ބިދޭސީންގެ ފީ ނުދައްކާ ވިޔަފާރިތައް ބިދޭސީ މަސައްކަތްތެރިން ގެންގުޅުމުގެ ހުއްދަތައް ދޫކުރުމަށް އޮންނަ "އެކްސްޕަޓް ސިސްޓަމް" ގެ ހިދުމަތުން ސަސްޕެންޑް ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ހުރިހާ ހިދުމަތެއް ދެނީ އެކްސްޕަޓް ސިސްޓަމް މެދުވެރިކޮށެވެ. ހުއްދަތައް އާ ކުރަނީ ވެސް އެ ނިޒާމުގެ ތެރެއިންނެވެ. ކޯޓާއަށް އެދުން ފަދަ ކަންކަން ވެސް ކުރަނީ އެ ސިސްޓަމުންނެވެ. އެކްސްޕަޓް ސިސްޓަމުން ސަސްޕެންޑު ކުރުމުން އެއިން އެއްވެސް ހިދުމަތެއް ނުލިބޭނެ އެވެ.
ދައުލަތަށް ނުދައްކާ ހުރި ފައިސާގެ ތެރެއިން 100،000ރ. އަށްވުރެ ގިނައިން ދައްކަން ހުރި 1،026 ކުނފުންޏެއްގެ ނަން ހޯމް ލޭންޑް ސެކުއިރިޓީ މިނިސްޓްރީން ހާމަކުރީ ޖުލައި 24, ގަ އެވެ. ލިސްޓު އާންމުކުރި ފަހުން 20 ކުންފުންޏަކުން ފައިސާ ދައްކާ ހަލާސްކޮށްފައިވެ އެވެ.
މަސައްކަތްތެރިންގެ މެންޑޭޓު މިހާރު ހަވާލުކޮށްފައިވާ ހޯމް މިނިސްޓްރީން މިރޭ ނެރުނު އިއުލާނެއްގައި ބުނީ މި މަހުގެ ނިޔަލަށް ބިދޭސީންގެ ފީ ނުދައްކާ މިހާރު ހުރި ވިޔަފާރިތަކަށް ފީ ދެއްކުމަށް މި މަހުގެ ނިޔަލަށް ފުރުސަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މި އޮގަސްޓް މަހުގެ 31، ގެ ނިޔަލަށް ފައިސާ ނުދައްކާ ފަރާތްތައް ޖެހިގެން އަންނަ ސެޕްޓެމްބަރު 1، އިން ފެށިގެން "އެކްސްޕަޓް ސިސްޓަމް" އިން ސަސްޕެންޑްކޮށް އެ ސިސްޓަމް މެދުވެރިކޮށް ދެމުންދާ ހިދުމަތްތައް މެދުކަނޑާލާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

ހޯމް މިނިސްޓްރީން މި ގޮތަށް އިންޒާރު މި ދިނީ، އަންނަ އަންގާރަ ދުވަހަށް ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ފަރާތްތަކާއި އެކްސްޕަޓް ސިސްޓަމް ބޭނުންކުރާ އެހެން ފަރާތްތަކާ އެކު ހޯމް މިނިސްޓަރު އަލީ އިހުސާން އޮންލައިންކޮށް ބައްދަލުވުމަށް ނިންމުމަށް ފަހު އެވެ.
މިނިސްޓްރީން ފުރަތަމަ އާންމުކުރި ލިސްޓުގައިވާ ގޮތުން ވޯކް ޕާމިޓް ފީގެ ގޮތުގައި 573،840،450ރ. އާއި ކޯޓާ ފީގެ ގޮތުގައި 96،550،286ރ. އާއި ކެންސަލޭޝަން ޖޫރިމަނާގެ ގޮތުގައި 2،144،000ރ. އާއެކު ޖުމްލަ 636،534،736ރ. ނުލިބި އޮތެވެ.
އޭގެ ތެރެއިން ލިސްޓު އާންމުކުރި ފަހުން 182.9 މިލިއަން ރުފިޔާ އެކި ކުންފުނިތަކުން ދައްކާފައިވާކަން އެ މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.
ބިދޭސީންގެ ފީ ނުދައްކާ ވިޔަފާރިތައް ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ވަޒީފާގެ ގާނޫނަށް ސަރުކާރުން އިސްލާހެއް ވެސް ހުށަހަޅާފައިވެ އެވެ. ސަރުކާރުން ގެންދަނީ ބިދޭސީ މަސައްކަތްތެރިން ގަވާއިދާ ހިލާފަށް އުޅޭ މައްސަލަ ހައްލު ކުރުމަށް ކަމަށް ބުނެ "ވަރަށް ހަރުކަށި" ފިޔަވަޅުތަކެއް އަޅަމުންނެވެ.












