ލަންޑަން (ޖުލައި 30) - އިޓަލީގެ ކްލަބް ބޮލޯންޔާ ދޫކޮށް، އާސެނަލަށް ބަދަލުވި ޑިފެންޑަރު، ރިކާޑޯ ކަލަފިއޯރީ، އަށް އާސެނަލާ އެކު ކެރިއަރުގައި ހާއްސަ ކަމެއް ހާސިލްކުރެވޭނެ ކަމުގެ އިހުސާސް ކުރެވޭ ކަމަށް ބުނެފި އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިޓަލީ އަށް މޮޅު ކުޅުމެއް ދެއްކި ކަލަފިއޯރީ، 22، އާސެނަލަށް ބަދަލުވީ ޖުމްލަ އެކު، 50 މިިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. އޭނާ އާސެނަލާ އެކު ސޮއިކުރީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.
އެމެރިކާ ޓުއާގައި މި ވަގުތު ތިބި އާސެނަލްގެ ސްކޮޑާ ކަލަފިއޯރީ ވަނީ ގުޅިފަ އެވެ.

"އަހަރެން ވަރަށް އިންތިޒާރުކޮށްފިން މި ކަމަށް. ވަރަށް އުފަލުން މި ހުރީ އާސެނަލަށް އާދެވުމުން. އަހަންނަށް އިހުސާސް ކުރެވޭ ފުޓްބޯޅަ ކެރިއަރުގައި ތަފާތު ކަމެއް މި ކްލަބް (އާސެނަލް)ގައި ހުރެ ކުރެވޭނެ ކަމުގެ. މި ސީޒަނާ މެދު ވެސް ބޮޑު އުންމީދުތަކެއް ކުރެވޭ،" ކަލަފިއޯރީ ބުންޏެވެ.
ޑިފެންޑަރެއްގެ އިތުރުން ފުލްބެކް އެއްގެ މަގާމުގައި ކުޅޭ ކަލަފިއޯރީ ވަނީ މިދިޔަ ސީޒަނުގައި ބޮލޯންޔާ އަށް އިޓާލިއަން ލީގުގައި 30 މެޗު ކުޅެދީ، ދެ ގޯލު ޖަހައި، ފަސް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އެ ގޮތުން، ބޮލޯންޔާ އިން އިޓާލިއަން ލީގުގެ ފަސް ވަނަ ހޯދައި، އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގަށް ކޮލިފައިވިއިރު، ކަލަފިއޯރީ އިސް ރޯލެއް ކުޅެފައިވެ އެވެ.
އާސެނަލަށް ކުޅެމުން އަންނަ މިޑްފީލްޑަރު، އެމީލް ސްމިތު-ރޯވް ވަނީ ފުލަމް އަށް ބަދަލުވާން އެއްބަސްވެފަ އެވެ. އެއީ، މިހާތަނަށް ފުލަމް އިން އެންމެ އަގުބޮޑުކޮށް ކުރާނެ ޓްރާންސްފާ އެވެ. ފުލަމް އިން މި ޑީލް ނިންމަން ޖުމްލަ އެކު، 40 މިލިއަން ޑޮލަރު ދައްކާނެ އެވެ.












