ރައްޔިތުންގެ މަޖިލީހުގައި އޮތް އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމުގެ ބިލް ކުރިއަށް ނުގެންގޮސް ޕާކްކޮށްފައި ބާއްވާފައި އޮންނަތާ ހަތަރު މަސް ފަހުން، އެ ބިލް އަވަސްކުރަން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ސަރުކާރު ހިންގާ ޕީއެންސީން ގޮވާލައިފި އެވެ.
ޕީއެންސީން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިދިޔަ ޖޫން މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ގޮތަށް އިމިގްރޭޝަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ވީހާވެސް އަވަހަށް ގެނައުމަކީ ތާއީދު ކުރާ ކަމެއް ކަމަށެވެ.
"މިހާރު ރައްޔިތުންގެ މަޖިލީހުގައި އޮތް އިމިގްރޭޝަންގެ ގާނޫނު އިސްލާހު ކުރުމުގެ ބިލު ދިރާސާ ކުރުމުގެ މަސައްކަތް އަވަހަށް ނިންމައި، ރައްޔިތުންގެ ރޫހާއި ވިންދާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުން ހަގީގަތަކަށް ހެދުމުގެ މަސައްކަތް މަޖިލީހުން ހަލުވިކަމާއެކު ކުރުމަށް މި ޕާޓީން އިލްތިމާސް ކުރަން،" ޕީއެންސީން ބުންޏެވެ.
އިޒްރޭލް ޕާސްޕޯޓު މަނާކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކެބިނެޓުން ޖޫން 2، 2024، ގައި ނިންމީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމާ ގުޅިގެން ގިނަ ބަޔަކު އެކަމަށް ގޮވާލަމުން ދަނިކޮށެވެ.
ނަމަވެސް އެ ނިންމުމަށް ގާނޫނީ ބާރުވެރިކަމެއް އަދި ގެނެވިފައެއް ނުވެ އެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން ހުއްޓުވުމަށް އިމިގްރޭޝަން ގާނޫނު އިސްލާހުކުރަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ޖޫން މަހު ބިލެއް ހުށަހެޅުއްވި އެވެ.
އެ ބިލް ދިރާސާކުރަން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވާފައި އޮންނަތާ ހަތަރު މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ ބިލްގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިޔަސް، އިތުރު މަސައްކަތްތައް ކުރިއަށް ގެންގޮސް ނިންމާފައިވެ އެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ރަސްމީގެ، މުރައިދޫގޭގެ މުވައްޒަފުންގެ މައުލޫމާތު ހާމަކުރުމަށް އެ ކޮމިޓީން ނިންމި ނިންމު ދެ ތިންގަޑިއިރު ތެރޭގައި ބަދަލުކޮށް، އެ މައުލޫމާތު ދޭންޖެހޭ ކަމަށް ވެސް ވަނީ މި ހަފުތާގައި ނިންމައިފަ އެވެ.
އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ގާނޫނުތައް ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމި ނިންމުމަށް ބަދަލެއް ނާންނަ ކަމަށާއި އެކަން ލަސްވަނީ ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮތުމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު، މިދިޔަ މަހު ވިދާޅުވެފައިވެ އެވެ.
އިސްރޭލް ޕާސްޕޯޓު މަނާކުރުން އަވަސްކުރަން މަޖިލީހުގެ މެޖޯރިޓީ ޕާޓީ، ޕީއެންސީން ގޮވައިލީ މަޖިލިސް ކައިރިއަށް މިއަދު ހެނދުނު 10:00 ޖަހާއިރު އެއްވުމަށް ނިންމާފައި ވަނިކޮށެވެ.












