީން ވަނީ މި ހަތަރު ބިލުގެ މަސައްކަތް މާދަމާގެ ނިޔަލަށް ނިންމަންވެސް ފާސްކޮށްފަ އެވެ. އަދި ބިލުތަކަށް އާންމުންގެ ހިޔާލު ހޯދުން މާދަމާ މެންދުރު 2:00 އާ ހަމައަށް ހުޅުވާލަންވެސް ވަނީ ފާސްކޮށްފަ އެވެ.

އެއީ އެކަށީގެންވާ މުއްދަތެއްތޯ ސުވާލު އުފައްދާ އިދިކޮޅާއި ސަރުކާރު މެންބަރުން ވަނީ ބަހުސްކޮށްފަ އެވެ. އެ މުއްދަތު ފަސް ދުވަހަށް ހެދުމަށް އިދިކޮޅުން ހުށަހެޅި ނަމަވެސް ކޮމިޓީގައި އޮތް ސަރުކާރުގެ މެޖޯރިޓީން ވަނީ އެ ހުށަހެޅުން ބޭރުކޮށްލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox