ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވެވަޑައިގަތީ އިންޑިއާ ދުރުކޮށްލުމަށްފަހު ޗައިނާއާއެކު ރާއްޖެއިން ގުޅުން ބަދަހި ކުރާށެވެ.
އެކަން އެންމެ ސާފުކޮށް އެނގެނީ، އެމަނިކުފާނުގެ އެންމެ ފުރަތަމަ ރަސްމީ ދަތުރުގައި ޗައިނާއަށް ވަޑައިގަތުމަށްފަހު ޖެނުއަރީ 13، ގައި އެނބުރި ރާއްޖެ ވަޑައިގެން ހުޅުލޭގައި ހުންނަވައި ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކުންނެވެ.
އިންޑިއާގެ ނަން ވިދާޅުނުވި ނަމަވެސް އެ ގައުމަށް ނިސްބަތްކޮށް ރައީސް ވިދާޅުވީ، "ދިވެހިރާއްޖެ ކިތަންމެ ކުޑަވިޔަސް، އެހެން ގައުމަކަށް ރާއްޖެ ބުލީ ކުރުމުގެ ލައިސެންސްސެއް ނެތް" ކަމަށެވެ. ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުން އެއް ގޮނޑިން ތެދުވެ، އަނެއް ގޮނޑީގައި އިށީންނަނީ ވެސް އިންޑިއާގެ ހުއްދަ ހޯދައިގެން ކަމަށެވެ.
"އަޅުގަނޑުމެންނަކީ ވަކި ގައުމެއްގެ ބެކް ޔާރޑްގައި އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް،" އިންޑިއާގެ ދިން ބަހުގެ ހަމަލާތަކުގެ ތެރެއިން ރައީސް ވިދާޅުވި އެވެ.
އެ ދުވަހު ދެން ރައީސް ދެއްކެވީ ޗައިނާގެ ރަނގަޅު ވާހަކަ އާއި އިންޑިއާ އާއި ޗައިނާގެ ތަފާތުގެ ވާހަކަ އެވެ. ރާއްޖޭގެ މިނިވަންކަމަށް ޗައިނާއިން އިހުތިރާމް ކުރާ ވާހަކަ އެވެ.
"އާދެ، އަޅުގަނޑުމެން ދެ ގައުމުގެ ދޭތެރޭގައި މި އޮންނަ ގުޅުން ބިނާވެގެންވަނީ، މައިގަނޑު ހަތަރު ޕްރިންސިޕަލެއް، އަސާސެއްގެ މައްޗަށް. ނިއުޓްރަލް ރެސްޕެކްޓް، އެއް ގައުމު އަނެއް ގައުމަށް އިހްތިރާމް އަދާކުރުން އެއީ، އެއް އަސާސް. އަނެއް އަސާސަކީ، ސޮވްރިން އިކުއަލިޓީ،" ރައީސް ވިދާޅުވި އެވެ.
"ދެ ގައުމު ވަރަށް ތަފާތު ސައިޒުގެ ގޮތުން. އަޅުގަނޑުމެން ވަރަށް ކުޑަ. ޗައިނާ ވަރަށް ބޮޑު. ދެ ގައުމު ވަރަށް ދުރުގައި އޮތީ. އެހެން ނަމަވެސް، ސޮވްރިން އިކުއަލިޓީ، އެއް ގައުމު އަނެއް ގައުމު ދެކެނީ ހަމަހަމަ ގޮތުގައި."
އިންޑިއާއަށް އެ ހުރިހާ "ހަމަލާތަކެއް" ރައީސް ދެއްވި އިރު ކައިރީގައި އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު މުނޫ މަހާވަރު އަޑުއައްސަވަން ހުންނެވި އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ވެސް އިންޑިއާއާ ދެކޮޅު ރޫހެއްގަ އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ އިންޑިއާގެ އަސްކަރިއްޔާ މި ގައުމުން ބޭރު ކުރުމެވެ. އެމަނިކުފާނު ވިދާޅުވީ، ބަލި މީހުން އުފުލުމާއި ސާޗް އެންޑް ރެސްކިއު މިޝަންތަކަށް ރާއްޖޭގައި ދުއްވާ އިންޑިއާގެ ޑޯނިއާ ބޯޓު އަދި ދެ ހެލިކޮޕްޓަރުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ނުރައްކާވާ ކަމަށެވެ.
ކެމްޕެއިނުގެ ކުރިން "އިންޑިއާ އައުޓް" ލިޔެފައި ހުރި ޓީޝާޓެއް ތުރުކުރައްވައިގެން ރައީސް މަގުމަތީގައި މުޒާހަރާ ކުރެއްވި އެވެ. އެހެންކަމުން ވެރިކަމަށް ވަޑައިގަތުމަށްފަހު އިންޑިއާ ދުރުކޮށް ރާއްޖެއިން ޗައިނާއާއެކު ގުޅުން ބަދަހި ކުރުމުން އެއީ "ސަޕްރައިޒަކަށް" ވެގެނެއް ނުދިޔަ އެވެ.
ޖެނުއަރީގައި އިންޑިއާއަށް ދެއްވި ބަހުގެ ހަމަލާތަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތެރެއިން ވެސް އިންޑިއާއަށް ރައީސް ބޮޑެތި ތުހުމަތުތަކެއް ކުރެއްވި އެވެ. ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ މެންބަރުންނަށް އިންޑިއާއިން ނުފޫޒު ފޯރުވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ވާހަކަ ވެސް ވިދާޅުވީ އިންޑިއާގެ ނަން ވިދާޅުނުވެ އެވެ. ނަމަވެސް ވާހަކަ ދެއްކެވި މޭރުމުން، މި ދައްކަވަނީ އިންޑިއާގެ ވާހަކަ ކަމެއް ނުއޮޅެ އެވެ.
"އެނގިވަޑައިގަންނަވާނެ، ރާއްޖެއިން ބޭރުގެ އެކިކަހަލަ ބާރުތައް، އެކިކަހަލަ މަސްލަހަތުތައް ހިމާޔަތްކޮށް ކުރިއެރުވުމަށްޓަކައި އެބަ ބާރުފޯރުވާ، އަޅުގަނޑުމެންގެ އިދިކޮޅު އެކިއެކި ޕާޓީތަކުގެ މައްޗަށް. އެކަންކަން މި ވަންނަނީ މަޖިލިސް ތެރެއަށް ވެސް. އެހެންވީމާ، މިކަންކަމަށް އަޅުގަނޑުމެން ލޯމަރާލައިގެން ނުވާނެ،" ފެބްރުއަަރީ 25، ގައި ހއ. ދިއްދޫގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަތައް އެފަދަ ހިސާބެއްގައި ހުއްޓައި ދެން ފެނުނީ ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ތާކުން ޖެހޭ ސަބަބަކައި ނުލައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތް ކުރި މަންޒަރެވެ. އެއާއެކު ދެ ގައުމުގެ ދޭތެރޭގައި ހިނގި "ސޯޝަލް މީޑިއާ ހަނގުރާމައަކަށްފަހު" ފެނުނީ އެއް ގައުމުން އަނެއް ގައުމުގެ ސަފީރު ހާޒިރުކޮށް ސުވާލު ކުރި ތަނެވެ.
ހަމަ އެ ދަނޑިވަޅުގައި އިންޑިއާ އަތުން ރާއްޖެއިން ނަގާފައިވާ ލޯނަކަށް 50 މިލިއަން ޑޮލަރު އިންޓްރަސްޓާއެކު ރާއްޖެއިން ދެއްކި އެވެ. ދެ ގައުމުގެ ދެމެދުގައި އޮންނަ އަންޑަސްޓޭންޑިންއަކީ އެ ލޯނުގެ އިންޓްރެސްޓް އިންޑިއާއިން ދެއްކުމެވެ. އެކަމަކު، ރާއްޖެއިން އިންޑިއާގެ "އެހީއެއް" ބޭނުމެއްނުވި އެވެ.
އިންޑިއާއާ ދެކޮޅަށް ދެއްކެވި ވާހަކަތަކާއި އަމަލު ބެހެއްޓެވި ގޮތުގެ ނަތީޖާ ފެންނަން ފެށީ އޭގެ ފަހުންނެވެ. އިންޑިއާ ދުރުކޮށްލިއިރު ސަރުކާރުން ލަފާ ކުރި ގޮތަށް ޗައިނާއިން ވެސް އެހީތަކެއް ނުލިބުނެވެ. އެންމެ ކުޑަ މިނުން ރާއްޖެއިން ނަގާފައި ހުރި ލޯނުތައް ރިސްޓްރަކްޗާ ކުރުމާ ވެސް ޗައިނާ ދެކޮޅެވެ. އެއިރު އިންޑިއާގެ ފަތުރުވެރިން ވެސް އޮތީ ރާއްޖެ "ބޮއިކޮޓް" ކޮށްފަ އެވެ. އިގްތިސާދީ ތަދު ނިކަން ބޮޑަށް އިހުސާސްވާން ފެށީ އޭގެ ފަހުންނެވެ.
އެއާއެކު ސަރުކާރުގެ ވާހަކަ އާއި ރާގު ބަދަލުވާން ފެށި އެވެ. އިންޑިއާގެ ފަތުރުވެރިން ބޭނުންވެގެން ކެމްޕެއިނުތައް ކުރަން ފެށި އެވެ. "އިންޑިއާ އައުޓް" ހަރަކާތަކީ ރައީސް މުއިއްޒުގެ ވިސްނުމެއް ނޫން ކަމަށް ބުނަން ފެށި އެވެ. ލޯނު ޕޭމަންޓުގެ އިންޓްރެސްޓް ދެއްކިފައި އޮތުމުން އެ ފައިސާކޮޅު އަނބުރާ ދޭން އެދުނެވެ. އިންޑިއާގެ ބޮޑުވަޒީރު މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވެސް ރައީސް ވަޑައިގެންނެވި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު، ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ދައުވަތަކަށް ހުކުރު ދުވަހު ރާއްޖެ ވަޑައިގަތީ ހާލަތު މިހެން އޮއްވަ އެވެ. ޖައިޝަންކަރު ވަޑައިގަތުމަށްފަހު އިންޑިއާއިން ރާއްޖެއާއެކު ދެ އެއްބަސްވުމެއްގައި ސޮއި ކުރި އެވެ. އެއީ ރާއްޖޭގެ ސިވިލް ސާވަންޓުން ތަމްރީނު ކުރުމުގެ އެއްބަސްވުމަކާއި އިންޑިއާގެ ޕޭމަންޓު ސިސްޓަމެއް ރާއްޖޭގައި ތައާރަފު ކުރުމުގެ އެއްބަސްވުމެވެ.
މިއަދުގެ ވަގުތެއްގައި ޖައިޝަންކަރު ވަނީ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫންއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ޑިފެންސްގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރުމަށް އެއްބަސްވި އެވެ. ޖައިޝަންކަރުގެ ދަތުރުގައި އިކޮނޮމިކް މިނިސްޓްރީ އަދި އެމްއެމްއޭގެ އިސް ބޭފުޅުންނާ ވެސް މިއަދު ބައްދަލު ކުރެއްވި އެވެ.
އެއަށްފަހު މިއަދު ރައީސް މުއިއްޒުއާ ވެސް ޖައިޝަންކަރު ބައްދަލު ކުރެއްވި އެވެ. އަދި ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާ ސަރަހައްދު ބައްލަވައި، މާދަމާ އައްޑޫއަށް ވެސް ޖައިޝަންކަރު ވަޑައިގަންނަވާނެ އެވެ. އޭގެ ކުރިން މިރޭ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުއާ ވެސް ޖައިޝަންކަރު ބައްދަލު ކުރައްވާނެ އެވެ.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުއާ، ޖައިޝަންކަރު ބައްދަލު ކުރެއްވުމަކީ ފާހަގަކޮށްލަންޖެހޭ ކަމެކެވެ. މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖެ ވަޑައިގަތުމަށްފަހު ޖައިޝަންކަރު ފުރާވަޑައިގަތީ އެއިރުގެ އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ބައްދަލު ނުކުރައްވަ އެވެ. އެހެންކަމުން މިއިން އެނގޭ ކަމަކީ، ފޮރިން މިނިސްޓަރުގެ ދައުވަތަށް ރާއްޖެ ވަޑައިގެންނެވި ނަމަވެސް އިދިކޮޅު ފަރާތްތަކުގެ ބަސް އަޑުއަހަން އިންޑިއާއި ސަރުކާރު އަދިވެސް ތައްޔާރަށް އޮތް ކަމެވެ.
ރާއްޖެއިން ބޭނުން ވަނީ އިންޑިއާއާއެކު ކުރީ ސަރުކާރުން އުފެއްދި ގުޅުން އިއާދަ ކުރާށެވެ. ސުވާލަކީ މި ދަތުރުން އެކަން ވާނެ ހެއްޔެވެ؟ އިންޑިއާ އޮތީ އެކަމަށް ތައްޔާރަށް ހެއްޔެވެ؟ އެ ގުޅުން އިއާދަ ކުރަން ބޭނުން ނަމަ ދެން ކުރިއަށް ދެވޭނީ ކިހިނެއް ހެއްޔެވެ؟
އިންޑިއާއާއެކު ކުރީ ސަރުކާރުން ގާއިމްކޮށްފައި އޮތް ގުޅުން ކަނޑުއްވައިލެއްވީ ރައީސް މުއިއްޒެވެ. ދެން އެ ގުޅުން އިއާދަ ކުރަން ބޭނުންވާ ނަމަ އިންޑިއާއަށް ދޭންޖެހޭ ޔަގީންކަމެއް އޮންނާނެ އެވެ. ގެއްލިފައި އޮތް އިތުބާރު ދަމަހައްޓަން ރާއްޖެއިން ކަންތައްތަކެއް ޕްރޫވްކޮށްދޭންޖެހެ އެވެ. އިންޑިއާއިން ޔަގީނުން ވެސް ބޭނުންވާނީ އެ ގައުމުން ބޭނުންވާ ގޮތަކަށް ގުޅުން ބަދަހި ކުރާށެވެ. ސުވާލަކީ ރާއްޖެ އެމަގުން ހިނގަން ރައީސް މުއިއްޒު ތައްޔާރުތޯ އެވެ؟












