ރެއިން ފެށިގެން މައްސަލަ ޖެހުނު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މޯބައިލް އެޕްލިކޭޝަން އާއި އިންޓަނެޓް ބޭންކިންގެ ހިދުމަތް އަދިވެސް ބޭނުމެއް ނުކުރެވެ އެވެ.
ރޭ 10:00 ޖެހިއިރު ބީއެމްއެލް އިން އެންމެ ފުރަތަމަ ބުނީ އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ފޮނުވުމުގެ ހިދުމަތް ދޭ ފަވަރަ ސިސްޓަމް މެއިންޓެއިން ކުރަން އެ ހިދުމަތް މެދުކަނޑާލާ ވާހަކަ އެވެ. ނަމަވެސް ގާތްގަނޑަކަށް އެ ވަގުތު ބީއެމްއެލްގެ މޯބައިލް އެޕްލިކޭޝަން އަދި އިންޓަނެޓް ބޭންކިންގެ ހިދުމަތް ވެސް ކެނޑިފަ އެވެ.
އޭގެ ފަހުން މިއަދު ހެނދުނު ބީއެމްއެލް އިން ބުނެފައި ވަނީ މޯބައިލް އަދި އިންޓަނެޓް ބޭންކިންގެ ހިދުމަތް ކެނޑިފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްކަން ބުނެފައެއް ނުވެ އެވެ.
"ދިމާވެގެން އުޅޭ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މޯބައިލް އެޕް އަދި އިންޓަނެޓް ބޭންކިންގެ ހިދުމަތަށް ވަނީ ބުރޫ އަރާފައި. މައްސަލަ ވީހާވެސް ހައްލު ކުރުމަށް އެބަ މަސައްކަތް ކުރަން،" ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްގެ ހިދުމަތްތަކަށް ފަހަކަށް އައިސް މައްސަލަތައް އަންނަނީ ދިމާވަމުންނެވެ. އެގޮތުން އެ ބޭންކުގެ ކާޑުން ދޭ ހިދުމަތްތަކަށް ވެސް ދާދި ފަހުން ބުރޫ އެރި އެވެ.
މީގެ އިތުރުން ބީއެމްއެލްގެ ބައެއް ކަސްޓަމަރުންގެ އެކައުންޓަށް އޮޅިގެން ގިނައިން ފައިސާ ޖަމާ ކުރެވުނު ފަހުން އެ ބޭންކުން ވަނީ ޕޭރޯލް އާއި ބަލްކް ޓްރާންސްފާ އިންޓަނެޓް ބޭންކިން އާއި ފަވަރަ މެދުވެރިކޮށް މުސާރަ ފޮނުވުމުގެ ހިދުމަތް ވެސް ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ.
ބީއެމްއެލްއިން ބުނެފައި ވަނީ ބޮޑެތި އަދަދުތަކުން ކުރާ ޓްރާންސްފާތަކާއި އަދި ޕޭރޯލް ޕްރޮސެސްކުރަން payroll@bml.com.mv އަށް މެއިލް ކުރުމަށް އެދޭ ކަމަށެވެ. އެ ހިދުމަތްތައް މެދުކަނޑާލި ސަބަބެއް އެ ބޭންކުން ނުބުނެ އެވެ.











