ލަންޑަން (ޖުލައި 31) - ކޮޕަ އެެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރުމަށް ފަހު، އާޖެންޓީނާގެ މިޑްފީލްޑަރު، އެންޒޯ ފެނާންޑޭޒް، ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯއެއްގައި ފްރާންސް ކުޅުންތެރިންނާ ދިމާކޮށްފައިވާއިރު، އެ ވީޑިއޯގެ މައްސަލައިގައި އެންޒޯ މާފަށް އެދުމުން، ޗެލްސީން އެކަން ބަލައިގަނެ، އޭނާ އަށް މާފުދީފި އެވެ.
ސޯޅަ ވަނަ ފަހަރަށް ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމަށް ފަހު އާޖެންޓީނާ ކުޅުންތެރިން އުފާފާޅުކުރުމުގެ ތެރޭގައި ބައެއް ކުޅުންތެރިން ކިޔާފައިވާ ލަވައެއްގެ ތެރެއިން ފްރާންސް ކުޅުންތެރިންނާ ދިމާކޮށްލުމުގެ އިބާރާތްތަކެއް ބޭނުންކޮށްފައިވެ އެވެ. އެ ވީޑިއޯއާ ގުޅިގެން، އެންޒޯއާ އެކުގައި، ޗެލްސީ އަށް ކުޅެމުން އަންނަ ފްރާންސްގެ ވެސްލީ ފޮފާނާ ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ފޮފާނާ ބުނީ، މިއީ ނަސްލީ ގޮތުން ދިމާކުރުމަށް ބާރު އަޅާ ކަމެއް ކަމަށެވެ.
ޗެލްސީން ވެސް ވަނީ އެންޒޯގެ މި ވީޑިއޯގެ މައްސަލަަ ބަލައިފަ އެވެ. އެކަމަކު ފިޔަވަޅެއް ނާޅަ އެވެ.
މިހާރު އެމެރިކާގައި ޗެލްސީން ކުރިއަށްދާ ޓުއާގެ ތެރެއިން، ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ހިމެނޭގޮތަށް ވަނީ އެންޒޯއާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި، އެންޒޯ ވަނީ ކަންތައް ހިިނގައިދިޔަ ގޮތް އޮޅުންފިލުވައިދީ މާފަށް އެދިފަ އެވެ. ކްލަބްގެ މެނޭޖްމަންޓުން އެންގީ، ޓީމުގެ ސްކޮޑުގެ ކިބައިން އެންޒޯ މާފަށް އެދުމަށެވެ. އެއީ، ޗެލްސީގައި ފްރާންސަށް ނިސްބަތްވާ ކުޅުންތެރިން ވެސް ތިބުމުންނެވެ.
އެންޒޯ، މާފަށް އެދުމުން، ޗެލްސީގެ ސްކޮޑުން ވަނީ އެކަން ގަބޫލުކޮށް، އޭނާ އަށް ފިޔަވަޅެއް ނާޅައި ޓީމާއި ބައިވެރިވުމުގެ ފުރުސަތު ދިނުމުގައި ހުރަހެއް ނެތް ކަމަށް ބުނެފަ އެވެ.
ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނީ، ކޮންމެ މީހަކަށް ވެސް ކުށެއް ކުރެވިދާނެ ކަމަށާއި އެކަން އެ މީހެއް ގަބޫލުކުރުމުން ކުރިއަށްދާން ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ.












