މެދުއިރުމަތީގެ މަސްރަހު ގޯސްވެ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބާއްވާ ކުއްލި ބައްދަލުވުމެއްގައި ބައިވެރިވުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިރޭ ސައުދީއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ޒަމީރު ބައިވެރިވެވަޑައިގަންނަވަނީ މާދަމާ ސައުދީގެ ޖިއްދާގައި ކުރިއަށްދާ އޯއައިސީގެ އެގްޒެކްޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމެއް ކަމަށެވެ.
މިއީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމާއި އީރާނަށް ދިން ހަމަލާއާ ގުޅޭގޮތުން ބާއްވާ ބައްދަލުވުމެކެވެ. ހާރިޖީ ވަޒީރުންގެ ފެންވަރުގައި ބާއްވާ މި ބައްދަލުވުން ބާއްވަނީ ފަލަސްތީނާއި އިރާނުން ވެސް އެދިގެންނެވެ.
މި ބައްދަލުވުމުގައި އޯއައިސީގެ ހުރިހާ މެންބަރު ގައުމަކުން ވެސް ބައިވެރިވާނެ އެވެ. އަދި އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކާއި މިދިޔަ ހަފުތާ އިރާނުގައި ހަމާސްގެ ލީޑަރު އަދި ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅޭގޮތުން މަޝްވަރާކުރާނެ އެވެ.
ޒަމީރު ސައުދީއަށް ވަޑައިގަންނަވާނީ އެއް ދުވަހަށެވެ. އޯއައިސީގެ ކުއްލި ބައްދަލުވުމުގައި އެނާ ތަގުރީރުކުރައްވާނެ އެވެ.













