ފަވަރަ ހިދުމަތް ފެށިތާ މިވީ އަހަރު ދުވަހުގެ ތެރޭގައި 15 ބިލިއަން ރުފިޔާގެ ޓްރާންސްފާކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހާމަކޮށްފި އެވެ.
އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ޓްރާންސްފާ ކުރެވޭ ގޮތް ފަހިކޮށްދިން ފަވަރަ ހިދުމަތް އެމްއެމްއޭއިން ފެށީ އެންމެ ތިން ބޭންކާ އެކީގަ އެވެ. މިހާރު ރާއްޖޭގައި ހަރަކާތްތެރިވާ ބޮޑު ހުރިހާ ބޭންކަކުން ކަހަލަ ގޮތަކަށް މި ނިޒާމުގައި ބައިވެރިވެ އެވެ.
އޭގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ އިތުރުން ބޭންކް އޮފް ސިލޯނާއި މޮރިޝަސް ކޮމާޝަލް ބޭންކު ހިމެނެ އެވެ.
ފަވަރަ ހިދުމަތުގެ ރަސްމީ އެކައުންޓުން އެކްސްގައި ކުރި ޕޯސްޓެއްގައިވާ ގޮތުގައި ފަސް މިލިއަން ޓްރާންސެކްޝަން ހިންގާފައިވާއިރު، 16 މިލިއަން ރުފިޔާގައި އަގުކުރެވިފައިވާ އިތުރު 7000 ރިކުއެސްޓު އެ ހިދުމަތުގެ ތެރެއިން ލިބިފައިވެ އެވެ.
މި ހިދުމަތް ތައާރަފުކުރުމުގެ ކުރިން އެއް ބޭންކުން އަނެއް ބޭންކަށް ކުރާ ޓްރާންސްފާ ޖަމާވަނީ އާންމުކޮށް ޖެހިގެން އަންނަ ދުވަހުގަ އެވެ. މިހާރު ޓްރާންސެކްޝަން ފޮނުވާލުމާއެކީ ސިސްޓަމްގެ ތެރެއިން އެޕްރޫވް ވެގެން ވަގުތުން އެ އެކައުންޓަކަށް ޖަމާވާނެ އެވެ.
އެމްއެމްއޭއިން މި ހިދުމަތް ތައާރަފުކުރުމުގެ އަނެއް ބޭނުމަކީ ޑިޖިޓަލް ބޭންކިން ނިޒާމު އިތުރަށް ފުޅާކޮށް، ނަގުދު ފައިސާ އާއި ޗެކުތަކަށް ބަރޯސާވުން ކުޑަކުރުމުވެ. މިއާ އެކީ މާލީ މުއާމަލާތްތައް ރައްކާތެރިކަމާ އެކީ ފަސޭހަވެ އަވަސްވެ، މުޅި މާލީ ނިޒާމަށް އީޖާދީ، އިންގިލާ ބަދަލުތަކެއް އަންނާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.










