ސަރުކާރުން މި ވަގުތު އަހައްމިއްޔަތުކަން ދެނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ހުރި މައްސަލަތައް ހައްލުކޮށް ކުރިއަށްދެވޭނެ ގޮތެއް ހޯދުމަށް ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ އެންމެ ފަހުން އިންތިހާބުކުރި ހިންގާ ބޯޑު އިންތިހާބު ކުރީ 2021 ވަަނަ އަހަރުގެ ފެބްރުއަރީ 24 ގަ އެވެ. އެ ހިންގާ ބޯޑު ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރީ، 2021، މާޗް 11 ގަ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގުމާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނައިރު، ސްޕޯޓްސް ކޮމިޝަނަރު، މުހައްމަދު ތޮލާލް، ބެޑްމިންޓަން އިންތިހާބު ފަސްކުރަން ލަފާދެއްވީ، އަސާސީ ގަވާއިދުގައި ހުރި މައްސަލަތައް ހައްލުކޮށް އިންތިހާބު ބޭއްވުމަށެވެ. އެއީ، މިދިޔަ އޭޕްރީލް މަހު އިންތިހާބު ބާއްވަން އުޅެނިކޮށެެވެ. އިންތިހާބު ބާއްވަން އޮތް ދުވަހު، އެސޯސިއޭޝަނުން އިންތިހާބު ފަސްކުރީ ބޭއްވޭނެ މާހައުލެއް ނެތް ކަމަށް ބުނެ އެވެ.
ކޮމިޝަނާ އޮފް ސްޕޯޓްސް އިން ކަންކަން އިސްލާހުކޮށް އިންތިހާބަކާ ހަމައަށް ދިއުމަށް ދެ ފަހަރެއްގެ މަތިން ދިން ފުރުސަތުގެ މުއްދަތު ހަމަވިއިރު ވެސް، ދިން ލަފަޔާ އެއްގޮތަށް ބެޑްމިންޓަން އެސޯސިއޭޝަންގެ އެންމެ ފަހުން އޮތް ހިންގާ ކޮމިޓީން އެއްވެސް ކަމެއް ނުކުރެ އެވެ. ބެޑްމިންޓަން އެސޯސިއޭޝަންގެ އެންމެ ފަހުގެ ހިންގާ ކޮމިޓީގެ މެމްބަރުން، މިހާރު އެ އެސޯސިއޭޝަން ތަމްސީލް އެ ކުރަމުންދަނީ މުއްދަތު ހަމަވެފައި އޮއްވަ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން އަންނަ މަހު މާލޭގައި 12-18 އަށް އިންޓަނޭޝަނަލް ޗެލެންޖް މުބާރާތް ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ. ޖުމްލަ، 15000 ޑޮލަރުގެ ފައިސާގެ އިނާމެއް ދޭން ލިސްޓުކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމަށް، އަދިވެސް އޮތީ މި މަހު 16 އާ ހަމައަށް އެންޓްރީ ހުޅުވާލައިފަ އެވެ.
މުއްދަތު ހަމަވެފައި އޮތް ހިންގާ ކޮމިޓީ އަކުން، ބައިނަލްއަގުވާމީ މުބާރާތެއް ބާއްވަން އުޅޭއިރު، އެކަމާ ގުޅޭގޮތުން، "އަދަދު" އިން ސްޕޯޓްސް މިިނިސްޓަރު، ރާފިއުއާ ސުވާލުކުރުމުން، އޭނާ ވިދާޅުވީ، "ހާލަތު ވަރަށް ރަނގަޅަށް ބެޑްމިންޓަން އެސޯސިއޭޝަނަށް އަންގާފައިވާނެ" ކަމަށެެވެ.
ބެޑްމިންޓަން އިންތިހާބާ ގުޅޭ މައްސަލަ ހައްލުނުވަނިސް ދެން ސަރުކާރުން ބެޑްމިންޓަން އެސޯސިއޭޝަނަށް ސަޕޯޓް ނުދޭނެތޯ އެހުމުން، ރާފިއު ވިދާޅުވީ، ކުރިއަށް ދެވޭނެ ގޮތެއް ހޯދުން މި ވަގުތަށް މުހިންމު ކަމަށެވެ. އަދި މި ވަގުތު އޮތް ހާލަތުގައި ސަރުކާރުން ބެޑްމިންޓަން އެސޯސިއޭޝަނަށް ސަޕޯޓް ނުދޭނެ ކަމަށް ރާފިއު ވިދާޅުވި އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ކޮމިޝަނާ އޮފް ސްޕޯޓްސް އަންނަނީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އާއި އެ ނޫން ވެސް ބައިނަލްއަގުވާމީ ފެޑެރޭޝަންތަކާ މަޝްވަރާ ކުރަމުންނެވެ.













