ރިސޯޓު ހިންގަން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާއި ބިންތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރަން ފައިސާ ދައްކަން ލިބޭ މުއްދަތު ދެ އަހަރުން ހަ މަހަށް ކުޑަކުރަން ޓޫރިޒަމް ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބިލުގެ މަސައްކަތް އަވަސް އަރުވާލައިގެން ނިންމާލައިފި އެވެ.
ޓޫރިޒަމް ގާނޫނަށް ސަރުކާރުގެ ފަރާތުން، ދަނގެތި ދާއިރާގެ މެމްބަރު އަބްދުﷲ ރަޝީދު ހުށަހެޅި އިސްލާހުގައި ވަނީ ކުލި މުއްދަތު އިތުރުކުރުމާ ގުޅޭ މާއްދާތަކަށް ބަދަލު ގެނައުން އެކަންޏެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވީ އޮގަސްޓު 13, ގައި އޮތް މަޖިލިސް ޖަލްސާގަ އެވެ. މަޖިލީހުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ނުބޭއްވި ނަމަވެސް މިއަދު ވަނީ މި ބިލުގެ މަސައްކަތް ކުރުމަށް ޖަލްސާއެއް ބާއްވާފަ އެވެ.
އިބްތިދާއީ ބަހުސް ހެނދުނު 09:00 ގައި ފަށައި ގާތްގަނޑަކަށް ދޮޅުގަޑިއިރު މެންބަރުން ބަހުސް ކުރެއްވި އެވެ. އެއަށްފަހު ނެގި ވޯޓުގައި 75 މެންބަރުންގެ ވޯޓުން ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކުރި އެވެ.
އެ ވޯޓަށް ފަހު މަޖިލީހުގެ ރައީސް ރިޔާސަތުގައި އިންނަވައި ބިލުގެ މަސައްކަތް ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީ ފެއްޓެވި އެވެ. ފުރަތަމަ ފުރުސަތުގައި ވާހަކަ ދައްކަވަމުން ފުނަދޫ ދާއިރާގެ މެންބަރު އަހްމަދު މަމްދޫހު ހުށަހެޅުއްވީ އިތުރު ބަހުސަކަށް ނުގޮސް ކޮމިޓީން ބިލު ފާސްކުރުމަށެވެ.

އެމްޑީޕީގެ ޕީޖީ ލީދަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ އަވަސް އަރުވާލައިގެން ބިލުގެ މަސައްކަތް ކުރިއަށްގެންދާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"ވަރަށް އަވަސް ގޮތަކަށް މުޅި ބިލު ނިމިގެންދާތަން މި ފެންނަނީ. މިއީ ހަމަ މިވަގުތަށް ކުރަން އެންމެ ރަނގަޅު ގޮތްތޯ, ޗެއާ ކޮބައިތޯ އޭގެ މަގުސަދަކީ, ހާސިލު ކުރެވޭ ކަންކަމަކީ ކޮބައިތޯ," ނާޒިލް ވިދާޅުވި އެވެ.
ސަރުކާރުގެ މެންބަރުންނާއި އެމްޑީޕީގެ މެންބަރުންގެ ވޯޓާއެކު މުޅި މަޖިލިސް ކޮމިޓީން ބިލު ފާސްކުރީ 76 މެންބަރުންގެ ވޯޓާއެކު އެވެ.













