ޕީއެސްއެމްގެ އެމްޑީ ސައީދު ވޮލީ އެސޯސިއޭޝަން ހިންގުމުގެ އިސް މަގާމެއްގައި: މަސްލަހަތު ފުށޫއަރާ!

ޕީއެސްއެމްގެ އެމްޑީ ސައީދު ވޮލީ އެސޯސިއޭޝަން ހިންގުމުގެ އިސް މަގާމެއްގައި: މަސްލަހަތު ފުށޫއަރާ!

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަކަށް ހަމަޖެއްސި، މުހައްމަދު ސައީދު، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ދުވަހުން ދުވަހަށް ހިންގުމުގެ ޒިންމާ ހަވާލުވެފައި އޮތް، ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުރުމުން ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ސައީދު އަންނަނީ މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ވޮލީބޯލް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކުރަމުންނެވެ. އަދި، އޭނާ، ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ހަމަޖެއްސީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެއީ، އެ މަގާމުގައި ހުރި، ޒީނާ ޒާހިރު، އިސްތިއުފާ ދިނުމުންނެވެ.

މަސްލަހަތު ފުށުއަރާ މަގާމެއްގައި ސައީދު ބެހެއްޓުމާ ބެހޭގޮތުން، މިދިޔަ މަހުގެ 25 ވަނަ ދުވަހު، "އަދަދު ސްޕޯޓްސް" އިން ވޮލީ އެސޯސިއޭޝަންގެ ރައީސް، މުހައްމަދު ލަތީފްއާ ސުވާލުކުރުމުން އޭނާ އޭރު ވިދާޅުވީ، "މިއަދު ދެން، ސައީދު، ޕީއެސްއެމްގެ ފުރަތަމަ ދުވަސް ދެއްތޯ. ދެން، އަޅުގަނޑުމެން ސައީދުގެ ޖީއެސް މަގާމާ މެދު ގޮތެއް ނިންމާނީ، ހިންގާ ކޮމިޓީގެ ބައްދަލުވުމަކަށް ފަހު،" ކަމަށެވެ.

އެހެން ނަމަވެސް، އެ ގޮތަށް ވިދާޅުވިތާ، ތިން ހަފްތާ ވީ އިރު ވެސް އަދިވެސް ސައީދު އަންނަނީ މަސްލަހަތު ފުށޫއަރާ މި ދެ މަގާމުގައި އަދިވެސް ދެމިހުންނަވަމުންނެވެ.

ވީއޭއެމްގެ ރައީސް، ލަތީފްގެ ބަހެއް މި ކަމާ ބެހޭގޮތުން ހޯދަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

"އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް"

މަގާމުގައި ދެމިހުރުމުގައި ބެހޭގޮތުން، "އަދަދު ސްޕޯޓްސް" އިން ސުވާލުކުރުމުން، ސައީދު ވިދާޅުވީ، ވޮލީބޯލް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"އަދި، ވަކި ކުރެއްވި ކަމަކަށް އަޅުގަނޑަކަށް ނުއެއް އަންގަވާ. ދެން، މި ކަމުގައި (ދެ މަގާމެއްގައި ހުރުމުގައި) އަޅުގަނޑަކަށް ކޮންފްލިކްޓް އޮފް އިންޓަރެސްޓެއް ނާދޭ (މަސްލަަހަތު ފުށޫއަރާ ކަމެއް ނެތް) އިނގޭތޯ." ސައީދު ވިދާޅުވި އެވެ.

"އަޅުގަނޑު، އެ މަގާމު (ޖެނެރަލް ސެކްރެޓަރީގެ މަގާމުން) އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް. މި މަގާމުގައި (ޕީއެސްއެމްގެ އެމްޑީގެ މަގާމުގައި) ހުރެގެން ރާއްޖޭގެ އެއްވެސް ކުޅިވަރަކަށް ގޯސްވާ ގޮތަކަށް އަމަލެއް ނުކުރާނަން. އެއްވެސް އެސޯސިއޭޝަނަކަށް ފޭވާ ވެސް ނުކުރާނަން،"

ސައީދު ވިދާޅުވީ، ކުޅިވަރު އެސޯސިއޭޝަނެއްގެ ޖެނެރަލް ސެކްރެޓަރީ އަކަށް ހުންނަވައި، ޕީއެސްއެމްގެ އެމްޑީ މަގާމަށް އައި ފުރަތަމަ ފަރާތަށް އޭނާ ވުމަކީ، "އިއްތިފާގަކަށް" ވެދާނެ ކަމަށެވެ. އަދި އޭނާ އެ ދެ މަގާމުގައި ހުުރުމުން ސުވާލު އުފެދޭ ގޮތަށް ކުޅިވަރުގައި، މި ފަދަ ގޮތްތަކަށް ވިސްނައި، ވާހަކަ ދެއްކޭނެ އެހެން ކަންތައްތައް ވެސް ހުރި ކަމަށް ސައީދު ވިދާޅުވި އެވެ.

"މިސާލަކަށް ވަރަށް ގިނަ ކަންކަން އަލަށް ހިނގާ. ތި ގޮތަށް ވާ ކަމަށް ވަންޏާ ތި ބޭފުޅުންނަށް ސުވާލު އުފެއްދިދާނެ ދެއްތޯ ކުރީގެ ވޮލީ އެސޯސިއޭޝަންގެ ރައީސެކޭ މިހާރު ކުޅިވަރާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އެ ހުރީ. އެހެންވެއްޖިއްޔާ ވޮލީ އަށް ވަރަށް ފޭވާ ކުރާނޭ،" ވޮލީ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުހައްމަދު ރިޔާޒް، ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓަކަށް ހުންނެވުމަށް އިޝާރާތް ކުރައްވައި، ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، އޭނާ ޕީއެސްއެމްގެ އިސް މަގާމެއްގައި ހުރެ ވޮލީ އަށް "ފޭވާކޮށްފިނަމަ، ސުވާލު އުފައްދަން" ރަނގަޅު ކަމަށާއި އެފަދަ ކަމެއް ދުވަހަކު ވެސް ނުކުރާނެ ކަމަށެެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ކުޅިވަރު ގައުމީ މަޖިލީހުން ވަނީ، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިދާރީ ހިންގުން، ރަނގަޅު ކުރުމުގެ ގޮތުން، އެސޯސިއޭޝަންތަކުގެ ޖެނެރަލް ސެކްރެޓަރީންގެ މުސާރަ ބޮޑުކޮށްފަ އެވެ. އެއީ، 3000-4000 ވަރަކަށް ރުފިޔާގެ އެޑްމިނިސްޓްރޭޝަން އެލަވެންސެއް/މުސާރަ، 15000 ރުފިޔާ އަށް ބޮޑުކޮށްފަ އެވެ. މި ފައިސާ ދިނުމުގައި، އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް އޮތީ އެސޯސިއޭޝަންތަކަށް ދޫކޮށްލައިފަ އެވެ. އެ ނިންމުން ނިންމުމުގެ އެންމެ ބޮޑު ސަބަބަކީ، އެސޯސިއޭޝަންތައްް ހިންގުމުގެ ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތް ކުރުމުގެ ޒިންމާ ހަވާލުވެ ހުރި ފަރާތްތައް "ފުލްޓައިމް" ކޮށް އެކަން ކުރުމުގެ ފުރުސަތު ދޭށެވެ.

ސައީދު ވިދާޅުވީ، ވޮލީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަކީ ފުލްޓައިމް މަގާމެއް ނޫން ކަމަށާއި ޕާޓް ޓައިމް މަގާމެއް ކަމަށެވެ.

ވޮލީބޯލް އެސޯސިއޭޝަންގެ އަސާސީ ގަވާއިދު، މި އަހަރުގެ ފެބްރުއަރީ 19 ވަނަ ދުވަހު ކޮމިޝަނާ އޮފް ސްޕޯޓްސް އިން ފާސްކޮށްދިންއިރު، ޖެނެރަލް ސެކްރެޓަރީގެ ޒިންމާތައް ވަނީ ވަރަށް ސާފުކޮށް ހިމަނައިފަ އެވެ.

ފުލްޓައިމްގެ ކަމަށް ޖަހާފައި ނެތް ނަމަވެސް، މި ހުރިހާ ޒިންމާއެއް އެއް ފަހަރާ ދެ ތަނެއްގައި އަދާކުރެވިދާނެތޯ ސުވާލު އުފެދެ އެވެ.

ވޮލީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ ޒިންމާގެ ގޮތުގައި ހިމަނާފައިވާ ކަންތައްތައް:

- އެސޯސިއޭޝަން އިދާރީ އޮފީސް ހިންގައި ބެލެހެއްޓުން.

- އެސޯސިއޭޝަންގެ ޕްރެޒިޑެންޓް އަންގާ ގޮތެއްގެ މަތިން ހިންގާ ކޮމިޓީގެ ޖަލްސާތަކާއި އެސޯސިއޭޝަންގެ ކޮންގްރެސްގެ ޖަލްސާތަކާއި އެސޯސިއޭޝަނުން ބާއްވަން ޖެހޭ އެންމެހާ ބައްދަލުވުންތައް އިންތިޒާމުކޮށް، ބާއްވައި އަދި ޔައުމިއްޔާ ލިޔެ، ބެލެހެއްޓުން.

- އެސޯސިއޭޝަން ހިންގާ ކޮމިޓީގެ ޖަލްސާތަކާއި ކޮންގްރެސް ހުށަހެޅުމަށްޓަކައި ހުރިހާ ރިކޯޑްތަކާއި ލިޔެކިޔުންތަކާއި ރިޕޯޓްތައް ތައްޔާރުކުރުން.

- އެސޯސިއޭޝަންގެ މެމްބަރުންގެ ރަޖިސްޓްރީ ގަވާއިދުން ބަލަހައްޓަމުން ގެންދިއުން.

- އެސޯސިއޭޝަނުގެ ފަރާތުން ޖަވާބުދާރީވާންޖެހޭ ހުރިހާ ސިޓީތަކަކަށް ޕްރެޒިޑެންޓްގެ މަޝްވަރާ މަތިން ޖަވާބުދިނުން.

- ދުވަހުން ދުވަހަށް ނިންމަން ޖެހޭ މަސައްކަތްތައް ޕްރެޒިޑެންޓްގެ މަޝްވަރާގެ މަތިން ކުރުން.

- މަތީގައި މަސައްކަތުގެ އިތުރުން ޕްރެޒިޑެންޓް ހަވާލުކުރާ އެސޯސިއޭޝަނުގެ އެހެނިހެން މަސައްކަތްކުރުން.

ސަރުކާރުން ތަނަވަސްކޮށްދިން ފުރުސަތެއްގައި، ޗައިނާ އިން ވޮލީގެ ކޯހެއް ފުރިހަމަ ކުރާ ފަރާތްތަކާ އެކު ސްޕޯޓްސް މިނިސްޓްރީ އާއި ވޮލީ އެސޯސިއޭޝަނުން ބޭއްވި އިވެންޓްގެ ތެރެއިން. (ކ.ތ:1)--- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ޕީއެސްއެމް އިން ވެސް ހުރިހާ ކުޅިވަރެއްގެ މަސްލަހަތަށް އިސްކަންދޭން ޖެހޭ

ދާދި ފަހުން، މިދިޔަ ޖޫން މަހު، ޕީއެސްއެމް އިން ވަނީ، މީގެ އެއް އަހަރު ކުރިން، ރާއްޖޭގައި ހޯސްޓްކުރި، އިންޓަނޭޝަނަލް މުބާރާތެއް ލައިވްކޮށްގެން ލިބެންޖެހޭ ބާކީ ފައިސާ ހޯދުމަށް، އެސޯސިއޭޝަނެއްގެ މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު، އެއީ ސައީދު، ޕީއެސްއެމްގެ އެމްޑީގެ މަގާމާ ހަވާލުވުމުގެ ކުރިންނެވެ.

"އަދަދު ސްޕޯޓްސް"އާ ވާހަަކަ ދައްކާފައިވާ ކުޅިވަރު އެސޯސިއޭޝަންތަކުގެ އެކި ފަރާތްތަކުން ވަނީ، ޕީއެސްއެމްގެ އެމްޑީ ކުޅިވަރު އެސޯސިއޭޝަނެއްގެ ޖެނެރަލް ސެކްރެޓަރީ އަކަށް ހުރުން އެއީ މަސްލަހަތު ފުށޫއަރާ ކަމެއް ކަން ސާފުކޮށް ފެންނަން އޮތް ކަމަށް ބުނެފަ އެވެ.

އެއީ، ހުރިހާ ކުޅިވަރު އެސޯސިއޭޝަނެއްގެ މަސްލަހަތު ހިފަހައްޓަން ޖެހޭ ފަދަ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރަކަށް ވަކި އެސޯސިއޭޝަނެއްގެ ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތް ކުރަން ޖެހޭ ޒިންމާ ހަވާލުވެފައި އޮތް ޖެނެރަލް ސެކްރެޓަރީއެއް ހުރުން އެއީ ކުޅިވަރަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމެއް ކަމަށްވާތީ އެވެ.

"ބައެއް ކުޅިވަރުތަކުގެ ގައުމީ ފައިނަލްތައް ވެސް ނިމިއްޖެ، އެހެން ކުޅިވަރުތަކުން އިންޓަނޭޝަނަލް މުބާރާތް ވެސް ބާއްވައިފި. އެވަރަށް ލައިވްއެއް ކުރިތޯ ނޫނީ އެކްސްޕޯޝާ ދޭ ލެވަލް އެބަ ފެނޭ މިހާރު ވެސް. ކޮން ބަޔަކަށް ތޯ އިސްކަން ދެނީ. މިއީ، މަސްލަހަަތު ފުށުއަރާ މިންވަރު ކިހާވަރަކަށް އޮތް ކަމެއްތޯ. އެ ސުވާލު އުފައްދާނީ ކުޅިވަރުގެ މީހުން. މިއީ ކުޅިވަރު ރަނގަޅު ކުރަން ދައްކާ ވާހަކަ، ކުޅިވަރުގެ އޮޓޯނަމީ އާއި އިންސާފު އެއް ހަމަ އަކުން ހިފަހައްޓަން ދައްކާ ވާހަކަ،" އެސޯސިއޭޝަންގެ އިސް ފަރާތަކުން "އަދަދު ސްޕޯޓްސް" އަށް އޭނާ ދެކޭގޮތެއް ހިއްސާކުރި އެވެ.

ތިން މަހެއްހާ ދުވަސް ތެރޭ، ވޮލީބޯޅައިގެ ބައިނަލްއަގުވާމީ ތިން ވަނަ މުބާރާތެއް މިހާރު ހިނގަމުން އަންނައިރު، އެ މުބާރާތްތަކުގެ މެޗުތައް ފުރިހަމަ ކަވަރޭޖަކުން ގެންނަން ޕީއެސްއެމް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެކަމަކު، އެ މުބާރާތްތަކުން ޕީއެސްއެމް އަށް ލިބެނީ ކިހާ ފައިސާއެއްތޯ، އެއް މުބާރާތުގެ ލައިވް ކުރަނީ ކުރިން ލައިވް ކުރި މުބާރާތުގެ ފައިސާ ލިބުމުންތޯ ވެސް ސާފުވާން ޖެހޭ ކަމަށް އެސޯސިއޭޝަންތަކުން ވަނީ ބުނެފަ އެވެ. އަދި، މި ކަންކަމާ ސުވާލު އުފައްދަން ޖެހެނީ ވެސް، ދެ ފަރާތުގެ ވެސް ހިންގުމުގެ ޒިންމާ ބޮލުގައި އެޅިފައިވާ އެއް ފަރާތެއް ހުރުމުން ކަމަށް ވެސް އެސޯސިއޭޝަންތަކުން ބުނެފައިވެ އެވެ.

ޕީއެސްއެމްގެ މި ފަދަ މައުލޫމާތު އެނގޭ ފަރާތަކުން، "އަދަދު ސްޕޯޓްސް" އަށް ބުނެފައިވަނީ، ވޮލީ އެސޯސިއޭޝަނުން އެންމެ ފަހުން ބޭއްވި މުބާާރާތު، ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕްގެ ލައިވް ކަންކަން ކޮށްފައިވާއިރު، އަދި އެ މުބާރާތުގެ ފައިސާ ހަމަނުޖައްސާ ކަމަށެވެ.

އެސޯސިއޭޝަންގެ ޒިންމާތައް ވެސް ފުރިހަމަ ނުވޭ

މިދިޔަ މާޗް މަހު، ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވޮލީބޯލް އެސޯސިއޭޝަނުގެ އިންތިހާބު ބާއްވަން ފުރުސަތު ދީފައިވަނީ، 90 ދުވަހުގެ ތެރޭގައި ވޮލީބޯލް އެސޯސިއޭޝަންގެ މިދިޔަ ހަތަރު އަހަރުގެ އޮޑިޓްގެ ކަންކަން ފުރިހަމަ ކުރަން ޖެހޭ ގޮތަށެވެ.

އެކަމަކު، ފަސް މަހަށް ވުރެ ގިނަ ދުވަސްވީއިރު ވެސް ވޮލީބޯލް އެސޯސިއޭޝަނުން އޮޑިޓް ކަންކަން ފުރިހަމަނުކޮށް، ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ހަމައެކަނި ހުށަހަޅާފައި އޮތީ ޑްރާފްޓް އޮޑިޓެކެވެ.

ޑްރާފްޓް އޮޑިޓެއް ހުށަހަޅައިގެން ތިބެ، ރަސްމީކޮށް ކަންކަން އެއްކޮށް ފުރިހަަމަނުކޮށް، ދައުލަތުން ބަޖެޓް ވެސް ހޯދައިގެން، މުބާރާތްތައް ހޯސްޓް ކުރަމުން އަންނާތީ ވެސް އެސޯސިއޭޝަންތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް، ލަތީފް، ޖުލައި، 30 ވަނަ ދުވަހު "އަދަދު ސްޕޯޓްސް" އަށް ވިދާޅުވީ، އަންނަ މަހު (އޮގަސްޓް މަހު) އޮޑިޓްގެ ހުރިހާ މަސައްކަތެއް ނިންމައި، ކުލަބްތަކާ އޮޑިޓް ރިޕޯޓް ހިއްސާ ކުރާނެ ކަމަށެވެ. އަދި ކުލަބްތަކާ ރިޕޯޓްތައް ހިއްސާ ކުރާނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރޭގައި ކަމަށް ވެސް ވިދާޅުވި އެވެ.

އެހެން ނަމަވެސް، މިދިޔަ މަސް ނިންމި، މިހާރު، އެ ފަހުން، ދެ މަސް ދުވަސް ނިމެން ކައިރިވެފައިވާއިރު، އަދިވެސް އޮތީ އޮޑިޓްގެ ކަންކަން ނުނިންމަ އެވެ. ވޮލީބޯލް އެސޯސިއޭޝަންގެ އިދާރީ ކަންކަން ކުރުމުގެ މި ފަދަ ޒިންމާތައް، އަސާސީ ގަވާއިދު ބުނާގޮތުން، އޮތީ ޕްރެޒިޑެންޓްގެ ލަފާގެ މަތިން، ޖެނެރަލް ސެކްރެޓަރީ އަދާކުރާ ގޮތަށެވެ.

ވޮލީބޯލް އެސޯސިއޭޝަންގެ އަސާސީ ގަވާއިދުގައިވާ ގޮތުން، ހިންގާ ކޮމިޓީގައި ވޯޓުލުމުގެ ފުރުސަތު ވެސް ލިބޭ ޖެނެރަލް ސެކްރެޓަރީ އައްޔަންކުރަނީ، ހިންގާ ކޮމިޓީގެ ރުހުމާ އެކު އެސޯސިއޭޝަންގެ ރައީސް އެވެ. އަދި އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އަށް ރައީސް އައްޔަނުކުރާ ޖެނެރަލް ސެކްރެޓަރީ މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭނެ ކަމަށް ހިންގާ ކޮމިޓީ އަށް ނުވަތަ ރައީސަށް ފެނިއްޖެނަަމަ، ހިންގާ ކޮމިޓީ އަށް ހުށަހަޅައި، އެ ކޮމިޓީގެ ރުހުމާ އެކު، ޖެނެރަލް ސެކްރެޓަރީ ވަކިކުރުމުގެ ބާރު ރައީސަށް ލިބިގެންވެ އެވެ.

މި ސަރުކާރު އައި ފަހުން، އެސޯސިއޭޝަންތަކުގެ ޖެނެރަލް ސެކްރެޓަރީންނަށް، ޑެޕިއުޓީ މިނިސްޓަރުކަން ވެސް ހުށަހަޅާފައިވާއިރު، ސަރުކާރުގެ އެ މަގާމަށް ދިއުމަށް، އެސޯސިއޭޝަންގެ މަގާމުން އިސްތިއުފާދޭން ޖެހޭނެ ކަމަށް ވަނީ އަންގައިފަ އެވެ. އެހެންވެ، ބައެއް ފަރާތްތަކުން ނިންމީ، ކުޅިވަަރުގައި މަޑުކުރާށެވެ.

މީގެ އިތުރުން، މި ސަރުކާރުގެ ބައެއް ކުންފުނި/މިނިސްޓްރީތަކުގެ އިސް މަގާމުތަކުގައި އެސޯސިއޭޝަންތަކުގެ ރައީސް އާއި ނައިބު ރައީސުން މަސައްކަތް ކުރަމުން އެބަދެ އެވެ. އެކަމަކު، މިއީ، އެސޯސިއޭޝަންތަކުގެ ޕޮލިސީ ލެވަލް މަގާމުތަކުގައި ހުރި ފަރާތްތައް ކަމަށްވާތީ، އެސޯސިއޭޝަން ދުވަހުން ދުވަހަށް ހިންގުމުގެ ޒިންމާއާ ގުޅޭ ފުށުއެރުންތަކެއް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރުން ދިވެހި ޕްރިމިއާ ލީގުގައި ފުރަތަމަ މޮޅު ހޯދައިފި

ދިވެހި ޕްރިމިއާ ލީގުގައި ހދ. ދިއްދޫ ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް، ބިސް ބުރު ސްޕޯޓްސް ކްލަބުން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި. ބާނަބާސް ފްރައިޑޭ ކާމިޔާބުކޮށްދިން ލަނޑާއެކު ބިސް ބުރުން މި މޮޅު ހޯދިއިރު، މި މެޗަށްފަހު ގައުމީ ޓީމުގެ މެޗުތަކަށް ލީގުގެ ކުޅުން ވަނީ އަންނަ މަހުގެ ނުވަވަނަ ދުވަހާ ހަމައަށް މެދުކަނޑާލައިފައި

ސިޓީ އެއް ވަނަ އަށް، ލިވަޕޫލަށް މޮޅެއް، ޔުނައިޓެޑް އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ސަންޑަލެންޑް ބަލިކޮށް މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައަށް ޖެހިލިއިރު، ލިވަޕޫލުން ވަނީ ބޯންމައުތު އަތުން މޮޅުވެފައި. މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވިއިރު، އާސެނަލް ބަލިވުމުގެ ފައިދާ ނަގައި ސިޓީން ވަނީ ތިން ޕޮއިންޓުގެ ލީޑެއް ހޯދާފައި

އެތުލެޓިކޯ އިން ރެއާލް މެޑްރިޑް ބަލިކޮށްލައިފި

ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑް އަތުން 2-1 އިން މޮޅުވެ، އެތުލެޓިކޯ މެޑްރިޑުން ތާވަލުގެ ތިންވަނައަށް ޖެހިލައިފި. މި ނަތީޖާއާއެކު ރެއާލް ވަނީ އެއްވަނައިގައި އޮތް ބާސެލޯނާއަށް ވުރެ ހަ ޕޮއިންޓް ފަހަތަށް ގޮސް، ތާވަލުގެ ހަތަރުވަނައަށް ވެއްޓިފައި

ގައްދޫ ބަލިކޮށް އީގަލްސް އަށް ލީގުގައި ދެ ވަނަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ އަތުން 2-0 އިން މޮޅުވެ، ކްލަބް އީގަލްސް އިން ލީގުގައި އެޓީމުގެ ދެ ވަނަ މޮޅު ހޯދައިފި. މި ނަތީޖާއާއެކު، އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ތިން މެޗުން ވެސް ބަލިވެ ގައްދޫ އަށް ވަނީ އިތުރު ނުތަނަވަސްކަމަކާ ކުރިމަތިލާން ޖެހިފައި

ވީއޭއާރް އަށް އަދިވެސް އިތުބާރު އެބައޮތް: ކެރިކް

މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ވީއޭއާރުން ނިންމި ނިންމުމަކާ މެދު ސުވާލު އުފެދުނު ނަމަވެސް، އެ ސިސްޓަމަށް އަދިވެސް އިތުބާރު އެބައޮތް ކަމަށް ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ފާހަގަކުރި ގޮތުގައި ވީއޭއާރުގެ ނިންމުންތައް ރަނގަޅު ކުރެވޭނީ ގަވާއިދުތައް މާނަކުރުމުގައި ހުރި ތަފާތުތައް ނައްތާލައިގެން

ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަލުން ސަމުއްޓެ އަށް

ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ބޭންޑް އަލުން ސަމޫހު އަލީ (ސަމުއްޓެ) އަށް ދޭން ނިންމީ، އޭނާގެ ކިބައިގައި ޓީމު ލީޑުކުރުމުގެ ގާބިލުކަން ހުރުމުންނާއި ކުރިން ދިމާވި މައްސަލަތަކުން އަރައިގަންނަން ފުރުސަތު ދިނުމަށެވެ. ކޯޗު އުރްބާނީ ބުނިގޮތުގައި ސަމުއްޓެ އަތުން ބޭންޑް ނެގި ސަބަބަކީ ޓީމުގެ "އާއިލީ" ކަމެއް ކަމަށާއި، މިހާރު މުހިންމީ އެކަންކަން އިސްލާހުކޮށް ޒުވާން ކުޅުންތެރިންނަށް ނަމޫނާ ދެއްކުމެވެ.

ޓީ20 ޕްރެޒިޑެންްޓްސް ކަޕްގެ ޗެމްޕިއަންކަން ސީބީއެލް ސްޕޯޓްސް އަށް

ޓީ20 ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި މާލެ ސްޕޯޓްސް ކްލަބް 56 ލަނޑުން ބަލިކޮށް، ސީބީއެލް ސްޕޯޓްސް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. ސީބީއެލް އިން 20 އޯވަރުގެ ތެރޭގައި 185 ލަނޑު ހެދިއިރު، މާލެ ސްޕޯޓްސް ކްލަބަށް 20 އޯވަރު ހަމަވިއިރު ކުރެވުނީ 127 ލަނޑު. މި މުބާރާތަކީ މޯލްޑިވްސް ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމުގެ މެދުގައި ބޭއްވުނު މުބާރާތެއް

Newsletter

Get the latest news delivered straight to your inbox