މެޑްރިޑް (އޮގަސްޓް 25) - ރެއާލް މެޑްރިޑާއި މި ސީޒަނުގައި ގުޅުނު ބްރެޒިލްގެ ޒުވާން ފޯވާޑް، އެންޑްރިކް ރެއާލްގެ ޖާޒީގައި ޖެހި ފުރަތަމަ ގޯލާ އެކު އެ ޓީމުން ލީގުގައި މި ފަހަރު ފުރަތަމަ މޮޅު ހޯދައިފި އެވެ.
އަމިއްލަ ދަނޑުގައި ރޭ ރެއާލް ވަޔަޑޮލިޑްގެ މައްޗަށް ރެއާލުން ކުރިހޯދީ 3-0 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލުން މުޅި މެޗު ކޮންޓްރޯލްކޮށް ވަޔަޑޮލިޑްގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފެއްދޭތޯ ވަނީ މަސައްކަތް ކޮށްފަ އެވެ. އެކަމަކު، ރެއާލްގެ ހަމަލާތައް ހުއްޓުވުމުގައި ވަޔަޑޮލިޑްގެ ޑިފެންޑަރުން ފެނުނީ ހުށިޔާރުކޮށެވެ.
ދެ ވަނަ ހާފު ފަށައިގެން ރެއާލް އާ މި ސީޒަނުގައި ގުޅުނު ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ އަށް ގޯލް ޖަހަން ހުސް ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. މުޅިން ހުސްކޮށް ވަޔަޑޮލިޑްގެ އޭރިއާ ތެރެއަށް ވަދެ އެމްބާޕޭ ފޮނުވާލި ހަމަލާ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.
އޭގެ ފަހުން، މެޗުގެ 50 ވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގާދިނީ މިޑްފިލްޑަރު ފެޑްރީކޯ ވަލްވާޑޭ އެވެ. މިއީ ހިލޭ ޖެހުމަކުން ލިބުނު ފުރުސަތެއްގައި ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ވަލްވާޑޭ ޖެހި ލަނޑެކެވެ.
ދެ ވަނަ ހާފުގައި ރެއާލުން ވަނީ ގިނަ ބަދަލުތަކެއް ގެނަސް އެ ޓީމުގެ އެޓޭކުތައް ވަރުގަދަ ކޮށްފަ އެވެ. މެޗުގެ 88 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުަގައި ކުޅެން އެރި ބްރަހިމް ޑިއާޒް ވަނީ ގޯލު ޖަހާ ރެއާލްގެ ލީޑު ފުޅާކޮށްފަ އެވެ. މިއީ، ރެއާލްގެ ޑިފެންޑަރު، އެޑާ މިލިޓާއޯ ދިން ބޯޅަ އަކުން ޑިއާޒް ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ އިތުރު ވަގުތުގައި ރެއާލްގެ ލީޑު ފުޅާކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗު ނިމެނިކޮށް އެރުވި އެންޑްރިކް އެވެ. ވަޔަޑޮލިޑްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އެންރިކް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ކައިރީ ކަނަށެވެ.
ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލުން ކުޅުނު ފުރަތަމަ މެޗުން ވަނީ އެއްވަރުވެފަ އެވެ. އެހެންވެ މި މެޗަށް އެ ޓީމުން ނުކުތީ ޕްރެޝަރުގައި އޮވެ އެވެ.












