މެންޗެސްޓާ (ޖުލައި 23) - މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމަށް ނިންމުމުގައި އެ ޓީމުގެ ކުރީގެ ޑިފެންޑަރު ރިއޯ ފާޑިނާންޑްގެ ދައުރެއް އޮތް ކަމަށް ޔުނައިޓެޑާ އަލަށް ގުޅުނު ފްރާންސްގެ ޒުވާން ޑިފެންޑަރު ލެނީ ޔޯރޯ ބުނެފި އެވެ.
ފްރާންސްގެ ލިލް އަށް ކުޅެމުންދިޔަ ޔޯރޯ ،18، ގެންދަން ޔޫރަޕްގެ ބޮޑެތި ބައެއް ކްލަބުތަކުން މަސައްކަތްކުރި ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ. އޭގެ ތެރޭގައި ސްޕެއިންގެ ރެއާލް މެޑްރިޑް އާއި ފްރާންސްގެ ޕީއެސްޖީ ވެސް ހިމެނެ އެވެ.
އެކަމަކު، ޔޯރޯ ގެންދަން ކުރި މަސައްކަތް ކާމިޔާބުކުރީ ޔުނައިޓެޑުންނެވެ. ޔުނައިޓެޑުން ވަނީ 52 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއަކަށް ޔޯރޯ އެ ޓީމަށް ގެނެސް، އޭނައާ އެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދައިފަ އެވެ.
ޔޯރޯ ބުނީ ޔުނައިޓަޑަށް ބަދަލުވާން ނިންމުމުގެ ކުރިން އެ ޓީމުގެ ކުރީގެ ޑިފެންޑަރު ފާޑިނާންޑް އޭނާ އަށް ގުޅި ކަމަށެވެ. އަދި ފާޑިނާންޑް ދެއްކި ވާހަތަތަކުގެ ސަބަބުން ގޮތް ނިންމުމަށް ފަސޭހަވެގެންދިޔަ ކަމަށެވެ.
"މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ފާޑިނާންޑް ގުޅައިގެން ވާހަކަދެއްކި. ޔުނައިޓެޑާ ގުޅޭގޮތުން 10 ވަރަކަށް މިނިޓުވަންދެން އޭނާ ވާހަކަދެއްކި. ގޮތް ނިންމުމަށް ފަސޭހަވި ފާޑިނާންޑްއާ ވާހަކަދެއްކުމުން،" ޔޯރޯ ބުންޏެވެ.
"ކްލަބުގެ ތާރީހާ ގުޅޭގޮތުންވެސް އޭނާ ވަރަށް ވާހަކަދެއްކި. މުހިންމު ވާހަކަތަކެއް އެއީ."
ޔުނައިޓެޑަށް ބަދަލުވުމަށް ފަހު، ޔޯރޯ ވަނީ އެ ޓީމުގެ ޕްރީ ސީޒަން ޓުއާގައި ސްކޮޓްލޭންޑްގެ ރޭންޖާސްއާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅެފަ އެވެ. އެ މެޗުގައި ޔޯރޯ ދެއްކި ކުޅުމަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ.












