މަޖީދިއްޔާގެ ހަނދާންތަކާއި ގަރުނެއް ފުރުމުގެ ގުނާނަ ފެންނަ ބިނާއެއް އެ ސްކޫލުގެ މުސްކުޅި ދަރިވަރުން ބަހައްޓަނީ

މަޖީދިއްޔާ ސްކޫލް ބޭރުގައި ބެހެއްޓުމަށް އެ ސްކޫލުގެ މުސްކުޚި ދަރިވަރުން މަސައްކަތް ކުރާ ހަނދާނީ ބިނާގެ ކުރެހުމެއް -- ފޮޓޯ: މަޖީދިއްޔާ ސްކޫލުގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާ

މަޖީދިއްޔާ ސްކޫލް ބޭރުގައި ބެހެއްޓުމަށް އެ ސްކޫލުގެ މުސްކުޚި ދަރިވަރުން މަސައްކަތް ކުރާ ހަނދާނީ ބިނާގެ ކުރެހުމެއް -- ފޮޓޯ: މަޖީދިއްޔާ ސްކޫލުގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާ

ރާއްޖޭގެ ތައުލީމީ ހަޔާތުގެ މުންނާރުގެ ގޮތުގައި ފާހަގަކުރެވޭ، މަޖީދިއްޔާ ސްކޫލުގެ އެންމެ އިހުގެ ހަނދާންތަކާއި އެ ސްކޫލަށް 100 އަހަރު ފުރުމުގެ ގުނާނަ ފެންނަ ގަޑިއަކާއެކު ހަނދާނީ ބިނާއެއް ހެދުމުގެ މަސައްކަތް މަޖީދިއްޔާ ސްކޫލުގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާއިން ފަށައިފި އެވެ.

އެ ހަނދާނީ ބިނާ ތައްޔާރު ކުރުމުގައި މަޖީދިއްޔާ ސްކޫލުގެ ވީހައިވެސް ގިނަ މުސްކުޅި ދަރިވަރުން ބައިވެރި ކުރުމުގެ ގޮތުން ފައިސާގެ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލައިފަ އެވެ.

އެކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މަޖީދިއްޔާ ސްކޫލް މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ ރައީސް، އަހުމަދު އަފްއާލް ވިދާޅުވީ ހަނދާނީ ބިނާ ތައްޔާރު ކުރުމާއި ބެހެއްޓުމުގެ ހުރިހާ ހަރަދެއް ކުރަން ނިންމާފައި ވަނީ ކްރައުޑު ފަންޑިންގެ ތެރެއިން ކަމަށެވެ.

"މި މޮނިއުމެންޓަށް ގާތްގަނޑަކަށް 400،000ރ. ހަރަދުވާނެ ކަމަށް އަޅުގަނޑުމެން އަންދާޒާ ކުރަނީ، މި ފައިސާ ރެއިޒް ކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ކްރައުޑް ފަންޑިންގެ ތެރެއިން، ހުރިހާ މުސްކުޅި ދަރިވަރުންނަށް ހުޅުވައިލައިގެން،" އަފްއާލް ވިދާޅުވި އެވެ.

ހަނދާނީ ބިނާ ހެދުމަށް ބޭނުންވާ ފައިސާ ހަދިޔާ ކުރުމުގެ ފުރުސަތު މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންނަށް ދޭން ނިންމީ ވީހައިވެސް ގިނަ މުސްކުޅި ދަރިވަރުންނަށް އެކަމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށް އަފްއާލް ވިދާޅުވި އެވެ.

"މީގެ ބޭނުމަކީ މި މޮނިއުމެންޓުގެ އޯނަޝިޕު ވީހައިވެސް ގިނަ މުސްކުޅި ދަރިވަރުންނަށް އޮތުން، އެމީހުން ކޮންމެ މީހަކު ވެސް އެމީހުންގެ ސްކޫލަށް ކޮންޓްރިބިއުޓް ކޮށްގެން މަޖީދިއްޔާއަށް 100 އަހަރު ފުރޭއިރު ފަހުރުވެރިކަމާއެކު ހަދިޔާއެއް ކުރުމުގެ ފުރުސަތު ދިނުން،" އަފްއާލް ވިދާޅުވި އެވެ.

މަޖީދިއްޔާގެ ހަނދާނީ ބިނާ ހެދުމަށް އޮންލައިންކޮށް ފައިސާގެ އެހީ ދެވޭގޮތް މަޖީދިއްޔާ ސްކޫލުގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާއިން ވަނީ ހަމަޖައްސައިފަ އެވެ. ފައިސާ ހަދިޔާ ކުރަން ބޭނުންވާ ނަމަ އެމްއެމްޑީޖޭ.އޯއާރުޖީ އަށް ޒިޔާރަތް ކޮށްލައިގެން އެކަން ކުރެވޭނެ އެވެ.

މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގެ ތައުލީމީ ހަޔާތުގެ ފެށުމެވެ. 60 ދަރިވަރުންނާއެކު މަދްރަސަތުލް ސަނިއްޔާގެ ނަމުގައި އެ ސްކޫލް ފުރަތަމަ ހުޅުވީ އައްސުލްތާން މުހައްމަދު ޝަމްސުއްދީން 3 ގެ އިސްނެންގެވުމާއެކު 1927 ވަނަ އަހަރުގެ އޭޕްރިލް 19 ގަ އެވެ. މަދްރަސަތުލް ސަނިއްޔާގެ ނަމުން މަދްރަސަތުލް މަޖީދިއްޔާގެ ނަމަށް ބަދަލު ކުރީ 1947 ވަނަ އަހަރު އެވެ.

މަޖީދިއްޔާ ސްކޫލުގައި ބަހައްޓާ ހަނދާނީ ބިނާއިން އެ ސްކޫލުގެ އެންމެ ކުރިއާއި މިހާރު ހަނދާންތައް ފެންނަން ހުންނާނެ ކަމަށް އައްފާލް ވިދާޅުވި އެވެ. އެގޮތުން އެ ބިނާގައި އެ ސްކޫލުގައި ހުރި އިހުގެ އިމާރާތްތަކާއި ސްކޫލުގެ އާކިޓެކްޗާގެ ރަމްޒުތައް ވެސް ފެންނަން ހުންނާނެ ކަމަށް އައްފާލް ވިދާޅުވި އެވެ.

"މި މޮނިއުމެންޓުގައި މި ހުންނަނީ އެއް ކަމަކަށް ކުރީގެ އާކިޓެކްޗާ، މިސާލަށް މި ކުރިބޯށި ބިލްޑިންގައި އެހުރި އާކިޓެކްޗާ، އޭގެއިތުރުން ކުރިއާއި މިހާރު ސްކޫލް ރަމްޒު ކޮށްދޭ ދަގަނޑުން ހަދާފައިވާ ދެ ކުލައެއްގެ ދެ ރިބަނެއް ހުންނާނެ، އޭގައި ކުރީގެ ބެޖާއި އަދި ފަހުގެ ބެޖު ފެންނަން ހުންނާނެ، ހަމައެހެންމެ އެ ރިބަނުގައި ކުރީގެ މަޖީދިއްޔާ ސްކޫލު ކުދިން ކިޔައި އުޅުނު އިނގިރޭސި ލަވައާއި މިހާރު އަޅުގަނޑުމެންގެ ޖެނަރޭޝަނުގެ ފަހުން އެންމެން ކިޔަމުން ގެންދާ ލަވަ ލިޔެވިފައި ހުންނާނެ،" އަފްއާލް ވިދާޅުވި އެވެ.

މަޖީދިއްޔާ ސްކޫލް ތެރޭގައި ދިވެހިރާއްޖޭގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ބައެއް ބިނާތައް ހުރެ އެވެ. އެގޮތުން 1952 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު އަމީން ދީދީގެ އިސްނެންގެވުމާއެކު އިމާރާތް ކުރި ދާރުލް އުލޫމް ފާހަގަކޮށްލެވެ އެވެ.

މަޖީދިއްޔާ ސްކޫލް ހޯލުގެ ގޮތުގައި މިހާރު ބޭނުން ކުރާ ދާރުލް އުލޫމް، އިނގިރޭސިން ނަމަ "ހައުސް އޮފް ނޮލެޖް" އަކީ އިސްލާމީ މަރުކަޒާއި ދަރުބާރުގެ އިމާރާތް ކުރުމުގެ ކުރިން ދައުލަތުގެ މުހިންމު ބައްދަލުވުންތައް ބޭއްވުމަށް ހާއްސަ ތަނެވެ.

ދިވެހިރާއްޖޭގައި އެތައް ހާސް އަހަރެއް ވަންދެން އޮތް ވިރާސީ ރަސްކަން 1953 ވަނަ ޖުމްހޫރިއްޔަތަކަށް ބަދަލުކޮށް ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، މުހައްމަދު އަމީން ދީދީ ރައީސް ކަމުގެ ހުވާ ކުރެއްވީ ވެސް ދާރުލް އުލޫމުގަ އެވެ.

މަޖީދިއްޔާގައި ބަހައްޓާ ބިނާގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް އަފްއާލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މަސައްކަތް ކުރިއަށް ގެންދަނީ ރާއްޖޭގެ ކުންފުންޏަކުން ކަމަށެވެ.

އަފްއާލް ވިދާޅުވީ އެންމެ ބޮޑު އުއްމީދަކީ މަޖީދިއްޔާގެ ކުރީގެ ވީހައިވެސް ގިނަ ދަރިވަރުންނަށް މި ހަބަރު ލިބި ވީހައިވެސް ގިނަ މުސްކުޅި ދަރިވަރުންގެ އެހީ ލިބުން ކަމަށެވެ. ބޭނުންވަނީ އެންމެންގެ ބައިވެރިވުން ކަމަށާއި އެންމެން އެކައްޗެއް ކިޔައިގެން ސްކޫލަށް ކަމެއް ކޮށްދޭން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ ވިސްނުމަކީ މިކަމަށް ކިތަންމެ ކުޑަ އެމައުންޓެއް ކޮންޓްރިބިއުޓް ކުރާ މީހާ ވެސް އެއީ އެންމެ ބޮޑު އެމައުންޓު ކުރާ މީހާއާ ހަމަ އީކުއަލް އެކޭ، އަޅުގަނޑުމެންގެ އެންމެ ބޮޑު އުފަލަކަށް ވާނީ 400،000ރ. ރެއިޒް ކުރާއިރުގައި ރާއްޖޭގެ އެކި ކަންކޮޅުގައި، އެކި ވަޒީފާތަކުގައި އުޅޭ އެކި ގިންތީގެ، އެކި ފަންތީގެ މުސްކުޅި ދަރިވަރުން، ހަމަ ކުޑަކުޑަ އެތިކޮޅަކުން ދީގެން މި މޮނިއުމެންޓުގެ ކަންތައްތައް ކުރުން، އޭގެ ވެލިއު މި ބޮޑުވަނީ އެގޮތަށް،" އޭނާ ވިދާޅުވި އެވެ.

އެ ބިނާ މަސައްކަތް އެއްކޮށް ނިންމައި ވަރަށް އަވަހަށް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް އައްފާލް ވިދާޅުވި އެވެ. އެކަން ކުރުމަށް ވިސްނާފައި އޮތީ ވެސް ވީހައިވެސް ގިނަ މުސްކުޅި ދަރިވަރުންނަށް އެ ހަރަކާތުގައި ބައިވެރިވެވޭނެ ފަދަ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ބިނާގެ އަސްލު ބޭނުމަކީ ސްކޫލު ކުރިމަތިން އަޅުގަނޑުމެން ދާއިރުގައި ނުވަތަ ދަރިއަކު ގޮވައިގެން އަޅުގަނޑުމެން އެ ސްކޫލަށް ދާއިރުގައި ނުވަތަ އެތައް ޒަމާނެއް ފަހުން އަޅުގަނޑުމެންގެ ދަރިންގެ ދަރިއެއް އެ ސްކޫލަށް ދާއިރުގައި ވެސް މި ބިނާ ފެނުމުން މުސްކުޅި ދަރިވަރެއްގެ ހައިސިއްޔަތުން ސްކޫލަށް ކަމެއް ކޮށްދެވިފައި އޮތް ކަމުގެ ފަހުރު އެމީހުންނަށް އިހުސާސް ކުރެވުމާއި ސްކޫލުގެ އަގު އަބަދު އަބަދުމެ އެންމެންގެ ކުރިމަތީގައި ފެންނަން ހުންނާނެ ގޮތް ހެދުން،" އަފްއާލް ވިދާޅުވި އެވެ.

2002 ވަނަ އަހަރު ދަރުމަވަންތަ ސްކޫލު ހުޅުވުމާ ހަމައަށް މަޖީދިއްޔާ ސްކޫލަކީ ފިރިހެން ކުދިންނަށް ހާއްސަކޮށް މާލޭގައި ސާނަވީ ތައުލީމު ދިން ހަމައެކަނި ސަރުކާރު ސްކޫލެވެ. މި އަހަރު އެ ސްކޫލަށް 97 އަހަރު ފުރިގެންދިޔައިރު އެ ސްކޫލުގައި މިހާރު ދެ ޖިންސުގެ ދަރިވަރުން ތައުލީމު ހާސިލު ކުރަމުންދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox