މެޑްރިޑް (އޮގަސްޓް 30) - ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ލަސް ޕަލްމާސް އިން އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް މެޑްރިޑާ 1-1 އިން އެއްވަރުކޮށް، އެ ޓީމު މޮޅުވިޔަނުދީ ހުއްޓުވައިފި އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ލަސް ޕަލްމާސް އިން ރޭގެ މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި ލީޑުނެގި އެވެ. މިބ ލަނޑު ޖެހީ، ޒުވާން ކުޅުންތެރިޔާ، އަލްބާޓޯ މޮލެއިރޯ އެވެ. މިއީ ކުރިން ޝެފީލްޑް ޔުނައިޓެޑަށް ކުޅުނު ސްކޮޓްލެންޑްގެ ފޯވާޑް، އޮލީ މެކްބާނީ ދިން ބޯޅައަކުން މޮލެއިރޯ ޖެހި ގޯލެކެވެ.
ފުރަތަމަ ހާފުގައި ލަނޑެއް ޖަހައި، ނަތީޖާ ހަމަހަމަކުރެވޭތޯ ރެއާލުން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއްނުވި އެވެ.
ރެއާލުން އެއްވަރުކުރީ މެޗުގެ 69 ވަނަ މިނިޓްގައި ވިނީޝިއުސް ޖޫނިއާ ޖެހި ގޯލުންނެވެ. މިއީ ޕެނަލްޓީ އަކުން ވިނީޝިއުސް ޖެހި ލަނޑެކެވެ. މި ޕެނަލްޓީ ދޭން ނިންމީ، ލަސް ޕަލްމާސްގެ އޭރިއާތެރެއިން އެ ޓީމުގެ އަލެކްސް ސުއަރޭޒް އަތުގައި ބޯޅަ ޖެހުމުންނެވެ.
މި މެޗުގައި ރެއާލަށް ގޯލު ޖަހައިދޭން އެ ޓީމުގެ ކީލިއަން އެމްބާޕޭ އާއި ޒުވާން ފޯވާޑް އެންޑްރިކަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ. ރެއާލާ އެކު ކުޅުނު ފުރަތަމަ ރަސްމީ މެޗުގައި، ޔުއެފާ ސުޕަ ކަޕް މެޗުގައި އެޓަލަންޓާ ކޮޅަށް އެމްބާޕޭ ލަނޑު ޖެހި ނަމަވެސް، ސްޕެނިޝް ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުގައި ވެސް އޭނާ އަށް ލަނޑެއް ނުޖެހެ އެވެ.
ލަސް ޕަލްމާސް އިން ވަނީ މި މެޗުގައި އިތުރު ގޯލެއް ވެސް ޖަހައިފަ އެވެ. އެކަމަކު، ޖެއިމީ މަޓާ ގޯލަށް ފޮނުވާލި ބޯޅަ ބަލައިނުގަންނަން ނިންމީ އޮފްސައިޑްވުމުންނެވެ.












