އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލްއާންމުގައި އަލް ތާބިން ސްކޫލަށް ހަމަލާދީ 100 އަށްވުރެ ގިނަ މީހުން މަރާލައިފި އެވެ.
"އަލް ޖަޒީރާ" އިން ބުނީ ވައިގެ މަގުން ދިން އެ ހަމަލާ ސްކޫލަށް އަމާޒުވީ ފަތިސް ނަމާދު ކުރަމުންދިޔަ ވަގުތު ކަމަށާއި ރެސްކިއު ޓީމުތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
"ސްކޫލް ތެރޭގައި ތާށިވެ އަލިފާނުން އަނދަމުންދާ އާއިލާތައް ހަޅޭއް ލަވާ އަޑު އިވޭ. އެ ސަރަހައްދުގައި އިޒްރޭލުން ފެނުގެ ހިދުމަތް ކަނޑާލާއި އޮތުމުން އެހީތެރިކަން ފޯރުކޮށްދޭން އަންނަނީ އުނދަގޫތައް ދިމާވަމުން،" އަލްޖަޒީރާގެ ނޫސްވެރިޔާ ހޮސާމް ޝަބާޓް "އެކްސް" ގައި ވިދާޅުވި އެވެ.
ހަމަލާއާ ގުޅޭ ގޮތުން އިޒްރޭލުން ދެއްކީ ކުރިން ވެސް ދައްކާ ކަހަލަ ބަހަނާ އެކެވެ. އިޒްރޭލުން ބުނީ އެ ސްކޫލަކީ ހަމާސްގެ ހެޑްކުއާޓާއެއް ގޮތަށް ބޭނުންކުރަމުން ދިޔަ ތަނެއް ކަމަށެވެ. ނަމަވެސް އެކަން ސާބިތު ކުރެވޭނެ އެއްވެސް ހެއްކެއް ނެތެވެ.
ގާޒާގައި ހަރަކާތްތެރިވަމުން އަންނަ އޮފިޝަލުން ބުނާ ގޮތުގައި ހަމަލާގައި މަރުވި މީހުން އަދަދު އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އިޒްރޭލުން ގާޒާގައި ހިންގަމުންދާ ގަތުލްއާންމުގައި މިހާތަނަށް 40،000 އާ ގާތްކުރާ އަދަދަށް މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ކުށެއްނެތް ކުޑަކުދިންނާއި އަންހެނުންނެވެ.
ގަތުލްއާންމު ހުއްޓުވަން މިހާތަނަށް ކުރަމުންދާ މަސައްކަތަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ. އެގޮތުން އިޒްރޭލުން ހަނގުރާމަ ހުއްޓާލަން އެއްވެސް ގައުމަކާއެކު އެއްބަސްވާން ވަނީ ދެކޮޅު ހަދާފަ އެވެ.










