ދައުލަތުގެ ކުންފުނިތަކުން، އަމިއްލަައަށް އެކުލަވައިލާ ހިންގާ ގަވައިދުގެ ދަށުން ކުންފުނީގެ ބޯޑަށް ޑިރެެކްޓަރުން އިތުރުކުރެވޭ ގޮތަށް ކުންފުނީގެ ގާނޫނު ބަދަލުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާމު ހުށަހެޅުއްވި އެ ބިލުގެ ފުރަތަމަ ކިއުން އިއްވީ ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ބުދަ ދުވަހު ބޭއްވި ދައުރުން ބޭރު ޖަލްސާގަ އެވެ.
ކުންފުނީގެ ގާނޫނަށް ގިނަ ބަދަލުތަކެއް ގެންނަން ހުށަހެޅި އެ ބިލުގައި ބަދަލުކުރަން ހުށަހަޅާފައިވާ އެއް މާއްދާ އަކީ ކުންފުނިތަކުގައި ޑިރެކްޓަރުން ތިބޭނެ ގޮތް ބަޔާންކުރާ، 113 ވަނަ މާއްދާ އެވެ. އެ މާއްދާގެ (ރ) ގައި މިހާރު އޮތް ގޮތުން ސަރުކާރު ކުންފުންޏެއްގެ ބޯޑުގައި އެންމެ މަދުވެގެން ތިބޭނެ ޑިރެކްޓަރުންގެ އަދަދު ކަނޑައެޅޭނީ އެހެން ގާނޫނަކުން، އެ ކުންފުންޏެއް އުފައްދާ ގާނޫނުން ނުވަތަ ގަރާރަކުންނެވެ.
އާ ބިލުގައި އޮތް ގޮތުން ކުންފުނީގެ ހިންގާ ގަވައިދުން ވެސް ބޯޑު މެންބަރުންގެ އަދަދު ކަނޑައެޅޭނެ އެވެ.
"...މި މާއްދާގެ (ށ) އާއި (ނ) ގައި އެހެން ބަޔާންކޮށްފައި ވީ ނަމަވެސް އެހެން ގާނޫނެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއް އުފައްދާ ގާނޫނެއް ގައި ނުވަތަ ގަރާރެއްގައި، ނުވަތަ ކުންފުނީގެ ހިންގާ ގަވައިދުގައި އެކުންފުންޏެއް ގައި މަދުވެގެން ތިބެން ޖެހޭ ޑިރެކްޓަރުންގެ އަދަދު އިތުރުކުރުމަކަށް މި މާއްދާ ހުރަހެއް ނާޅާ،" ކުންފުނީގެ ގާނޫނު ބަދަލުކުރަން ހުށަހެޅި ބިލުގައި ވެ އެވެ.
ބިލުގައި ހިމެނޭ އެހެން ބައެއް ބަދަލުތަކުގެ ތެރޭގައި، މިހާރުގެ ގާނޫނުގައި ދީފައި ހުރި ބައެއް މުހުލަތުތައް ކުރުކުރުން ހިމެނެ އެވެ. އޭގެ ތެރޭގައި 113 ވަނަ މާއްދާގައި ބަޔާންކުރާ އަދަދަށް ޑިރެކްޓަރުން ނެތް ނަމަ، ނުވަތަ ނެތްކަން އެއްވެސް ފަރާތަކުން ރެޖިސްޓްރާ އޮފް ކޮމްޕެނީސް އަށް އެންގުމުން، ޑިރެކްޓަރުންގެ އަދަދު ހަމަކުރަން ރެޖިސްޓްރާ އަންގާ އެންގުން ތަންފީޒުކުރަން ދީފައި އޮތް މުހުލަތު ހިމެނެ އެވެ.
ގާނޫނުގައި މިހާރު އެކަމަށް ދީފައި އޮތީ 30 ދުވަސް ކަމަށް ވާ އިރު އާ ބިލުގައި ހުށަހަޅާފައި އޮތީ 10 ދުވަސް ދިނުމަށެވެ.
ކުންފުނިތަކުގެ އަހަރީ އާއްމު ޖަލްސާ ބާއްވަން ގާނޫނުގައި މިހާރު ދީފައި އޮތް މުހުލަތު ކުރުކުރަން ވެސް އެ ބިލުގައި އެބަ އޮތެވެ. ކުންފުނީގެ ގާނޫނުގެ 100 ވަަނަ މާއްދާގައިވާ ގޮތުން އަހަރީ އާއްމު ޖަލްސާ ބާއްވަން، އެކަމަށް އޮންނަ އުސޫލުން ހުށަހަޅައިފި ނަމަ ޖަލްސާގެ ދައުވަތު ދޭން 21 ދުވަހުގެ މުހުލަތެއް އޮވެ އެވެ. އަދި ޖަލްސާ ބާއްވަން ޖެހޭނީ ޖަލްސާ ބާއްވަން ހުށަހަޅާތާ ތިން މަސްދުވަހުގެ ތެރޭގަ އެވެ.
އާ ބިލުގައި ހުށަހަޅާފައި އޮތީ އަހަރީ އާއްމު ޖަލްސާ ބާއްވަން ހުށަހަޅާތާ ތިން ދުވަހުގެ ތެރޭގައި ދައުވަތު ފޮނުވައި 10 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން ޖެހޭ ގޮތަށެވެ.











