މާސޭ (ޖުލައި 18) - މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މޭސަން ގްރީންވުޑް, ފްރާންސްގެ މާސޭ އަށް ބަދަލުވާން ނިންމާ އެ ކުލަބްގެ މެޑިކަލް ފުރިހަމަ ކޮށްފި އެވެ.
ގްރީންވުޑް، 22، މާސޭ އަށް ވިއްކާލަން ޔުނައިޓެޑުން ވަނީ އެ ކްލަބާ އެކު، 33 މިލިއަން ޑޮލަރުގެ ޑީލެއް އެއްބަސްވެފަ އެވެ. އެކަމަކު, ގްރީންވުޑް މާސޭ އަށް ނުގެންދިޔުމަށް އެ ސިޓީގެ މޭޔަރު ޕަޔާން ވަނީ އެދިލައްވާފަ އެވެ. އެކަމަކު, މާސޭ އިން ވަނީ މޭޔަރުގެ ވާހަކަ އަށް ބީރު ކަންފަތެއްދީ ގްރީންވުޑް ގެ ޑީލާ އެކު ކުރިއަށް ގޮސްފަ އެވެ.
މާސޭ އިން ވަނީ ގްރީންވުޑްގެ ދިފާއުގައި އޭނާ އަކީ ކުށެއް ކުރިކަން ސާބިތުވާ ކުޅުންތެރިއެއް ނޫން ކަމަށް ބުނެފަ އެވެ.
މުސްތަގުބަލު އުޖާލާ ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދިޔަ، ގްރީންވުޑަށް ޔުނައިޓެޑުން ފުރުސަތު ގެއްލުނީ، ގެވެށި އަނިޔާ މައްސަލައެއްގައި އޭނާ ތާށިވި ހިސާބުންނެވެ. އެ މައްސަލަ މިހާރު ކޯޓުން ބޭރުކޮށްލާފައިވާއިރު، ޔުނައިޓެޑުން ވަކިން އެ މައްސަލަ ބަލައި، ގްރީންވުޑަށް އެޅި ފިޔަވަޅަކީ، އެ ކްލަބުން ޖާގަ ނުދިނުމެވެ. އަންނަ ޖޫން މަހުގެ ނިޔަލަށް ޔުނައިޓެޑާ އެކު ކޮންޓްރެކްޓްގައި ހުރި ގްރީންވުޑްގެ ސޮއި ހޯދަން ގިނަ ކްލަބްތަކުން ވާހަކަ ދައްކަ އެވެ.
މިދިޔަ ސީޒަނުގައި ގްރީންވުޑް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެފައިވަނީ، ސްޕެއިނުގެ ގެޓަފޭ އަށެވެ. ގެޓަފޭ އިން އޭނާގެ ކޮންޓްރެކްޓް ދާއިމީ ނުކުރީ، ޔުނައިޓެޑުން ކިޔާ އަގުބޮޑުވުމުންނެވެ.












