ވޭޕަކީ ސިނގިރޭޓަށްވުރެ ގެއްލުން ކުޑަ އެއްޗެކެވެ.
މަތީގައި ލިޔެފައި އެ އޮތް އެ ޖުމުލައަކީ ހަގީގަތެވެ. އިލްމީ ދިރާސާތަކުން ޔަގީންވެފައިވާ ކަމެކެވެ.
ދިރާސާތަކުގެ މައްޗަށް ބިނާކޮށް، އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތު ސާވިސް އިން ވެސް ބުނަނީ ސިނގިރޭޓަށް ވުރެ ވޭޕުން ލިބޭ ގެއްލުން ކުޑަ ކަމަށެވެ. ސިނގިރޭޓެއް ރޯކޮށްލުމުން އުފެދޭ ދުންގަނޑު، ވޭޕުން އުފެދޭ ދުމަށްވުރެ ގެއްލުން ކުޑަ ކަމަށް އެމެރިކަން ހާޓް އެސޯސިއޭޝަނުން ވެސް ބުނެ އެވެ.
ސިނގިރޭޓަށްވުރެ ވޭޕުން ލިބޭ ގެއްލުން ކުޑަ ކަމަށް ޖޯން ހޮޕްކިންސް މެޑިސިން އިން ވެސް ބުނެ އެވެ. ކެންސާ ރިސާޗް ޔޫކޭ އިން ވެސް ބުނަނީ، ސިނގިރޭޓަށްވުރެ އެތައް ގުނައަކުން ވޭޕުން ލިބޭ ގެއްލުން ކުޑަ ކަމަށެވެ.
ސިނގިރޭޓަށް ވުރެ ގެއްލުން ކުޑަ ނަމަވެސް ވޭޕަކީ އެއްގޮތަކަށް ވެސް ރަނގަޅު އެއްޗެއް ނޫނެވެ. ވޭޕަކީ ވެސް އިންސާނާގެ ހަށިގަނޑަށް އެތައް ގެއްލުމެއް ދޭ އެއްޗެކެވެ. ވޭޕު ހަދަނީ ނިކޮޓިން އަދި އެތައް ހާސް ކެމިކަލެއް ބޭނުންކޮށްގެނެވެ. އެ ކެމިކަލްތަކުގެ ފުރިހަމަ ދިރާސާއެއް އަދިވެސް ނުހެދެ އެވެ.
އޭގެ އިތުރުން، ވޭޕުގެ އެންމެ ބޮޑު މައްސަލައަކީ ސިނގިރޭޓު ވެސް ބޭނުން ނުކުރާ ކުޑަކުދިން ވޭޕު ބޭނުން ކުރަން ފަށާ މިންވަރު އިތުރުވުމެވެ. އެއީ ކުޑަކުދިން ހިތްކިޔާ ގޮތަށް ވޭޕުގެ ފްލޭވާތައް ހެދުމުގެ ނަތީޖާ އެވެ. ވޭޕު ވަނީ ސިނގިރޭޓަށްވުރެ، ބޭނުން ކުރަން ފަސޭހަ ކުޑަކުދިން ހިތްދަމައިގަންނަ ފަދަ ގޮތްތަކެއް ހުންނަ އެއްޗަކަށެވެ.
ނަމަވެސް، ރާއްޖޭގައި ކުޑަކުދިން ވޭޕު އަދި ސިނގިރޭޓު ބޭނުން ކުރާ އަދަދުގެ ދިރާސާއެއް ހަދާފައެއް ނެތެވެ. އެހެންކަމުން ކުޑަކުދިންގެ މެދުގައި ސިނގިރޭޓާއި ވޭޕު ބޭނުން ކުރުމުގެ އާދަ އޮތް ގޮތެއް ނޭނގެ އެވެ. އަދި ވޭޕު މަނާ ކުރުމުން، ދެން ވެދާނެ ގޮތުގެ ދިރާސާއެއް ވެސް ހަދާފައެއް ނެތެވެ.
~
ވޭޕް މަނާ ކުރަން ނިންމި ނިންމުމުގެ ފަހަތުގައިވާ އެންމެ ބޮޑު ބޭނުމަކީ ކުޑަކުދިން މަސްތުވުމުން ދުރުވުން ކަމަށް ސަރުކާރުން ބުނެ އެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް އެހެން ވިދާޅުވެއްޖެ އެވެ. އެކަމަކު، އޭގެ ހަގީގަތެއް ނޭނގެ އެވެ.
ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު މަސްތުވާ އެއްޗަކީ، ކެނަބިސް ފަތުން ނަގާ ތެލެވެ. މާލޭގެ ޖަންގުޝަނު ފެނުން ނެގި ސާމްޕަލްތައް ނަގައިގެން 2019 ވަނަ އަހަރު ހެދި ދިރާސާއިން ވެސް އެކަން ކަށަވަރުވެ އެވެ. ތެޔޮ ބޭނުން ކުރަނީ ސިނގިރޭޓާ އެއްކޮށްގެން ބިޑިއެއް އޮޅައިގެންނެވެ.
ވޭޕު ކާޓްރިޖުތަކަށް އަޅައިގެން ވެސް ވިއްކަނީ ކެނަބިސް ތެލެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ މެދުގައި އަދި ކުޑަކުދިންގެ މެދުގައި އޭގެ މަގުބޫލު ހުރި މިންވަރު ބެލިފައެއް ނެތެވެ. އެކަމަކު، ސަބަބުވެރި ވިސްނުމަކުން ވިސްނާއިރު، މަސްތު ވޭޕަށް ވުރެ މަސްތު ތެޔޮ މުޖުތަމައުގައި ގިނަވާނެކަން ޔަގީން ކުރެވެ އެވެ.
~
ދިރާސާއެއް ނެތް ނަމަވެސް އަދި ޔަގީންވާ އެއް ކަމަކީ، ސިނގިރޭޓު ބުއި އެތައް ބަޔަކު އެކަން ކުރުން ހުއްޓާލުމަށްފަހު، ވޭޕަށް ބަދަލުވި ކަމެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް ލިޔެގެން "އަދަދު" ނޫހުން ހޯދި ތަފާސްހިސާބުތަކުން އެކަން ކަށަވަރުވެ އެވެ.
ކަސްޓަމްސް އިން ފޯރުކޮށްދިން މިދިޔަ ފަސް އަހަރުގެ ހިސާބުތަކަށް ބަލާއިރު، ސިނގިރޭޓުގެ އިމްޕޯޓު ވަނީ އެތައް ޕަސެންޓަކުން ދަށްވެފަ އެވެ. ރާއްޖެއަށް 2018 ވަނަ އަހަރު 465.5 މިލިއަން ސިނގިރޭޓު އެތެރެ ކުރި އެވެ. އެއާ ހިލާފަށް މިދިޔަ އަހަރު އިމްޕޯޓު ކުރީ އެންމެ 350 މިލިއަން ސިނގިރޭޓެވެ. އެއީ 24 ޕަސެންޓުގެ ދަށްވުމެކެވެ.
ހަމަ އެ މުއްދަތުގައި، ވޭޕުގެ އިމްޕޯޓު ވަނީ އިތުރުވެފަ އެވެ. ކަސްޓަމްސް އިން ފޯރުކޮށްދިން ހިސާބުތަކުން ވޭޕާއި ވޭޕް ފްލޭވާ އިތުރު ކުރި އަދަދު އެންމެ ފުރިހަމައަކަށް ނޭނގެ އެވެ. ނަމަވެސް ކަސްޓަމްސްގެ އަހަރީ ރިޕޯޓުތަކުން އެނގޭ ގޮތުގައި ވޭޕް އިމްޕޯޓު ކުރާ މިންވަރު އަހަރަކަށްވުރެ އަހަރެއް ދަނީ އިތުރުވަމުންނެވެ. އެ އިދާރާގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި ވޭޕުގެ އިމްޕޯޓު އެއިރު ވެސް އޮތީ ހަތް ގުނަ އިތުރުވެފަ އެވެ.
~
ވޭޕް އެއްކޮށް މަނާކޮށްފައި ވަނީ ދުނިޔޭގެ އެންމެ 33 ގައުމަކުންނެވެ. އޭގެ ތެރޭގައި ސިންގަޕޫރު ހިމެނެ އެވެ. އެކަމަކު ސިންގަޕޫރުގައި ވެސް ބްލެކް މާކެޓުގައި ވޭޕު ގަންނަން ލިބެ އެވެ.
ނިއު ޒިލޭންޑުން ވެސް ވޭޕު މަނާ ކުރި އެވެ. އެކަމަކު ވޭޕު ބޭނުން ކުރުން އެއްކޮށް އެ ގައުމުން ވެސް ނުހުއްޓުނެވެ. އެހެންވެ، އަލުން ރެގިއުލޭޓު ކުރުމަށްފަހު ވޭޕު ވިއްކުމުގެ ހުއްދަ ދިނެވެ.
ސިންގަޕޫރަށް ތަންފީޒު ނުކުރެވުނު ކަމެއް ރާއްޖެއަށް ތަންފީޒު ކުރެވޭނެ ކަމާމެދު ސުވާލު އުފެދެ އެވެ. ވޭޕް މަނާ ކުރުމުން، އޭގެ ބްލެކް މާކެޓެއް އުފެދޭނެކަން ޔަގީނެވެ. ކޮރޯނާ ވައިރަސްގެ ލޮކްޑައުންގެ ތެރޭގައި ސައުތު އެފްރިކާގައި ދުންފަތާއި ރާ މަނާ ކުރުމުން ވެސް އިންތިހާ ބޮޑު ބްލެކް މާކެޓެއް އުފެދުނެވެ. އެކަން ހުއްޓުވުން އެ ގައުމަށް އޮތީ ނުކުޅެދިފަ އެވެ.
~
ވޭޕް މަނާ ކުރުމުން ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެކަމުގެ ދިރާސާއެއް ރާއްޖޭގައި ހަދާފައެއް ނެތެވެ. އެކަމަކު ވޭޕު ބޭނުން ކުރި ކޮންމެވެސް ބަޔަކު އަލުން ސިނގިރޭޓަށް ދާނެކަން ޔަގީނެވެ. އަދި ބްލެކް މާކެޓުން ގަނެގެން ވެސް ބައެއް މީހުން ވޭޕު ބޭނުން ކުރާނެ އެވެ.
ވޭޕަކީ ދެވި ހިފާ، ގޯސް އެއްޗެކެވެ. އެކަމަކު ވޭޕު ސިނގިރޭޓަށް ވުރެ ރަނގަޅުކަން ދިރާސާތަކުން ބުނެ އެވެ. ވޭޕު ރެގިއުލޭޓު ކުރުމުގެ ބަދަލުގައި ކުއްލިއަކަށް އެއްކޮށް މަނާ ކުރުމަކީ ރަނގަޅު ނިންމުމެއް ނޫނެވެ.








