މިއަދުގެ ހަބަރުތައް ކުރުކޮށް

Oct 13, 2024, 6:07 AM
ރާއްޖޭގައި ދިރިއުޅެމުންދިޔަ ބިދޭސީންތަކެއް އިންސްޕެކްޓު ކުރަނީ: މިހާތަނަށް 4000 އަށް ވުރެ ގިނަ މީހުން މި އަހަރު ޑީޕޯޓްކޮށްފި -- ފޮޓޯ: އިމިގްރޭޝަން

ރާއްޖޭގައި ދިރިއުޅެމުންދިޔަ ބިދޭސީންތަކެއް އިންސްޕެކްޓު ކުރަނީ: މިހާތަނަށް 4000 އަށް ވުރެ ގިނަ މީހުން މި އަހަރު ޑީޕޯޓްކޮށްފި -- ފޮޓޯ: އިމިގްރޭޝަން

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ނުވަ ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފި

ގަވާއިދާ ރާއްޖޭގައި ދިރިއުޅެމުންދިޔަ ނުވަ ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަން ޑިޕާޓްމަންޓުން ހިފަހައްޓައިފި އެވެ.

އިމިގްރޭޝަނުން ބުނީ އެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހުޅުމާލޭގެ ބައެއް ތަންތަން ބަލައި ފާސް ކުރުމުގެ ތެރެއިން ކަމަށެވެ. ހުޅުމާލޭގެ 10 ތަނެއް ބަލައި ފާސް ކުރި ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހޯދުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން ސެޕްޓެމްބަރު 22، ގެ ނިޔަލަށް ޖުމުލަ 4054 ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

ކޯޓަށް ހާޒިރު ކުރަން ބޭނުންވާ ދެ މީހަކު ފުލުހުން ހޯދަނީ

ކްރިމިނަލް ކޯޓަށް ހާޒިރު ކުރަން ބޭނުންވާ ދެ މީހަކުު ނުފެނިގެން އެ ދެ މީހުން ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުން ހޯދަނީ ވ. ސެޓަލައިޓް، މުހައްމަދު ނައީމް، 41، އާއި ގދ. ވާދޫ، ސަބާހީމަންޒިލް، އިޒާމް ޒާހިރު، 25، އެވެ.

ފުލުހުން ބުނީ ހޯދަމުންދާ ދެ މީހުންގެ ތެރެއިން ނައީމްއަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ކޯޓަށް ހާޒިރު ކުރަން ބޭނުންވާ މީހެއް ކަމަށެވެ. އިޒާމް ވެސް ހޯދަނީ ކޯޓުގައި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ދެ މީހުންގެ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ އެ އިދާރާއަށް އެންގުމަށެވެ.

ކާބޯތަކެތި ވިއްކާ ތަންތަން އިންސްޕެކްޓު ކުރާނެ އޮފިސަރުން ތަމުރީނު ކުރަނީ

ކާބޯތަކެތި ވިއްކާ ތަންތަން އިންސްޕެކްޓު ކުރާނެ އޮފިސަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުތަކެއް ހެލްތު މިނިސްޓްރީން ފަށައިފި އެވެ.

ތަމުރީނު ކުރާ އޮފިސަރުންގެ ޒިންމާއަކަށް ވާނީ ކާބޯތަކެތި ވިއްކާ ތަންތަން ގާނޫނާއި ގަވާއިދާ އެއްގޮތަށް ހިންގާތޯ ބެލުމެވެ. އަދި ކާބޯތަކެތި ވިއްކާ ތަންތަން ސާފުތާހިރުކަމުގެ މިންގަނޑަށް ފެތޭތޯ ވެސް އިންސްޕެކްޓަރުން ބަލަންޖެހޭނެ އެވެ.

އަލަށް އަމަލު ކުރަން ފެށި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގާނޫނުގެ ދަށުން، ކާބޯތަކެތި ވިއްކާ ތަންތަން ބަލައި ފާސް ކުރުމަކީ ސަރުކާރުގެ ޒިންމާއެކެވެ. ކާބޯތަކެތި ވިއްކުމަށް ސަރުކާރުން ހުއްދައެއް ވެސް ނަގަންޖެހެ އެވެ.

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox