މިދިޔަ މަހުުގެ ތެރޭގައި ޖުލްމަ ޑޮލަރު ރިޒާވުން 113 މިލިއަން ޑޮލަރު މަދުވުމާ ގުޅިގެން، ވޭތުވި ދިހަ އަހަރުގެ ތެރޭގައި ނުދާހާ ދަށަށް ރިޒާވު ވެއްޓިއްޖެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި ނިމުނުއިރު، ޖުމްލަ ޑޮލަރު ރިޒާވު (ގްރޮސް އިންޓަނޭޝަނަލް ރިޒާވު) ގައި ހުރީ 395 މިލިއަން ޑޮލަރެވެ. އޭގެ ކުރީ މަސް ނިމުނުއިރު އެ ރިޒާވުގައި 509 މިލިއަން ޑޮލަރު ހުއްޓެވެ.
އެމްއެމްއޭގެ ތަފާސްހިސާބު ވެބްސައިޓުން ފެންނަން ހުރި އެހެން އަހަރުގެ ރެކޯޑުތަކާ އަޅާކިޔާއިރު، ޖުމްލަ ރިޒާވުގައި އެންމެ ފަހުން މިވަރަށް ފައިސާ ހުރީ ފެބްރުއަރީ، 2014 ގަ އެވެ. އެފަހުން އެއްވެސް މަހެއްގައި ޖުމްލަ ރިޒާވު މިހާރު ހުރި ވަރަށް މަދު ނުވެ އެވެ.
ޖުމްލަ ރިޒާވަށް އައި ބޮޑު ބަދަލާއެކީ، ބޭނުންކުރެވޭ ރިޒާވުގައި ހުރި ފައިސާގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.
އެގޮތުން ޑޮލަރު ރިޒާވުން ކަނޑަންޖެހޭ ބައިތައް ކެނޑުމުން ހުސްވި މަހުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވުގައި ހުރީ 43 މިލިއަން ޑޮލަރެވެ. މިއީ މަހެއްގެ ޒަރޫރީ އިމްޕޯޓަށް ބޭނުންވާ ވަރަށް ވުރެ ވެސް މަދު އަދަދެކެވެ.
ރިޒާވާ އެކީ ދައުލަތުގެ މާލީ ހާލަތާ މެދު ގިނަ ކަންބޮޑުވުންތަކެއް ހުރިއިރު، މިހާތަނަށް ސަރުކާރުން މިކަމުގައި އެއްޗެއް ނުބުނެ އެވެ. އެއްޗެއް ނުބުނާ ތަނުގައި ސަރުކާރުން އަންނަނީ އެންމެ ފަހުގެ މާލީ މައުލޫމާތުތައް ސިއްރުކުރަމުންނެވެ.
މިފަހުން ފިނޭންސުން ވަނީ ދައުލަތުގެ މެދު ރާސްތާގެ ފިސްކަލް އަދި ދަރަނީގެ ސިޔާސަތު އަންގައިދޭ ބަޔާންތައް މަޝްވަރާކުރަން ބާއްވާ މާލިއްޔަތު ކޮމިޓީގައި އެދިފަ އެވެ. މާލިއްޔަތު ކޮމިޓީން ވަނީ މިނިސްޓްރީން އެދުނު ގޮތަށް އެ ފުރުސަތު ދޭން ނިންމާފަ އެވެ.










