ޝާކިއްޓެ ފާހަގަކުރީ ރާއްޖޭގެ ފުޓްބޯޅަ އޮތް ހާލަތަށް ނުބަލައި ޒުވާން ޓީމު ކުރި މަސައްކަތް

ޝާކިއްޓެ ފާހަގަކުރީ ރާއްޖޭގެ ފުޓްބޯޅަ އޮތް ހާލަތަށް ނުބަލައި ޒުވާން ޓީމު ކުރި މަސައްކަތް

ނޭޕާލުގައި ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ބަލިވެ، ރާއްޖެ ކެޓި ކަމުގައި ވިޔަސް މި ވަގުތު ދިވެހި ފުޓްބޯޅަ އޮތް ހާލަަތަށް ނުބަލައި، ޒުވާން ގައުމީ ޓީމުން ކުރި މަސައްކަތް ފާހަގަކުރާ ކަމަށް ޓީމުގެ ކޯޗު، އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފި އެވެ.

ހަ ޓީމު ވާދަކުރާ މި ފަހަރުގެ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ ބޫޓާނާއި އިންޑިއާއާ އެއް ގްރޫޕެއްގަ އެވެ.

އެ ގޮތުން، ގްރޫޕްގެ ފުރަތަމަ މެޗުގައި، އިންޑިއާ އިން ވަނީ 1-0 އިން ބޫޓާން ބަލިކޮށްފަ އެވެ. ބޫޓާނުން ވަނީ ދެ ވަނަ މެޗުގައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ، ރާއްޖެ އަތުން 2-1 އިން މޮޅުވެފަ އެވެ. ގްރޫޕްގެ ފަހު މެޗުގައި، މިއަދު އިންޑިއާ އަތުން ރާއްޖެ ބަލިވީ، އިތުރު ވަގުތުގެ ވެސް ފަހުކޮޅުގައި އިންޑިއާ ޖެހި ގޯލާ އެކު 1-0 އިންނެވެ.

ޖަޕާނުގެ ޔޫތު ކޯޗު، ހިޑެހާރޯ ޓަކަހާޝީގެ ކޯޗުކަމުގައި ބޫޓާނުން ޔޫތު ޑިވެލޮޕްމަންޓް ތެެރެއިން ޓީމެއް ހަދައިގެން، މިހާރު އޮތް 20 އަހަރުން ދަށުގެ ޓީމު އެކުގައި ޓްރެއިން ކުރާތާ ދޮޅު އަހަރު ވެދާނެ ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އެންމެ ފަހުން، ތިން ފަހަރު ސާފްގެ 20 އަހަރުން ދަށުގެ މުބާރާތް (19 އަހަރުން ދަށަށް ވެސް އެއް ފަަހަރު ބޭއްވި މުބާރާތް) ކާމިޔާބުކުރި އިންޑިއާގެ މި ފަހަރުގެ ޓީމު ނެގި ސްކޮޑު ދެ މަސް ދުވަހު ގޯއާގައި ކޭމްޕްކޮށްގެން ޕްރެކްޓިސްކުރިއިރު، އެ ޓީމުން ޕްރެކްޓިސް މެޗުތަކެއް އިންޑިއާގެ ވަރުގަދަ ޓީމުތައް ކަމަށްވާ ބެންގަލޫރާއި މުމްބާއިއާ ވެސް ކުޅުނެވެ. އަދި އެ ޓީމަކީ، މިދިޔަ ދެ އަހަރު، ޔޫރަޕްގައި ކުޅޭ ނެކްސްޓް ޖެން ކަޕް ކުޅެފައިތިބި ކުޅުންތެރިން ހިމެނޭ ސްކޮޑެކެވެ.

ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމު ނަގަން ޖެހުނީ، މައިގަނޑު ގޮތެއްގައި މީގެ ދެ މަސް ކުރިން، ކުރިއަށްދިޔަ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕަށް ބަލައިގެންނެވެ. އެ މުބާރާތް ބޭއްވުނީ ވެސް ގިނަ ގޮންޖެހުންތަކަށް ފަހު އެވެ.

ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެންމެ ފަހުން އޮތް ލީޑަޝިޕްގެ ދައުރު ހަމަވިއިރު، އެ އެސޯސިއޭޝަން އޮތީ މާލީ ގޮތުން ބަނގުރޫޓުވާ ހާލަތުގަ އެވެ. އެފްއޭއެމާ ގުޅޭ ގިނަ މައްސަލަތަކެއް ހުރުމުން ފީފާ އިން ވަނީ އެފްއޭއެމް ހިންގުން ނޯމަލައިޒިން ކޮމިިޓީއަކާ ހަވާލުކޮށްފަ އެވެ.

އެކަމަކު، 19 އަހަރުން ދަށުގެ މުބާރާތާއި ޓީމުގެ ޕްރެކްޓިސް ދިޔައީ، ދިވެހި ފުޓްބޯޅަ އަށް ދެން ވާނެ ގޮތެއް ނޭނގޭ ހިސާބުގައި އޮއްވަ އެވެ. އެ ފަދަ ހާލަތެއްގައި ޓީމު ނަގައި، ޕްރެކްޓިސްކޮށް، ކުޅުންތެރިން ހިފަހައްޓައިގެން ގެންގުޅެން ޖެހުނީ ޓީމުގެ މެނޭޖްމަންޓް އަށެވެ.

"ތި އެންމެންނަށް އެނގޭނެ ރާއްޖޭގެ ފުޓްބޯޅަ މި ވަގުތު އޮތް ހާލަތު، އެ ފަދަ ހާލަތެއްގައި އޮއްވައި، އަހަރެމެން މި މުބާރާތުގައި ވާދަކޮށް، ވަރަށް ރަނގަޅަށް ކުޅެފި، ދެން ނަސީބު ވެސް ނެތް ގޮތަށް ދެ މެޗު ވެސް މިދިޔައީ، އަހަރެމެންގެ ކުޅުންތެރިން ވަރަށް މަސައްކަތްކޮށްފި. އެހެންވީމަ، މި މަސައްކަތަކީ ވެސް ރާއްޖޭގެ ފުޓްބޯޅަ އަށް ޕޮޒިޓިވެއް ގޮތުގައި ދެކެނީ،" އިންޑިއާއާ ދެކޮޅަށް މިއަދު ކުޅުނު މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާކިއްޓެ ބުންޏެވެ.

ޒުވާން ގައުމީ ޓީމުތައް ގޮވައިގެން މީގެ ކުރިން ވެސް އެކި މުބާރާތްތަކުގައި ވާދަކޮށްފައިވާ ޝާކިއްޓެ ބުނީ، ދެ މެޗުގައި ވެސް ޖުމްލަކޮށް ކުޅުންތެރިން ދެއްކި ކުޅުމާއި ކުރި ހިތްވަރު ފާހަަގަކުރާ ކަމަށެވެ. ދެ މެޗު ވެސް އެއްގޮތަކަށް ފަހު ވަގުތު އަތުން ގެއްލިގެންދިއުމުން، "ނަސީބުގެ އެހީ" ނެތީ ކަމަށް ބެލެވޭ ކަމަށް ޝާކިއްޓެ ވަނީ ބުނެފަ އެވެ.

އިންޑިއާ އަކީ މުބާރާތުގެ ފޭވަރިޓް ކަމަށް ޝާކިއްޓެ ވަނީ މުބާރާތް ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފަ އެވެ. އެހެން ނަމަވެސް، އިންޑިއާއާ ދެކޮޅަށް މިއަދު ނުކުތީ ކޮންމެ ގޮތެއް ވިޔަސް މޮޅު ނޫން ގޮތެއް ނެތް ކަމަށް ދެކިގެން އެ އަމާޒުގައި ކަމަށް ޝާކިއްޓެ ވަނީ މިއަދު ބުނެފަ އެވެ.

އެކަމަކު، އިންޑިއާ އިން މެޗުން މޮޅުވީ، ވަރަށް މަސައްކަތްކޮށް ފަހު ވަގުތު ލަނޑު ޖަހައިގެން ކަން ޝާކިއްޓެ ގަބޫލުކުރި އެވެ.

އިންޑިއާއާ ދެކޮޅަށް، ރާއްޖެ ޓީމުގެ ކީޕަރު، މުހައްމަދު ޔާމީން އާއި ޑިފެންޑަރު، މުހައްމަދު އައިހަމް އަންވަރު ދެއްކި ކުޅުމާ މެދު ދެކޭގޮތެއް ނޫސްވެރިން ސުވާލުކުރުމުން، ޝާކިއްޓެ ވަނީ، ކީޕަރު ޔާމީން ރަނގަޅު ގިނަ ސޭވްތަކެއް ކުރިކަން ފާހަގަކޮށް، ޖުމްލަކޮށް ބަލާއިރު، އައިހަމް ހިމެނޭހެން ހުރިހާ ކުޅުންތެރިންވެސް ރަނގަޅަށް މަސައްކަތްކުރި ކަމަށް ބުނެފަ އެވެ.

ސާފް އިން މިހާރު މުބާރާތް ބާއްވަމުން އަންނަނީ އެއް އަހަރު 19 އަހަރުން ދަށަށް ބާއްވައިފިނަމަ ދެން ބާއްވަނީ 20 އަހަރުން ދަށަށެވެ. މިއީ، އުމުރުފުރާ ކުޅުންތެރިން ޑިވެލޮޕް ކުރުމުގެ މަގުސަދުގައި މި ފަހުން ގެނެސްފައިވާ ބަދަލެކެވެ.

ޝާކިއްޓެ ބުނީ މި ފަހަރުގެ މުބާރާތުގައި ވާދަކުރި ރާއްޖެ ޓީމުގައި 19 އަހަރުން ދަށުގެ ގިނަ ކުޅުންތެރިން ވެސް އެބަތިބި ކަމަށެވެ. އެެހެންކަމުން، އަންނަ އަހަރުގެ ސާފް މުބާރާތަށް އަންނައިރު، މި ފަހަރުގެ މުބާރާތުން ލިބުނު ތަޖުރިބާގެ ބޭނުން ރަނގަޅަށް ކުރެވޭނެ ކަމަށެވެ. އަދި މިއީ ޕޮޒިޓިވް ކަމެއްގެ ގޮތުގައި ޝާކިއްޓެ ފާހަގަކުރި އެވެ.

ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމުން އެނބުރި ރާއްޖެ އައިސް އަރާމްކުރަން މުއްދަތެއް ނެގުމަށް ފަހު، ދެން ތައްޔާރުވާނީ އަންނަ މަހު ފަހުކޮޅު އިންޑޮނޭޝިއާގައި ބާއްވާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން އަށް ކަމަށް ޝާކިއްޓެ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox