ރާއްޖޭގައި ފައިސާ ފޮނުވަން އެންމެ މަގުބޫލީ އެކައުންޓް ޓްރާންސްފާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭއިން ބުނީ ފައިސާ ފޮނުވަން އެކައުންޓް ޓްރާންްސްފާ ހެދުން މަގުބޫލުވެ، އެ އޮތޯރިޓީގެ ފަވަރައާއެކު ކުރިއަށް އޮތް އަހަރުތަކުގައި އެކަން ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.
"ފައިސާ ފޮނުވަން އެންމެ މަގުބޫލީ އެކައުންޓް ޓްރާންސްފާ. އަލަށް ތައާރަފްކުރި ފަވަރައާއެކު ކުރިއަށް އޮތް އަހަރުތަކުގައި އެކައުންޓް ޓްރާންސްފާ ހަދާ މިންވަރު އިތުރުވެ، އިންސްޓެންޓް އިންޓަ ބޭންކް ޓްރާންސެކްޝަން ހަދަން ފަސޭހަވާނެ،" އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްއޭއިން އެކައުންޓް ޓްރާންސްފާ ހެދުމަށް ބޭނުންކުރާ އެކި ޕްލެޓްފޯމްތައް ބޭނުންކޮށްގެން މިހާރު އެކި ބޭންކްތަކަށް ފަސޭއިން ޓްރާންސެކްޝަން ހެދެ އެވެ.
އެމްއެމްއޭއިން ބުނީ މިދިޔަ އަހަރު ވޮލިއުމްއަށް ބަލާއިރު އެކައުންޓް ޓްރާންސްފާ ހަދާފައި ވަނީ 109.6 މިލިއަން ރުފިޔާ ކަމަށާއި އެއީ މިދިޔަ އަހަރަށް ވުރެ 25 ޕަސަންޓުގެ ކުރިއެރުމެއް ކަމަށެވެ.
އޭގެ ތެރެއިން 97 ޕަސަންޓަކީ އިންޓްރާ ބޭންކް ޓްރާންސެކްޝަން ކަމަށާއި ބާކީ ތިން ޕަސަންޓަކީ އިންޓަ ބޭންކް ޓްރާންސެކްޝަން ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.
ކުރެވުނު ޓްރާންސެކްޝަންތަކުގެ އަގަށް ބަލާއިރު މިދިޔަ އަހަރު ޖުމްލަ 557.8 ބިލިއަން ރުފިޔާ އެކައުންޓް ޓްރާންސްފާ ގޮތުގައި ހަދާފައިވެ އެވެ. އެއީ މިދިޔަ އަހަރަށްވުރެ 15 ޕަސަންޓުގެ ކުރިއެރުމެކެވެ. މި ފައިސާގެ 64 ޕަސަންޓަކީ އިންޓްރަ ބޭންކް ޓްރާންސެކްޝަން އެވެ.











