ލަންޑަން (އޮގަސްޓް 14) - އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުންތެރިއަކަށް މިހާތަނަށް ދިން އެންމެ ދިގު ކޮންޓްރެކްޓް ޗެލްސީގެ އިނގިރޭސި ފޯވާޑް ކޯލް ޕާމާ އަށް ދީފި އެވެ.
މިދިޔަ ސީޒަނުގައި މެންޗެސްޓާ ސިޓީ ދޫކޮށް ޗެލްސީން ޕާމާ ސޮއިކުރުވީ، އަށް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ޗެލްސީން ވަނީ ސިޓީ އަށް ޕާމާގެ ސޮއި ހޯދަން 44 މިލިއަން ޑޮލަރު ދައްކައިފަ އެވެ.
ޗެލްސީގައި ޕާމާ، 22، ހޭދަކުރި ފުރަތަމަ ސީޒަނުގައި ލީގުގައި 22 ގޯލު ޖަހައި، 11 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އަދި އެ ޓީމަށް މިދިޔަ ސީޒަނުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ ޕާމާ އެވެ. އެހެންވެ، ޗެލްސީން ނިންމީ ޕާމާގެ މުސާރަ ބޮޑުކޮށްދީ ކޮންޓްރެކްޓް އާ ކުރުމަށެވެ. އެއާ އެކު، ޗެލްސީން ވަނީ ޕާމާގެ އެއްބަސްވުން އިތުރު ދެ އަހަރަށް އާ ކޮށްފަ އެވެ.
ސޮއިކުރި އާ އެއްބަސްވުމުގައިވާ ގޮތުން މި ވަގުތު ޕާމާ، ޗެލްސީގައި ހުރީ ޖުމްލަ އެކު، ނުވަ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެހެންކަމުން، މި އެއްބަސްވުން މުއްދަތު ހަމަވާނީ 2033 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
މި ފަހަރުގެ ޔޫރޯގައި ވާދަކުރި އިންގްލެންޑް ޓީމުގައި ހިމެނުނު ޕާމާ އަށް، އެ މުބާރާތުގެ ފުރަތަމަ އެގާރައިން އެއްވެސް މެޗެއްގައި ފުރުސަތެއް ނުލިބެ އެވެ. ފައިނަލް މެޗުގައި ބަދަލަކަށް ކުޅެން އަރައި، ޕާމާ ވަނީ ލަނޑު ޖަހައިފަ އެވެ.












