ސިޔާސީ ލީޑަރުންނާއި ސިޔާސީ ހަރަކާތުގެ ވާހަކަ

ސިޔާސީ ލީޑަރުންނާއި ސިޔާސީ ހަރަކާތުގެ ވާހަކަ

އާބާދީގެ ނިސްބަތުން ބަލާނަމަ، ރާއްޖެހާ ސިޔާސީ މީހުން ގިނަ ގައުމެއް ދުނިޔޭގައި މިހާރު އޮވެދާނެ ކަމަކަށް ނުފެނެ އެވެ. އަދި ރާއްޖެއަށްވުރެ ސިޔާސީ ލީޑަރުން ގިނަ ތަނެއް ވެސް ތާރީހުގެ ވަރަށް ކުރިން ފެށިގެން ބެއްޔަސް ފެނުން ވާނީ ނާދިރު ކަމަކަށެވެ. ސިޔާސީ ހަރަކާތްތަކާއި ސިޔާސީ ވާހަކަދެއްކުމާއި ސިޔާސީ ބަހުސްތަކަށް ނަމަ، އަދަދުގެ ގޮތުން ބަލައިފިއްޔާ ހަމަގައިމުވެސް ރާއްޖެ އުޅޭނީ މާބޮޑު ތަނުން އެހެން ގައުމަތަކަށްވުރެ ކުރީގައެވެ. އެކަމަކު ގައުމުގެ އިޖުތިމާއީ ވެށި ދަނީ ދަށަށެވެ. އާންމު ސުލޫކާއި ތަހުޒީބީ އަގުކުރުންތައް ދަނީ ދަށަށެވެ. އިގުތިސާދީ ގޮތުން ބެއްޔަސް ގައުމުދަނީ ފަހަތަށެވެ. ދީނީ ގޮތުން ބެލިއްޔާ އެޔަށްވުރެ ފަހަތަށެވެ.

ގައުމުގެ ކަންކަން ރަނގަޅުކުރަން ތިބި ބަޔަކީ ސިޔާސީ ލީޑަރުންނެވެ. ގައުމު ހަމަ މަގަށް އެޅުވުމަށް އެލީޑަރުން ހިންގާ އެންމެ މުހިންމު ކަމަކީ ސިޔާސީ ހަރަކާތެވެ. ސިޔާސީ ވާހަކަދެއްކުމާއި ސިޔާސީ ހިޔާލުފާޅުކުރުމެވެ. އެކަން ގައިމުން އެބަކުރެ އެވެ. މައްސަލައަކީ ދެން ކޮބާހެއްޔެވެ؟

ހަމަޔަގީނުންވެސް ބަލަން ހުރި މީހެއްގެ ހައިސިއްޔަތުން ދަންނަވާނަމަ ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުން އެންމެ ބޮޑު ސިޔާސީ ލީޑަރަކީ އެންމެ ބާރަށް ހަޅޭލެވޭ މީހާ އެވެ. އެންމެ ބޮޑު ސިޔާސީ މުޙައްނިކަކީ އެންމެ ވަރުގަދަޔަށް ކަރުން ނާރުނެގޭ މީހާއެވެ. ސިޔާސީ ވާހަކައަކީ އެކަކު އަނެކަކަށް ފުރައްސާރަކުރުމާއި މައްލަވަކުރުމެވެ. ވީއެންމެ ބޮޑަކަށް ތިމާއާ އިދިކޮޅު މީހާގެ ވަތުބަތާނަ ކޮނެ ހާމަކޮށް ފަލީހަތްކުރުމެވެ. ކުރީގައި ރަށްޓެހިންނަމަ އޭރު އެނގިފައި ހުރި އައިބުތައް އާންމު ތަންތާނގައި ގޮވައި ނަގައި ހެދުމަކީ ސިޔާސީ އެންމެ މަތީ ދަރަޖައިގެ ހަރަކާތްތަކެވެ. މިކަންކަން އެބަހިނގަ އެވެ. މިކަންކަމުން ގައުމަށް އަންނަ ހެޔޮ ބަދަލެއް ރައްޔިތުންނަށް ލިބޭ ފަސޭހައެއް ނުފެނެ އެވެ.

އިސްލާމީ އުސޫލުތަކަށްބަލާއިރު ލީޑަރުކަންކުރުމަކީ އެކަކު އަނެކަކު ފަލީހަތްކުރުމެއް ނޫނެވެ. އަޑުގަދަކޮށް އަނެކާގެ ޒާތީ މައުލޫމާތު އާންމުންނަށް ތިލަކުރުމެއް ނޫނެވެ. ކަރުން ނާރު ނަގާފައި އެކަކު އަނެކަކަށް ވަގަށް ގޮވުމެއް ވެސް ނޫނެވެ. ނިމިދިޔަ ސަރުކާރުގެ ބަހަނާގައި ތާއަބަދަށް ތިބުމެއް ނޫނެވެ. އަދި އިދިކޮޅުގައި ތިބި ބަޔަކު ނަމަ އެޅުނު ގޮތަކުން ސަރުކާރަށް ހުރަސްއެޅުމެއް ނުމެ ނޫނެވެ.

ދީނީގޮތުން ބަލާއިރު، ލީޑަރުންނަކީ އުފެއްދުންތެރި ހިޔާލުގެ މީހުންނެވެ. ރައްޔިތުންނަށް ދިމާވެފައި ހުންނަ ދަތިއުނދަގޫ ހުރަސްތައް ގިރާކޮށް ގަތުމަށް އައު މަގުތަކާއި ވަސީލަތްތައް ގެނެސްގަންނަ މީހުންނެވެ. ނެރޭ ނަތީޖާތައް އެއްކަންތަކަށްވުރެ ވިދިގެން އަންނަ ކަންތައް ފެންވަރު މަތިކޮށް ނެރެދޭ މީހުންނެވެ. ލީޑަރުންނަކީ ރޭވުމާއި ރޭވުން ތަންފީޒުކުރުމުގައި އެބައިމީހުންގެ ހުނަރުތައް ހާމަޔަށް އެންމެންނަށް ފާޅުވާން ހުންނަ އަނެކުންނަށް ކެތްތެރިކަމުން ވާގިދެމުން ޖޯޝުން ހިތްވަރުދިނުމުގައި ތަފާތު ދައްކައިދޭ މީހުންނެވެ.

ލީޑަރުންގެ ކޮންމެ ކަމެއް ހުންނާނީ ތަރުތީބު މަގުންނެވެ. އެމީހުންގެ ވަގުތާއި މަސައްކަތާއި ލަނޑުދަނޑިތައް ހުންނާނީ އެއް އަމާޒަކަށް އެއް މިސްރާބަކަށެވެ. ކަމެއް ބޯމަތިވިޔަ ނުދޭކަށް އެބައިމީހުން ނޫޅޭނެއެވެ. ލީޑަރުންނަކީ އަންނަން އޮންނަ ވިލާގަނޑު އަވަހަށް ގެނެސްގަންނަ އެޔަށްވުރެ ބާރު މިނުގައި އެއިން ސަލާމަތްވާނެ ހިޔާތައް ހޯދައި ރައްޔިތުންނަށް ދައްކައިދޭ މީހުންނެވެ. ލީޑަރުންނަކީ އެހެން މީހުންނަށް ނުފެންނަ ދުރު ފެންނަ މީހުންނެވެ. އެޔާއެކު އޭނާގެ ފިކުރާއި ހިޔާލަށް އަނެކުން ކިޔާ ބަހަށް ކަނުލައި އަހާ ނަޒަރު ދޭމީހުންނެވެ. ލީޑަރުންގެ ކިބައިގައި ރޭވުންތެރިކަން ހުންނާނެއެވެ. އިޖުތިމާއީ ތޫނުފިލިކަން ހުންނާނެއެވެ. މީހުން ލައްވާ ކަންކަން ކުރުވުމުގެ ގާބިލުކަން ހުންނާނެއެވެ. ބުއްދިވެރިކަމާއި ހިކުމަތްތެރިކަމާއި ރައްޔިތުން ގޮވައިގެން ކުރިޔަށް ދުއްވައިގަތުމުގެ ބުންވަރު ހުންނާނެއެވެ. ކީރިތި ޤުރުއާނުގައި ސިފަކުރެވިފައިވާ "އަލްޤަވިއްޔުލްއަމީން"

އަމާނާތްތެރި ބާރުވެރިޔާގެ ބައެއް ސިފަތަކަކީ މިދެންނެވުނީއެވެ.

މިބާވަތުގެ ލީޑަރުން މި ދިވެހި ގައުމަށް ލިބިއްޖެނަމަ ދިވެހި ގައުމު ކުރިޔަށް ދުއްވައިގަންނާނީ ހަމަ ކޮންމެ ރޮނގެއްގައި އަތުފަތުނުޖެހޭނެ ދުވެލީގައިކަމަށް ޝައްކުކުރާނީ ކާކުހެއްޔެވެ؟ އެގޮތަށް ގައުމު ދުއްވައި ނުގަނެގެން އުޅެނީ އެބާވަތުގެ ލީޑަރުން ނެތީމައެވެ. އަދި އެބާވަތުގެ ސިޔާސީ ހަރަކާތް ނުހިންގޭތީއެވެ. މިއީ ހިތްޗަސް ހަގީގަތެވެ.

މިރާއްޖޭގައި ވަރަށް ރަނގަޅަށް ކުރެވެމުންދާ ކަމަކީ ކޮބާތޯ އަޅުގަނޑުގެ ރަހުމަތްތެރިއަކު ވަރަށް ގިނައިން ސުވާލުކުރާނެއެވެ. ޖަވާބު ދަންނަވަންތޯއެވެ. މިރާއްޖޭގެ ސްކޫލްތަކުގެ ކުދިންނާއި ޒުވާނުންނާއި ބޮޑެތި މީހުންނާއި، ކިޔަވައިގެން ތިބި މީހުންނާއި ނުކިޔަވާތިބި މީހުން ހިމެނޭހެން، އެކަކު އަނެކަކަށް އާޑަފުރައްސާރަކޮށް މައްލަވަކުރުމާއި ހަޖޫޖަހައި ގުދޯގުދޯ ގޮވުމަކީ އެއީ އެހެން އެއްވެސް ބަޔަކަށްވުރެ ބޮޑަށް އަހަރެމެން ދިވެހިން މާމޮޅަށް މިހާރު ކުރާ ކަމަކެވެ. ދުނިޔޭގެ އެންމެ ބާރުގަދަ އެމެރިކާގެ މިހާރުގެ ރައީސްވެސް ދިވެހިންގެ ބައެއް ޕޮލިޓީޝަނުންގެ އާޑަފުރައްސާރައާ ކުރިމަތިލައްވަންޖެހިވަޑައިގަންނަވާފައި ނުވޭތޯއެވެ.

މިހެން މިކަން ވީ ސަބަބެއް އޮވެގެންނެވެ. ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ސިޔާސީ ހަރަކާތް ހިންގުމުގެ ނަމުގައި އެކަކު އަނެކަކަށް ވަގަށް ގޮވައިދިނުމާއި އެކަކު އަނެކަކަށް އާޑަފުރައްސާރަކުރުން އަހަރެމެން ކުރިއަރުވައި ތަރައްގީކުރެވެމުންދާތާ ބަރާބަރު ސޯޅަ އަހަރަށްވުރެ ގިނަ ދުވަސްވީއެވެ. ބައްލަވާށެވެ! އެކަމުގައި ހަމަޔަގީނުންވެސް އަހަރެމެން ދިވެހިންނަށް އާދެވިފައި މިތިބީ ހަމަ އެއްވެސް ބަޔަކަށް އަތުނުވާނެ ހިސާބަކަށެވެ.

ދިވެހި ދައުލަތް ހިންގުމުގެ އެކި މަގާމުތަކުގައި އެތިބަ މީހުން އެމީހުން ކުރަން ދިޔަ މަސައްކަތްކުރޭތޯ ނުވަތަ ނޫންތޯ، ކުރަނީ ކޮން ފެންވަރެއްގައިތޯ ސުވާލުނުކުރާށެވެ. ގިނަ މީހުންނަށް އެތަންތަނަށް އާދެވިފައިހުރީ "ސިޔާސީ ހަރަކާތުގެ ތެރެއިން"އެވެ. އަހަރެމެންގެ ސިޔާސީ ހަރަކާތް އޮތީ އަޅުގަނޑު މިދެންނެވި ގޮތަށްކަން ނުދެންނެވިޔަސް ފެނިވަޑައިގަންނަވާނެއެވެ. އެ އެއްޗަކުން ފެލޭނީ އެއެއްޗެއްގައި ހުރި ދިޔައެކެވެ. އެއްވެސް މަގާމެއްގައި ހުރި މީހަކަށް، އާޑަފުރައްސާރަކުރަން ނޭނގޭނަމަ ނުވަތަ އިދިކޮޅު މީހުންނަށް ގުދޯގުދޯ ގޮވަން ނޭނގޭނަމަ، ކަރުން ނާރުނަގާފައި ހަޅޭލަވަން ނޭނގޭނަމަ، ޝަކުވާކުރުމުގެ ހައްގު ތިބާއަށް ލިބިގެންވެއެވެ. އަހަރެމެންގެ ސިޔާސީ ހަރަކާތުގެ އަމާޒަކީ އެއީ އެވެ. އެ ފެށުނީ ކުރީގެ ރައީސް ވެލާނާގެ އިބްރާހީމް ނާސިރަށް ކުރެހި ކާޓޫނާއި ޖެހި ހަޖޫއިންނެވެ. އެއޮތީ އަދިވެސް އެހެންނެވެ. ސޯޅަ އަހަރު ކުރިން އެކަމަކީ ދައުލަތުން ހަރަދުކުރާ ކަމެއްގެ ގޮތުގައި ހަމަޖެއްސުނެވެ. ބަދަލުވަމުންދަނީ ވަސީލަތްތަކާއި ގޮތްތަކެވެ.

ކުރިފުޅުމަތީގައި މިއޮތީ ކީރިތި ޤުރުއާނުގެ ޙުޖުރާތު ސޫރަތުގެ 11 ވަނަ އާޔަތުގެ ދިވެހި ތަރުޖަމާއެވެ! ވިދާޅުވާށެވެ! "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެއެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެއެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އައިބުތައް ހޯދަން ނޫޅޭށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ ވަނަންތަކުން ނުގޮވާށެވެ. އީމާންވުމަށްފަހު ފާސިޤުވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި ތައުބާ ނުވި މީހުންނަކީ ހަމަ އަނިޔާވެރިންނެވެ."

ހަމަ ތިޔަ ނޭވާގައި ޖެހިގެން އޮތް 12 ވަނަ އާޔަތުގެ ދިވެހި ތަރުޖަމާވެސް ވިދާޅުވާށެވެ! "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް ގީބަ ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނެއެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަޤްވާ ވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ތައުބާ ގަބޫލުކުކުރައްވާ އޯގާވަންތަ ރަސްކަލާނގެއެވެ."

"މުއުމިނުންގެ ކަންތައް ހުރީ އެބައިމީހުންގެ މެދުގައި ކުރެވޭ މަޝްވަރާއަށް" ކަމުގައި ކީރިތި ޤުރުއާނުގައި ސިފަކުރައްވާފައި ސިފަކުރުން ދިވެހި މުއުމިނުން ލިބިގަންނާނީ ފަހެ ކޮންފަދައަކުންބާވައެވެ؟ ޝައްކެތް ނެތް ގޮތުގައި ދިވެހިންގެ ސިޔާސީ ހަރަކާތްތައް ޙުޖުރާތު ސޫރަތުގެ ގައިޑްލައިނަށް ނުފެތޭހާ ހިނދަކު މުއުމިނުން ވެރިކަން ހިންގާން އޮތް މަގުން މަޝްވަރާކުރެވިގެން ދައުލަތެއް ހިންގުމަކީ ކުރެވެން އޮތް ކަމެއް ނޫނެވެ.

އާޑަފުރައްސާރަކޮށް ޒުވާބުކުރުމާއި އެކަކު އަނެކަކަށް ހަޖޫޖަހައި ގުދޯގުދޯ ގޮވުމަކީ ކޮންމެ މުޖުތަމައެއްގައިވެސް އޮންނަ ކަމެކެވެ. އެކަމަކު އެބާވަތުގެ ކަންކަން ކޮށްއުޅެނީ އެ މުޖުތަމައެއްގައި އުޅޭ ދަށްފަންތީގެ މީހުންނެވެ. ނުކިޔަވާ ތިބޭ މީހުންނެވެ. ޖާހިލުންނެވެ. ސޮހޮލުންނެވެ. އެއީ ލީޑަރެކޭ ކިޔައިން ނޫޅުނަސް ކުރެވޭނެ ކަމެކެވެ. ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ބޮޑު ހޭދައެއް ނުކުރިޔަސް ހަޖޫޖަހާ މީހުން ރާއްޖޭގައި އުޅޭނެއެވެ. ނެތީ ހަގީގީ މާނައިގައި ގައުމަށް ހިދުމަތްކުރާނެ ލީޑަރުންނެވެ. ގައުމުގެ މައްސަލަތަކުގެ ހައްލުތަކަށް ވަކާލާތުކުރާނެ މީހުންނެވެ. އެހައްލުތަކަށް މަގުކޮށޭނެ ސިޔާސީ ހަރަކާތްތަކެވެ. އެކަންކަން ތަންފީޒުކުރާނެ ފަދަ އާރުލާ ސިކުނޑިތަކެއްގެ އަހުލުވެރިންނެވެ.

ރައީސް ޔާމީން ދެރެއިން އެއްރޭ އަނެކުންގެ ބޭވަފާތެރިކަމާއި ނުބައި ނުލަފާކަމުގެ ވާހަކަ ދެއްކެވިޔަސް، އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ހަޖޫޖެއްސެވިޔަސް، އަދި މަޖިލީހުގެ ރައީސް ނުކުމެވަޑައިގެން ރައީސް ޔާމީން ކުރެއްވިހާ ވައްކަމެއްގެ ވާހަކަދެއްކެވިޔަސް، ރާއްޖެއިން އެހެން ގައުމުތަކަށް ދައްކަންޖެހިފައިވާ ދަރަނީގެ ތެރެއިން ހަމަ އެންމެ ފައިސާ ފޮއްޗެއްވެސް މަދެއް ނުވާނެ އެވެ. އަދި ދިވެހިންގެ ތެރެއިން މިހާރަށްވުރެ މުސްތަގުބަލު އުޖާލާކުރަން ބޭނުންވެފައި ތިބި ޒުވާނުންނަށް އެ ވާހަކަތައް އަޑުއަހައިގެން ކުރިޔަށް ދެވޭނެ މަގެއް އާރާސްތުކުރާނެ މުސްތަގުބަލެއް ނުމެއެނގޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox