ބަޖެޓު ފައިނޭންސްކޮށްދޭން 19 ހުށަހެޅުމެއް، ކޮން ބަޔެއް ކަމެއް ކިހާ ވަރެއް ކަމެއް ފިނޭންސުން ނުބުނި

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު: ބަޖެޓަށް ފައިސާ ނަގާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރައްވާނެ ކަމަށް ވިދާޅުވެފައިވޭ --- ފޮޓޯ: ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު: ބަޖެޓަށް ފައިސާ ނަގާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރައްވާނެ ކަމަށް ވިދާޅުވެފައިވޭ --- ފޮޓޯ: ފިނޭންސް މިނިސްޓްރީ

ދައުލަތުގެ ހަރަދުތައް ހަމަޖައްސަން މި އަހަރަށް ބޭނުންވާ ފައިސާ ދޭން 19 ހުށަހެޅުމެއް ލިބިފައިވީ ނަމަވެސް މި ހުށަހެޅުންތަކުގެ އިތުރު އެއްވެސް މައުލޫމާތެއް ހިއްސާކުރެވެން ނެތް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސުން މިހެން ބުނީ ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 550 މިލިއަން ޑޮލަރު (8.4 ބިލިއަން ރުފިޔާ) ދޭން ބަޔަކު ހޯދަން ކުރި އިއުލާނާ ގުޅިގެން "އަދަދު" އިން ފޮނުވި އާރުޓީއައި ހުށަހެޅުމެއްގެ ޖަވާބުގަ އެވެ.

އާރުޓީއައި ހުށަހެޅުމުގައި މި ނޫހުން އެދުނީ ބަޖެޓު ދަރަނި (ޑެފިސިޓު) ފޫބައްދަން ކުރި އިއުލާނާ ގުޅިގެން ޖޫން މަހުގެ ނިޔަލަށް ލިބުނު ޕްރޮޕޯޒަލްތަކުގެ އަދަދާއި ފައިސާ ދޭން ހުށެހެޅި މިންވަރު ހިއްސާކޮށްދިނުމަށެވެ.

އޭގެ އިތުރަށް އެދުނީ ޕްރޮޕޯޒަލް ހުށަހެޅި ފަރާތުގެ ނަން ހާމަނުކުރާ ގޮތަށް އެ ޕްރޮޕޯޒަލްތަކުގެ ސުމާރު ނަމްބަރާއި، ފައިސާގެ ބާވަތާއި، ފައިސާގެ އަދަދުގެ އިތުރުން މެޗޫރިޓީ ނުވަތަ އަނބުރާ ދައްކަން ޖެހޭ މުއްދަތާއި އެ ޕްރޮޕޯސަލްތަކާ މެދު ނިންމި ގޮތެއް ނުވަތަ މިހާރު އޮތް ސްޓޭޓަސް ހިއްސާކޮށްދިނުމަށެވެ.

ފިނޭންސުން ދިން ޖަވާބުގައި ލިބުނު ހުށަހެޅުންތަކުގެ އަދަދު ހިއްސާކުރި ނަމަވެސް، އެ ހުށަހެޅުންތަކާ ގުޅިގެން ހޯދަން އެދިފައިވާ އިތުރު އެއްވެސް މައުލޫމާތެއް ހިއްސާނުކުރެ އެވެ.

އެގޮތުން، މިހާތަނަށް ފިނޭންސަށް ލިބުނު ހުށަހެޅުންތަކުގައިވާ ފައިސާގެ މިންވަރު ސާފުކުރަން ކުރި ސުވާލަށް އެއްވެސް ޖަވާބެއް ނުދެ އެވެ. އަދި، ފިނޭންސަށް ލިބިފައިވާ ހުށަހެޅުންތަކާ ގުޅޭ ބައެއް މައުލޫމާތު، ކާކުކަން ނޭނގޭ ގޮތަށް ހިއްސާކޮށްދޭން އެދުމުން ބުނީ، ހުށަހެޅި ފަރާތްތަކާއި ދައުލަތުގެ މާލީ މަސްލަހަތަށްޓަކައި އެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ.

"މި މައުލޫމާތު ހާމަކޮށްފިނަމަ، ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތްތަކުގެ މަސްލަހަތަށާއި އަދި ދައުލަތުގެ މާލީ މަސްލަހަތަށް ނުރަނގަޅު އަސަރެއް ފޯރާނެ ކަމަށް ވާތީ، އެ މައުލޫމާތު ހާމަކުރެވެން ނެތް" އެ މިނިސްޓްރީން ބުންޏެވެ.

ފިނޭންސުގެ އިއުލާނުގެ ބޭރުން، ބަޖެޓު ފައިނޭންސް ކުރަން ރާވާފައިވާ ގޮތް އޮޅުން ފިލުވަން ވެސް މި ނޫހުން އެ މިނިސްޓްރީގައި އެދުނީމެވެ. މި ސުވާލަށް ފިނޭންސުން ދިނީ ކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ނުލިބޭ ކަހަލަ، ވަރަށް އާދައިގެ ޖަވާބެކެވެ.

"2024 ވަނަ އަހަރު ބަޖެޓު ފައިނޭންސް ކުރުމަށް ރާވާފައިވަނީ ޑޮމެސްޓިކް މާކެޓުންނާއި، ބައިނަލްއަގުވާމީ މާލީ އިދާރާތަކުންނާއި ބައިލެޓަރަލް ފަރާތްތައް މެދުވެރިކޮށް ޑެޓް ސަސްޓެއިނަބިލިޓީ އެނަލިސިސް (ޑީއެސްއޭ) އަށް ނޭދެވޭ އަސަރު ނުކުރާނެހެން ފައިނޭންސިން ހޯދަމަށް ދަނީ މަޝްވަރާކުރަމުން." ފިނޭންސުން ބުންޏެވެ.

ބަޖެޓު ފައިނޭންސް ކުރަން ލިބުނު ހުށަހެޅުންތައް އާންމުކުރަން ސަރުކާރުން އިންކާރުކުރިއިރު ފިނޭންސުން ކުރި އިއުލާނުގައި، އާންމުކޮށް އިއުލާންކޮށްގެން ފައިސާ ހޯދާ އެއް ސަބަބެއްގެ ގޮތުގައި ވަނީ، ހާމަކަން ބޮޑު ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ދަރަނި ހޯދުމެވެ.

ހަމައެހެންމެ، މުޅި އަހަރުގެ ތެރޭގައި މިގޮތަށް އަންނަ ހުށަހެޅުންތައް ބަލައިގަނެ، އެ ހުށަހެޅުމާ އެއްގޮތަށް ފައިސާ ނަގަން ނިންމާނަމަ އިއުލާންކުރަމުން ގެންދާނެ ކަމަށް ފިނޭންސުން ކުރި އިއުލާނާއި އެ މިނިސްޓްރީން އާންމުކޮށްފައިވާ ދަރަނި ނަގާނެ ގޮތުގައި ޕްލޭންގައި ފާހަގަކޮށްފައިވެ އެވެ.

މިއަދާ ހަމައަށް ފިނޭންސުން މިފަދަ އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވާތީ ބަލަން ޖެހެނީ މިހާތަނަށް އެއްވެސް ފައިސާއެއް މިގޮތަށް ނުނަގަނީ ކަމަށެވެ.

މި އަހަރަށް ފާސްކޮށްފައިވާ 49.5 ބިލިއަން ރުފިޔާޣެ ބަޖެޓު ހަރަދުތައް ހަމަޖައްސަން 16.3 ބިލިއަން ރުފިޔާ ބޭނުން ވެ އެވެ. އެއީ އާމްދަނީގެ ޑެފިސިޓް ފޫބެއްދުމަށް ބޭނުންވާ 8.8 ބިލިއަން ރުފިޔާ އާއި ދަރަނީގެ އިންޓްރެސްޓް އަދާކުރަން ހަރަދުވާ 5.2 ބިލިއަން ރުފިޔާ އާއި ޕްރިންސިޕަލް އަދާކުރަން ހަރަދުވާ 2.2 ބިލިއަން ރުފިޔާ އެވެ.

ފިނޭންސުން އާންމުކޮށްފައިވާ މި އަހަރުގެ "އެނުއަލް ބޮރޮއިން ޕްލޭން" ގައިވާ ގޮތުގައި، މި ފައިސާގެ ތެރެއިން އެތެރޭގެ ބާޒާރުން ހޯދަނީ 3.9 ބިލިއަން ރުފިޔާ އެވެ. ބޭރުގެ ފަރާތްތަކުން، ސަރުކާރުތަކާއި އިންވެސްޓަރުން ހިމެނޭ ގޮތަށް، ހޯދަނީ 12.3 ބިލިއަން ރުފިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox