މެޑްރިޑް (އޮގަސްޓް 19) - ސްޕެނިޝް ލީގުގެ އާ ސީޒަނުގައި އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް މެޑްރިޑުން ކުޅުނު ފުރަތަމަ މެޗުން މަޔޯކާއާ 1-1 އިން އެއްވަރުވެއްޖެ އެވެ.
މިދިޔަ ސީޒަނުގައި ލީގުގެ 15 ވަނައިގައި ނިންމި މަޔޯކާ އިން ވަނީ ރޭގެ މެޗުގައި ރެއާލް ހިފެހެއްޓުމުގައި .ކާމިޔާބު ހޯދައިފަ އެވެ. ހާއްސަކޮށް، ރެއާލްގެ ތަރި ކީލިއަން އެމްބާޕޭ ހުއްޓުވަން، މަޔޯކާގެ ޑިފެންޑަރުން ޖުމްލަކޮށް ރަނގަޅު މަސައްކަތްތަކެއް ކުރި އެވެ.
ރެއާލުން ރަށުންބޭރުގައި ކުޅުނު މި މެޗުގައި ލީޑުނެގި އެވެ. މިއީ 13 ވަަަނަ މިނިޓްގައި، ވިނީޝިއުސް ޖޫނިއާ ދިން ބޯޅައަކުން ރޮޑްރީގޯ ޖެހި ގޯލެކެވެ. ލީޑުފުޅާކުރަން ރެއާލުން ގިނަ މަސައްކަތްތަކެއް ފުރަތަމަ ހާފުގައި ވެސް ކުރި އެވެ. އެކަމަކު، އޭގެއިން ފުރުސަތެއްގައި ގޯލެއް ކާމިޔާބު ނުކުރެވުނެވެ.
މަޔޯކާ އިން އެއްވަރުކުރި ގޯލު ޖެހީ، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން އަށް ވަނަ މިނިޓްގަ އެވެ. މިއީ، ޑަނީ ރޮޑްރިގޭޒް ދިން ބޯޅައަކުން، ވޭދާތު މުރީގީ ޖެހި ލަނޑެކެވެ.
ސްޕެނިޝް ލީގުގައި ފުރަތަމަ ފަހަރަށް ކުޅުނު އެމްބާޕޭ އަށް ރޭގެ މެޗުގައި ލަނޑު ޖަހަން ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ މަޔޯކާގެ ކީޕަރު، ޑޮމިނިކް ގްރެއިފް ވަނީ މަތަކޮށްފަ އެވެ. ރެއާލަށް އެމްބާޕޭ ކުޅެދިން ފުރަތަމަ މެޗުގައި، ޔުއެފާ ސުޕަ ކަޕްގައި އެޓަލަންޓާ ކޮޅަށް ގޯލު ޖެހި ނަމަވެސް، ލީގުގައި ފުރަތަމަ ގޯލަށް މި ވަނީ އިންތިޒާރެއް ކުރަން ޖެހިފަ އެވެ.
ރެއާލުން ރޭގެ މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އިތުރު ވަގުތުގައި މަޔޯކާގެ މުރީގީ އަށް ކުރި ނުރައްކާތެރި ފައުލަކަށް ރެއާލްގެ ފާލޯންޑް މެންޑީ އަށް ސީދާ ރަތް ކާޑެއް ދެއްކި އެވެ.












