މެންޗެސްޓާ (އޮގަސްޓް 15) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ މިޑްފީލްޑަރު، ބްރޫނޯ ފެނާންޑޭސް، އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް ވަނީ ކޮށްފި އެވެ.
ސްޕޯޓިން ލިޒްބަންގެ ކުރީގެ ކެޕްޓަން، ފެނާންޑޭސް، ޔުނައިޓެޑާ ގުޅުނީ، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އެއީ 80 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. އޭނާ ވަނީ 2022 ވަނަ އަހަރު ޔުނައިޓެޑާ އެކު އާ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ ކޮންޓްރެކްޓް އޮތީ، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
ފެނާންޑޭސް، ޔުނައިޓެޑް ދޫކޮށްލަން އުޅޭ ކަމުގެ ވާހަަކަތަކެއް ދެކެވެން ފެށުމާ އެކު، އެ ކްލަބުން މިހާރު މި ވަނީ ފެނާންޑޭސްގެ ކޮންޓްރެކްޓް، 2027 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އާ ކޮށްފަ އެވެ.
ހެރީ މެގުއާ އަތުން ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް ނެގުމަށް ފަހު، ފެނާންޑޭސް އަށް ދިނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. ޔުނައިޓެޑާ އެކު، ފެނާންޑޭސް ސޮއިކުރި އާ އެއްބަސްވުމުގައި ވަނީ، ދެ ފަރާތް ބޭނުންވެއްޖެނަމަ އިތުރަށް އެއް އަހަރު މަޑުކުރެވޭ ގޮތަށް މާއްދާއެއް ހިމަނައިފަ އެވެ.
"އެންމެނަށް ވެސް އެނގޭ ޔުނައިޓެޑަށް އަހަރެންގެ ހުންނަ ޕެޝަން. އަހަންނަށް އެބަފެނޭ މި ކްލަބް ރަނގަޅު މިސްރާބުގައި ކުރިއަށްދާތަން. އެހެންވެ، މި ޓީމަށް ކާމިޔާބު ހޯދައިދޭން މި މަޑުކުރީ،" ފެނާންޑޭސް ބުންޏެވެ.
ފެނާންޑޭސް، 29، ބުނީ ޔުނައިޓެޑަށް ސޮއިކުރި އެންމެ ބޮޑު ސަބަބަކީ، ކުރިމަތީގައި އޮތް އޭނާގެ ކެރިއަރުގެ އެންމެ ރަނގަޅު އަހަރުތަކުގައި ރަނގަޅު ކަންކަން އެ ޓީމުގައި ހުރެ ހާސިލްކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.
މިހާތަނަށް ޔުނައިޓެޑަށް ކުޅެދިން، 234 މެޗުން ފެނާންޑޭސް ވަނީ 79 ލަނޑު ޖަހައި، 67 ލަނޑު ޖަަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.












