ހަމަނުޖެހުމުގެ ތެރެއިން އުފެދުނު ގައުމު އަދިވެސް ހަމަނުޖެހުމުގައި!

ހަމަނުޖެހުމުގެ ތެރެއިން އުފެދުނު ގައުމު އަދިވެސް ހަމަނުޖެހުމުގައި!

މިހާރުގެ ބަންގްލަދޭޝް އެއޮތް ސަރަހައްދު އެކަށައެޅުނީ މީގެ އެންމެ 53 އަހަރު ކުރިން, 1971 ގަ އެވެ. އިނގިރޭސި އިސްތިއުމާރުގެ ދަށުން އިންޑިއާ މިނިވަންވީއިރު, އޭރު އިންޑިއާގައި ހަރަކާތްތެރިވި އިސްލާމީ ލީޑަރުންގެ ބާރުއެޅުމާއެކު މުސްލިމުންނަށް ވަކި ގައުމެއް އުފެއްދުމަށް އިނގިރޭސީންނާއި އިންޑިއާއާ ދެމެދު އެއްބަސްވެވުނެވެ. އިނގިރޭސީން 1947 ގައި އިންޑިއާއިން ފައިބައިގެން ދިޔައީ ޕާކިސްތާނުގެ ނަމުގައި މުސްލިމުންނަށް ވަކި ގައުމެއް އުފަންކޮށްފަ އެވެ. އިންޑިއާގެ ބެންގޯލްއަކީ މުސްލިމުންގެ ބޮޑު އާބާދީއެއްކަމުން, ބެންގޯލްގެ ސަރަހައްދަކީވެސް ޕާކިސްތާނުގެ މައި ރަށްތަކާ ވަކިން އޮތް, ޕާކިސްތާނުގެ ބައެއް ކަމުގައި ނިންމައި އެ ސަރަހައްދަށް އިރުމަތީ ޕާކިސްތާނުގެ ނަމުން ނަން ދެވުނެވެ.

ޕާކިސްތާނަށް ނިސްބަތްވީ ނަމަވެސް, މުޅިން ވަކިން އޮތް އިރުމަތީ ޕާކިސްތާނުގައި ފުރަތަމަ ދުވަހުން ފެށިގެންވެސް އޮތީ ވަކިވެގަތުމުގެ ރޫހެކެވެ. އޭގެ ސަބަބުތައް ގިނަގުނަ އެވެ. ޕާކިސްތާނަށް ނިސްބަތްވާ ބިންތަކުގެ ތެރެއިން އުފެދުނުއިރުވެސް އެންމެ އާބާދީ ބޮޑީ ބެންގޯލް ނުވަތަ އިރުމަތީ ޕާކިސްތާނުގައި ކަމަށް ވީނަމަވެސް ވެރިކަން ހިންގުމުގެ މައި ބިންކަމުގައި ބެލީ މިހާރުގެ ޕާކިސްތާނެވެ. މުޅިން ވަކިން އޮތް އިރުމަތީ ޕާކިސްތާނާ އަޅާނުލެވި, ގުޅުން ކުޑަވުމުގެ ސަބަބުން ފުރަތަމަ ދުވަހުން ފެށިގެންވެސް ކަންކަން ދިޔައީ ގޯހުން ގޯހަށެވެ. އާބާދީގެ އަގުލަބިއްޔަތު މީހުންގެ ދީނީ އަގީދާއަށް ބަލައި އުފެއްދި ވަކި ގައުމެއްގެ ވަކިން އޮތް ރަށެއްކަމުގައި ބެންގޯލް ހެދުމަކީ އެއްގޮތަކުން ބަލާއިރު އިނގިރޭސީން އިންދި ފިތުނައިގެ އޮށެއް ކަމުގައިވެސް ދެންނެވިދާނެ އެވެ.

ޕާކިސްތާން އުފެދުނުތާ އަހަރު ދުވަހުގެ ތެރޭގައި ބެންގޯލް ނުވަތަ އިރުމަތީ ޕާކިސްތާނާއި ޕާކިސްތާނުގެ މައި ސަރުކާރާ ދެމެދު ފުރަތަމަ މައްސަލަ އުފެދުނެވެ. ޕާކިސްތާނުގެ ރަސްމީ މުއާމަލާތްތަކުގައި ބޭނުންކުރާ ބަހެއްގެ ގޮތުގައި ބެންގޯލް ބަސް ބޭނުންކުރުމަށް މައި ސަރުކާރުން އިއުތިރާޒުކުރުމުން, އެކަމުގައި އިހުތިޖާޖުކުރުމަށް ފެށި ހަރަކާތްތައް ފުޅާކުރެވި, ބެންގޯލީ ލެންގްވިޖް މޫވްމަންޓް ފެށުނެވެ. ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ބެންގޯލް ބަހުން ވާހަކަ ދެއްކުން މަނާކުރުމަށް ޕްރައިމް މިނިސްޓަރު ލިޔާގަތު އަލީ ހާން އިއުތިރާޒުކުރުމުން މި ހަރަކާތް އިތުރަށް ފުޅާކުރެވިގެން ދިޔަ އެވެ. އޭނާ ޑާކާއަށް ކުރި ޒިޔާރަތުގައި ޑާކާ ޔުނިވަސިޓީގެ ދަރިވަރުން އެދުނީ އެ ޔުނިވަސިޓީގެ ރަސްމީ ބަހުގެ ގޮތުގައި ބެންގޯލްބަސް ބޭއްވުމަށެވެ. އެހެންނަމަވެސް އެކަމަށް އިޖާބަނުދިނުމާއި, ޕާކިސްތާނުގެ ގަވަރނަރ ޖެނެރަލް, މުހައްމަދު އަލީ ޖިންނާ ޑާކާގައި ތަގުރީރު ކުރައްވަމުން, އުރުދޫ ބަސް ނޫން އެހެން ބަހެއް ބޭނުންކުރުމަށް ބާރުއަޅާ މީހުންނަކީ ގައުމުގެ ގައްދާރުންކަމަށް ވިދާޅުވުމުން މައްސަލަ އިތުރަށް ގޯސްވި އެވެ. އޭގެ ފަސް އަހަރު ފަހުން, 1952 ގައި ބެންގޯލް ލެންގްވިޖް މޫވްމަންޓް އުފެދުނެވެ. މި ހަރަކާތުގެ އާހިރު އަމާޒަކަށް އޮތީ ވަކި ދައުލަތެއް އުފައްދައިގެން ނަމަވެސް ބަސް ހިމާޔަތްކުރުމެވެ.

ޕާކިސްތާނުގެ މައި ސަރުކާރާ ހިނގަމުންދިޔަ ފިނި ހަނގުރާމައިގެ ހުޅު ފަޅައިގެން ދިޔައީ 1971 ގައި ބަންގްލަދޭޝް ލިބަރޭޝަން ހަނގުރާމަ ފެށުމާ ގުޅިގެންނެވެ. މިއީ އިރުމަތީ ޕާކިސްތާނުގެ ހަތިޔާރު އެޅި ގުރޫޕުތަކާއި ޕާކިސްތާނުގެ މައި ސަރުކާރާ ދެމެދު ކުރެވުނު ހަނގުރާމަ އެކެވެ. އެއްކޮޅުން, އަމިއްލަ ބަހާއި މިނިވަންކަމުގެ ދިފާއުގައި އިރުމަތީ ޕާކިސްތާނުގެ ޖަމާއަތްތަކުން ހަނގުރާމަކުރަމުން ގެންދިޔައިރު ޕާކިސްތާނުގެ މައި ސަރުކާރުގެ ސިފައިން ހަނގުރާމަކުރަމުން ގެންދިޔައީ ގައުމުގެ ބިމުން ވެލިފުކެއްވެސް ދޫކޮށްނުލުމުގެ ނިޔަތުގަ އެވެ. ހަނގުރާމައިގައި އިންޑިއާއިން ވާގިދިނީ އިރުމަތީ ޕާކިސްތާނަށެވެ. ނަތީޖާއެއްގެ ގޮތުން ޕާކިސްތާނަށް މަޖުބޫރުވީ ހަތިޔާރު ބަހައްޓައި އިރުމަތީ ޕާކިސްތާނާއެކު އެއްބަސްވުމަކަށް އައުމަށެވެ. ހަނގުރާމަވެރިންގެ ޑިމާންޑަކަށްވީ އޭރު ޕާކިސްތާނުގެ ޖަލުގައި ބަންދުކުރެވިފައިހުރި އެމީހުންގެ ލީޑަރު, ޝައިޚު މުޖީބުއްރަހުމާނު މިނިވަންކުރުމާއި, އިރުމަތީ ޕާކިސްތާނަކީ ވަކި ދައުލަތެއްގެ ގޮތުގައި ގަބޫލުކުރުމެވެ. މިއެއްބަސްވުމަށް އާދެވުމުން އިރުމަތީ ޕާކިސްތާން ބަދަލުވީ ބަންގްލަދޭޝް ނުވަތަ ބެންގޯލް ބަހުން ވާހަކަ ދައްކާ މީހުންގެ ގައުމަށެވެ.

ހަނގުރާމަ ނިމުނުއިރު ބަންގްލަދޭޝްގެ ތިންލައްކަ ހަނގުރާމަވެރިން ‘ޝަހީދުވި’ކަމަށް ބަންގްލަދޭޝްގެ އައު ސަރުކާރުން އިއުލާނުކުރި އެވެ. އެއާއެކު އެ ހަނގުރާމައިގައި ޝަހީދުވީ މީހުންގެ އާއިލާތަކަށް ބޮޑެތި އިނާޔަތްތައް ދިނުމަށް ކަނޑައެޅުނުއިރު, ސަރުކާރުގެ ވަޒީފާތަކުގެ ތިރީސް އިންސައްތަ ހާއްސަކުރާނީ ހަނގުރާމައިގައި ބައިވެރިވީ މީހުންނަށް ކަމަށްވެސް ކަނޑައެޅުނެވެ. އޭގެ އަހަރުތަކެއްފަހުން އެ އުސޫލު މުރާޖައާކުރެވި, ހަނގުރާމައިގައި ބައިވެރިވީ މީހުންގެ ދަރީންނާއި ދަރީންވެސް އެ މަންފާގައި ޝާމިލުކުރުމަށް ސަރުކާރުން ނިންމި އެވެ.

ބަންގްލަދޭޝްގެ ސަރުކާރު ވަޒީފާތައް ދިނުމުގައި ކޯޓާ ސިސްޓަމަށް ވަރަށް ބޮޑަށް ބަރޯސާވެވެ އެވެ. މިނިވަންކަމުގެ ހަނގުރާމައިގެ ބަތަލުންނަށް ވަޒީފާތަކުގެ ތިރީސް އިންސައްތަ ކަނޑައެޅިފައިވާއިރު, ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި, މީހުން މަދު ނަސްލުތަކަށްވެސް ވަކި އިންސައްތައެއްގެ ވަޒީފާ ހާއްސަކުރެވިފައި ވެއެވެ. ސަރުކާރުގެ ވަޒީފާތަކުގެ އެކު ޖުމުލަ 56 އިންސައްތައަކީ ކޯޓާ ސިސްޓަމުގެ ތެރެއިން ދެވޭ ވަޒީފާތަކެވެ. އެ ވަޒީފާތައް ކަނޑައެޅިފައިވާ ގިންތިތަކުން ބޭރުން ކިތަންމެ ގާބިލު މީހަކު އަޔަސް އެ މީހަކަށް ސަރުކާރުގެ ވަޒީފާއެއް ލިބުމުގެ ފުރުސަތު ދިޔައީ ހަނިވަމުންނެވެ.

ބަންގްލަދޭޝްއިން ކަނޑައެޅި ކޯޓާ ސިސްޓަމާ ދެކޮޅަށް އެކި ފަހަރުމަތިން އިހުތިޖާޖު ކުރެވިފައި ވެއެވެ. އެހެންނަމަވެސް ބަންގްލަދޭޝް ސަރުކާރުން ދެކޭ ގޮތުގައި އެއީ ގައުމުގެ މިނިވަންކަމަށް ހަނގުރާމަކުރި ބަތަލުންގެ އާއިލާތަކަށް ވެވޭ ހިޔާނަތަކަށް މެނުވީ ނުވާނެ އެވެ. އެހެންވެ އެ ނިޒާމުގެ އެއްވެސް މިންވަރެއް މުރާޖައާކުރުމަށް ބަންގްލަދޭޝްގެ ސަރުކާރުން ދިޔައީ އިއުތިރާޒުކުރަމުންނެވެ. އެހެންނަމަވެސް 2018 ވަނަ އަހަރު ސަރުކާރަށް މަޖުބޫރުވެގެން އެ ނިޒާމު ހުއްޓާލުމުން ‘ޝަހީދުންގެ އާއިލާތަކުން’ ބަންގްލަދޭޝްގެ ހައިކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. އެ މައްސަލައިގައި ނިޔާ ކަނޑައެޅުނީ މިއަހަރުގެ ޖޫން މަހު އެވެ. ހައިކޯޓުގެ ނިންމުމުގައި ކަނޑައަޅާފައި ވަނީ ކޯޓާ ސިސްޓަމް ހުއްޓާލުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމުގަ އެވެ. އެހެނީ އެ ނިޒާމު އެކަށައެޅިފައި އޮތީ ގައުމުގެ ދުސްތޫރުންނެވެ.

ބަންގްލަދޭޝްގެ ސަރުކާރުން ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ. އެހެންނަމަވެސް އެ ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ދަރިވަރުންގެ ޔޫނިއަންތަކުން މުޒާހަރާކުރަން ފެށި އެވެ. މި މުޒާހަރާތަކަށް ބަންގްލަދޭޝްގެ ސަރުކާރުން ކުރިމަތިލީ ވަރަށްވެސް ހަރުކަށި ކޮށެވެ. ބޮޑުވަޒީރު ޝައިހު ހަސީނާ ސިފަކުރި ގޮތުގައި މުޒާހަރާކުރާ ދަރިވަރުންނަކީ ބަންގްލަދޭޝްގެ މިނިވަންކަމަށް މަސައްކަތްކުރި ހަނގުރާމަވެރިންގެ މަރުގެ ޒިންމާ އުފުލަންޖެހޭ, ޕާކިސްތާނުގެ އަނިޔާވެރި ސިފައިން ފަދަ ބައެކެވެ. ބޮޑުވަޒީރުގެ މި ބަސްފުޅުގެ ސަބަބުން މަސްރަހު އިތުރަށް ގޯސްވެގެން ދިޔައީ އެވެ.

ބަންގްލަދޭޝްގެ މުޒާހަރާތައް ނުހުއްޓި އަދިވެސް ކުރިއަށްދާއިރު އެ ހަމަނުޖެހުންތަކުގައި މިހާތަނަށް 200 މީހަކު މަރުވެއްޖެ އެވެ. ފަނަރަސަތޭކައަށްވުރެ ގިނަ ދަރިވަރުން ހައްޔަރުކޮށްފި އެވެ. އެކި ފަންނުތަކުގެ މަސައްކަތްތެރިން މަސަައްކަތް ހުއްޓާލައި އިހުތިޖާޖު ކުރަމުން ގެންދާއިރު, މުޅި ބަންގްލަދޭޝް އޮތީ ހުއްޓިފަ އެވެ.

މިނިވަން ގައުމެއްގެ ގޮތުގައި އެކަށައެޅުނު ދުވަހުން ފެށިގެން މިހާނަތަށްވެސް ބަންގްލަދޭޝްއަށް ހަމަޖެހުމެއް ލިބިފައެއް ނެތެވެ. ސިޔާސީ މައި ދެ ޕާޓީގެ ކޯޅުންތަކާހެދު ގައުމު އަބަދުމެ އޮންނަނީ ހައިޖާނެއްގަ އެވެ. މުޅި ގައުމުގައި އޮތީ ކާފިއު އިއުލާނުކުރެވިފަ އެވެ. ބޮޑުވަޒީރު ޝައިހް ހަސީނާ ހަތަރުވަނަ ފަހަރަށް ބޮޑުވަޒީރުކަން ކުރައްވަމުން އެ ގެންދަވަނީ ވާދަވެރިކަމެއް ނެތި ކުރިއަށް ދިޔަ އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ. އޭރު އިދިކޮޅު ހުރިހާ ޕާޓީތަކުން އިންތިހާބު ބޮއިކޮޓް ކުރީ އެވެ. ހަސީނާގެ މުށު ތެރޭގައި އޮތް ދައުލަތަކުން ބާއްވާ އިންތިހާބެއްގައި ބައިވެރިނުވުމަށް އޭރު ނިންމި ނިންމުމުގެ ނަތީޖާއަކަށްވީ ހަސީނާއަށް އޭނާގެ މަގާމު ދިފާއު ކުރެވުމެވެ. މިހާރު ހިނގަމުން މިދާ މުޒާރަހާތަކަކީ އިދިކޮޅު ހުރިހާ ޕާޓީއެއްގެ ތާއީދު އޮތް މުޒާރަހާތަކެކެވެ. އެހެންކަމުން, ހިނގަމުންދާ މުޒާހަރާތަކާއި ހަމަނުޖެހުންތަކަށް ހިނދުކޮޅެއްގެ ހުއްޓުމެއް އަޔަސް, މި ހަރަކާތްތަކުން ނެރޭނޭ އާހިރު ނަތީޖާއަކަށް ވާނީ ހަސީނާގެ ވެރިކަން ވައްޓާލުމެވެ. އެ ހިސާބަށް ދެވޭއިރު ކުށެއް ނެތް އެތައް މައުސޫމަކު ގަތުލުވެ އެތައް އާއިލާއެއް ބިކަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox