މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސެލްފް ސާވިސް އޭޓީއެމް ސެންޓަރެއް ކ. މާފުށީގައި މިއަދު ހުޅުވައިފި އެވެ.
އެ އޭޓީއެމް ސެންޓަރު ހުޅުވައިދެއްވީ އެމްއައިބީގެ ސީއީއޯ އަދި އެމްޑީ މުފައްދަލް އިދްރިސް ކުމްރީގެ އިތުރުން މާފުށީ ކައުންސިލްގެ ރައީސް ރައީސް ހުސެއިން ސޮލާހު އެވެ.
އެމްއައިބީން ބުނީ އެ އޭޓީއެމް ސެންޓަރުން ދިވެހި ރުފިޔާ އަދި އެމެރިކާ ޑޮލަރު ނެގޭނެ ކަމަށާއި އަދި ޖަމާ ކުރުމުގެ ހިދުމަތް ވެސް ލިބޭނެ ކަމަށެވެ.
އޭޓީއެމް ހުޅުވައިދެއްވުމަށް ފަހު މުފައްދަލް އިދްރިސް ކުމްރީ ވިދާޅުވީ އާ އޭޓީއެމްގެ ސަބަބުން ފަތުރުވެރިންނާއި އެ ރަށަށް ޒިޔާރަތްކުރާ މީހުންގެ އިތުރުން ރަށުގައި ދިރިއުޅޭ މީހުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މާފުއްޓަށް އަހަރެއްގެ މައްޗަށް ދެ ލައްކައެއްހާ ފަތުރުވެރިން ޒިޔާރަތް ކުރެ އެވެ. އަދި އެ ރަށަށް ރާއްޖޭގެ އެކި ކަންކޮޅުން ގިނަ އަދަދެއްގެ ދިވެހިން ވެސް ޒިޔާރަތް ކުރެ އެވެ.
އެމްއައިބީން އަންނަނީ އެ ބޭންކުން ދެމުން އަންނަ ހިދުމަތްތައް އަތޮޅު ތެރޭގައި ފުޅާކޮށް، މުޅިން އާ ހިދުމަތްތައް ތައާރަފް ކުރަމުންނެވެ.










