މޮރިޝަސްގައި އިއްޔެ ފެށި ފެލޭޓް މޮރިޝަސް އިންޓަނޭޝަނަލް މުބާރާތުގައި ރިވައިވަލް ސްޕޯޓްސް ކްލަބާ ދާދި ފަހުން ގުޅުނު ހަސަން ޒަޔާން ތާރީހީ ކުރިއެރުމެއް ހޯދައިފި އެވެ.
އެ ގޮތުން، ހަސަން ޒަޔާން ވަނީ، ކޮލިފައިން ބުރުގެ ފުރަތަމަ މެޗުން މޮޅުވެފަ އެވެ. އެއީ، މޮރިޝަސްގެ ޖެފްރޭ ޖޯސެފްއާ ވާދަކޮށް، 21-12، 21-12 އިންނެވެ. އެކަމަކު، ކޮލިފައިން ދެ ވަނަ މެޗުގައި އިންޑިއާގެ އަދިތުޔާ ބަޕިނީޑޫ އަތުން ހަސަން ޒަޔާން ބަލިވީ، 21-11، 21-06 އިންނެވެ.
މިއީ ބައިނަލްއަގުވާމީ މެޗަކުން ހަސަން ޒަޔާން މޮޅުވި ފުރަތަމަ ފަހަރު ކަމަށްވާތީ އޭނާ ހުރީ މި މުބާރާތުގެ މި ފެށުމާ މެދު ޕޮޒިޓިވްކޮށް ވިސްނައިގެންނެވެ. އޭނާ ވަނީ މި މުބާރާތުގެ ކުރިން ރިވައިވަލް ސްޕޯޓްސް ކްލަބުން އޭނާ އަށް މެލޭޝިއާގައި ހަަމަޖައްސައިދިން ޓްރެއިނިން ފުރުސަތާ މެދު ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.
ހަސަން ޒަޔާން ވަނީ ޒަޔާން ޒަކީއާ އެއް ޕެއާއެއްގައި ވާދަކޮށް، ފިރިހެން ޑަބަލްސް އިން ގަދަ 16 ބުރަށް ދަތުރުކޮށްފަ އެވެ. އެއީ އިއްޔެ ކުޅުނު މެޗުން މޮޅުވެގެންނެވެ. އެ ގޮތުން، ދެ ޒަޔާންގެ ޕެއާ އިން މޮރިޝަސްގެ ވެޑް ކަލީޗާން އާއި ކެލެން މުނިސާމީގެ ޕެއާ ބަލިކުރީ، 21-05، 21-08 އިންނެވެ.
ގަދަ 16 ބުރުގައި ވެސް ދެ ޒަޔާންގެ ޕެއާ ކުޅެން ޖެހޭނީ، މޮރިޝަސްގެ ޕެއާއަކާ ދެކޮޅަށެވެ. އެއީ، ޕްރަނަވް ބައުގީރޮތީ އާއި ތޭޖަސް ސާވޫގެ ޕެއާއާ އެވެ.
ރާއްޖޭގެ ޒަޔާން ޒަކީ ވަނީ ފިރިހެން ސިންގަލްސްގެ މެއިން ޑްރޯގައި ވާދަކޮށްފަ އެވެ. ގަދަ 32 ކުޅުންތެރިންގެ ބުރުގައި ވާދަކޮށް، ޒަޔާން ޒަކީ ބަލިވީ، ޖަޕާންގެ ޑައިގޯ ޓަނިއޯކާ އަތުންނެވެ. ސެޓުތައް ދިޔައީ، 21-06، 21-08 އިންނެވެ.












