ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދަކީ ވަކި ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި ދިވެހި ހުރިހާ ރައްޔިތުންނަށް ހިދުމަތް ކުރާ ރައީސަކަށް ވެވަޑައިގަތުމެވެ.
ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމަށްފަހު ވެސް ރައީސް ތަކުރާރުކޮށް ވިދާޅުވަމުންދިޔައީ ވަކި ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި ހިދުމަތް ކުރައްވާނީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް ކަމަށެވެ.
"ކޮންމެ ސިޔާސީ ވިސްނުމެއްގައި ބަޔަކު ތިއްބަސް، އަޅުގަނޑުގެ ކުރިމަތީގައި ހުރިހާ ދިވެހި ރައްޔިތުން ހަމަހަމަ. އެ މީހެއްގެ ސިޔާސީ ވިސްނުމަކީ، އަޅުގަނޑަކަށް މުހިންމު އެއްޗެއް ނޫން. ކޮންމެ ރައްޔިތަކު، ކިތަންމެ އާބާދީ ކުޑަ ރަށެއްގައި ހުއްޓަސް، ކިތަންމެ އާބާދީ ބޮޑު ރަށެއްގައި ހުއްޓަސް އަޅުގަނޑަށް މުހިންމު،" ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ވެރިކަން ހިންގާ ޕާޓީއަށް ލިބުމުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މާޗް 9، ގައި ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު އަމަލު ކުރައްވަން ޖެހިވަޑައިގަންނަވާނީ ވެސް އެގޮތަށެވެ. ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގާއި ހިޔާލު ފާޅު ކުރުމުގެ ހައްގު ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ލިބިފައިވާއިރު އެކަންކަން ކަށަވަރު ކުރުމަކީ ރައީސް މުއިއްޒުގެ ވާޖިބެކެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އަދާކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތެކެވެ.
ނަމަވެސް މިހާރު ދިވެހިރާއްޖެއިން ފެންނަނީ އެ މަންޒަރެއް ނޫނެވެ. ފެންނަނީ އިދިކޮޅު ސިޔާސީ ފިކުރެއްގެ މީހަކު ކިރިޔާ ވެސް ކަމެއް ކޮށްލާއިރަށް އޭނާ އަދާ ކުރަމުންދިޔަ ސަރުކާރުގެ ވަޒީފާއިން ވަކި ކުރާ މަންޒަރެވެ. ހަމަ ސީދާ ވަކި ކުލައަކަށް ބެލުމަށްފަހު އެމީހަކާމެދު ސަރުކާރުން ދަނީ ތަފާތު ކުރަމުންނެވެ. ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ހިމާޔަތް ކުރުމުގެ ބަދަލުގައި ސަރުކާރުގެ ހިފާލާފައި ހުރީ ހައްގުތައް ނިގުޅައިގަތުމަށެވެ.
ކުލައަށް، ފިކުރަށް ބެލުމަށްފަހު ސަރުކާރުން ފިޔަވަޅު އެޅި ދިވެހިން
ކުރީގެ ފަސްޓް ލޭޑީއާ ބައްދަލު ކުރި މުލީއާގޭ މުވައްޒަފުން ވަކި ކުރުން
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދާ ބައްދަލު ކުރި ކަމަށް ބުނެ މި ސަރުކާރުން މުލީއާގޭގެ ތިން މުވައްޒަފަކު ޑިސެމްބަރު، 2023، ގައި ވަޒީފާއިން ވަކި ކުރި އެވެ.
އެ މުވައްޒަފުން ވަކި ކުރި އިރު ރައީސް މުއިއްޒާއި އެމަނިކުފާނުގެ އާއިލާ މުލީއާގޭގައި ދިރިއުޅުއްވަން ވެސް ނުފައްޓަވަ އެވެ.
މުލީއާގެއިން ވަކި ކުރީ ދެ އަންހެނަކާއި ފިރިހެން މުވައްޒަފެކެވެ. އޭގެ ތެރެއިން އެކަކީ ތެލަސީމިއާ ޕޭޝަންޓެއްގެ މަންމައެކެވެ.
"ވަޒީފާއިން ކަނޑާލި އެއް އަންހެނަކީ ކޮންމެ މަހަކު ޓްރާންސްފިއުޝަން ހަދަންޖެހޭ [ލޭ އަޅަންޖެހޭ] ތެލަސީމިއާ ކުއްޖެއްގެ މަންމަ. އެއީ ސިޔާސީ މުވައްޒަފެއް ނޫން،" އެ މުވައްޒަފުން ވަކި ކުރި މައްސަލައިގައި ފަޒްނާ ވިދާޅުވެފައިވެ އެވެ.
އެމްއެންޕީގެ ސްޓޭޓް މިނިސްޓަރަކު މަގާމުން ވަކި ކުރުން
މޯލްޑިވްސް ނެޝަނަލް ޕާޓީއަކީ ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޕާޓީއެކެވެ. ނަމަވެސް އެ ޕާޓީގެ މުވައްޒަފަކު ވެސް މި ސަރުކާރުން ވަނީ ހައްގު ސަބަބެއް ނެތި މަގާމުން ވަކިކޮށްފަ އެވެ.
މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ހުސެއިން އިސްމާއިލް މަގާމުން ވަކި ކުރީ ފެބްރުއަރީ، 2024، ގަ އެވެ.
ހުސެއިން މަގާމުން ވަކި ކުރިއިރު އެކަމުގެ އެއްވެސް ސަބަބެއް ވެސް ނުދައްކަ އެވެ. ފެބްރުއަރީ މަހު ވަޒީފާއިން ކަނޑާލިއިރު މަގާމު އޭނާއަށް މަގާމު ދިނީ ޖެނުއަރީ މަހެވެ.
"ރޭގެ 9:30 ގައި ކުއްޖަކު ގުޅާފައި ބުނީ މަގާމުން ވަކި ކޮށްފިޔޭ، އޭގެފަހުން ލިބުނު ސިޓީއެއް، އޭގައި އޮތީ ރައީސްއަށް [ގާނޫނު އަސާސީގެ] 115 ވަނަ މާއްދާގެ ދަށުން ލިބިފައިވާ ބާރުތަކުގެ ދަށުން މަގާމުން ވަކިކުރި ވާހަކަ، ސަބަބެއް ނޭނގޭ،" ވަޒީފާއިން ވަކި ކުރުމުން އިސްމާއިލް ވިދާޅުވެފައިވެ އެވެ.
އިދިކޮޅުގެ ޓިކެޓެއްގައި ވާދަ ކުރި މުވައްޒަފަކު ސަސްޕެންޑު ކުރުން
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަ ކުރި ހަސަން އިއާދު (އިއަޑޭ) އެޗްޑީސީގެ މަގާމެއްގައި ހުއްޓައި އޭނާ މަގާމުން ސަސްޕެންޑު ކުރީ އޭޕްރީލް، 2024، ގަ އެވެ.
އިއާދު ސަސްޕެންޑު ކުރީ އޭނާގެ ޑިސިޕްލިނަރީ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ އެވެ. ނަމަވެސް ބަލަމުންދަނީ ކޮން މައްސަލައެއް ކަމެއް އެޗްޑީސީން ނުބުނެ އެވެ. އިއާދު ބުނީ އޭނާ ވަކި ކުރީ "ސިޔާސީ ކަމެއްގައި" ކަމަށެވެ.
"[އީދު] ބަންދު ނިންމާފައި މިއަދު އޮފީހަށް ނުކުތީމަ އެޗްއާރުން ގުޅާފައި ގެންގޮސްފައި ސިޓީއެއް ދިނީ، އިތުރު އެއްވެސް މައުލޫމާތެއް ނުދޭ، ތަހުގީގު ކުރަނީ ކޮން މައްސަލައެއް ކަމެއް ނޭނގެ،" އިއާދު ބުންޏެވެ. "މިކަމަކީ ސިޔާސީ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ގަބޫލު ކުރެވެނީ، މިއީ ސިޔާސީ ކަމެއް."
ޒުހޫރު އެޗްޑީސީގެ ޗެއާމަންގެ މަގާމުން ވަކި ކުރުން
އެޗްޑީސީގެ އެންމެ އިސް ވެރިޔަކަށް މި ސަރުކާރުން އައްޔަން ކުރި އަހުމަދު ޒުހޫރު އެތަނުގެ ޗެއާމަންގެ މަގާމުން އަދި ބޯޑުން ވަކި ކުރީ މެއި، 2024، ގަ އެވެ.
ޒުހޫރު ވަކި ކުރި ސަބަބު އޭނާއަށް އަންގާފައެއް ނުވެ އެވެ. އެކަމަކު އޭނާ މަގާމުން ވަކި ކުރީ "ސިޔާސީ" މައްސަލައެއް ޖެހިގެން ކަމަށް ބުނެ އަޑުފެތުރުނެވެ.
ޒުހޫރަކީ މިނިސްޓަރުކަމާއި ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ކަމުގެ އިތުރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ޕީޕީއެމްގެ ކުރީ ސަރުކާރުގައި ވެސް ގިނަ މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ.
އެމްޑީޕީގެ ޕޯޑިއަމެއްގައި ކީރިތި ގުރްއާން ކިޔެވި މުވައްޒަފަކު ވަކި ކުރުން
އިދިކޮޅު އެމްޑީޕީގެ ޕޯޑިއަމެއްގައި ކީރިތި ގުރްއާން ކިޔަވައިގެން ވަޒީފާއިން ވަކި ކުރީ އެޗްޑީސީގެ މުވައްޒަފެއްގެ ގޮތުގައި ހުރި އަހުމަދު ޝާއިން އެވެ. އޭނާ ވަކި ކުރީ މި ހިނގާ ޖުލައި މަހުގެ ތެރޭގަ އެވެ.
ޝާއިންއަކީ އެޗްޑީސީގެ އޮޕަރޭޝަންސް އޮފިސަރެއްގެ މަގާމުގައި ހުރި މީހެކެވެ. މަގާމުން ކަނޑާލުމަށްފަހު އޭނާ ވަކި ކުރީ ވަޒީފާއަށް ފަރުވާ ކުޑަވެގެން ކަމަށް އެޗްޑީސީން ބައެއް މީޑިއާތަކަށް މައުލޫމާތު ދިނެވެ.
ނަމަވެސް ވަޒީފާއިން ކަނޑާލި މައްސަލައިގައި އޭނާ ގުޅުމުން އެޗްޑީސީގެ އޮފިޝަލަކު ބުނީ އޭނާ ވަކި ކުރީ ސިޔާސީ ކަމެއްގައި ކަމަށެވެ. އެ ފޯން ކޯލުގެ ރިކޯޑިން މިި ނޫހާ ޝާއިން ހިއްސާ ކުރި އެވެ.
"ކީއްކުރާނީ ބްރޯ، މިއީ ޕޮލިޓިކްސް، މަށާ ބެހޭ ކަމެއް ނޫން އިނގެ އެންނު ތިގޮތަށް ކަނޑާލަންޏާ ބްރޯއެއް ނޫނެއްނު މަ ކަނޑާލާނީކީ، ވަރަށް ބައިވަރު މީހުން އެބައުޅޭތާ ހަމަ އެއްގޮތަކަށް ވެސް އޮފީހަށް ނާންނަ މީހުން،" އެ ރެކޯޑިންގައި އެޗްޑީސީގެ އޮފިޝަލަކު ބުނާ އަޑު އިވެ އެވެ.
ޝާއިން ކަނޑާލި މައްސަލައިގައި ނޫސްތަކަށް ދޮގު މައުލޫމާތު ދިނީ ކުންފުނީގެ މޫނަމަތި ރީތި ކުރަން ކަމަށް ވެސް އެޗްޑީސީގެ އޮފިޝަލު އެ ފޯނު ކޯލުގައި ބުންޏެވެ.
ޕީއެންސީގެ ކެންޑިޑޭޓަކަށް ތާއީދުނުކޮށްގެން ފެނަކައިން ސަސްޕެންޑު ކުރުން
ފ. ބިލެތްދޫގައި ފެނަކައިން ހިންގާ އިންޖީނުގޭގެ ސްޓޭޝަން މެނޭޖަރުގެ މަގާމުގައި ހުރި އަހުސަން ހުސެއިން މަގާމުން ސަސްޕެންޑު ކުރީ ޖުލައި 4، ގަ އެވެ.
އަހުސަނ މަގާމުން ސަސްޕެންޑު ކުރިއިރު ބިލެތްދޫ ރަށު ކައުންސިލުގެ ރައީސްގެ މަގާމަސް ވާދަ ކުރާ ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދު ކުރުމަށް އެކި ގޮތް ގޮތުން ދިޔައީ މަޖުބޫރު ކުރަމުންނެވެ.
"އަހުސަންގެ މައްސަލައެއް ތަހުގީގުކުރަމުން ދާއިރު، އެއީ ކޮން ކަމެއް ވެސް އަންގާފައެއް ނެތް. ހަމައެކަނި ސަބަބެއް ކަމަށް އެންމެން ވެސް ގަބޫލު މި ކުރެވެނީ ޕީއެންސީގެ ކެންޑިޑޭޓަށް ތާއިދު ނުކުރުން. އަހުސަން އެ ކެންޑިޑޭޓަށް ތާއިދު ނުކުރާކަން އެންމެނަށް ވެސް އެނގޭ. ދެން ކުއްލިއަކަށް މިއައީ ސަސްޕެންޝަން،" މި ނޫހާ ވާހަކަ ދެއްކި މީހަކު ވަޒީފާގެ ބިރަށް ނަން ނުޖެހުމަށް އެދި ބުންޏެވެ.
މިނިސްޓަރު އާދަމް ރަމީޒުގެ ކޮއްކޮ ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނުން ވަކި ކުރުން
ސަސްޕެންޑުކޮށްފައި ހުރި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކޮއްކޮ އައިމިނަތު ޝީޒާ މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނުގެ ބޯޑުން ވަކި ކުރީ މި ޖުލައި މަހުގެ ތެރޭގަ އެވެ.
އާދަމް ރަމީޒަކީ ރައީސް މުއިއްޒުއާ އެންމެ ގާތްކޮށް މަސައްކަތް ކުރަމުންދިޔަ އެކަކެވެ. ނަމަވެސް މައްސަލައެއްޖެހިގެން އޭނާ އެކަހެރިކޮށްފައި ހުންނަތާ މިހާރު ދުވަސްތަކެއްވެއްޖެ އެވެ.
ރަމީޒުގެ ކޮއްކޮ ޝީޒާ މަގާމުން ވަކި ކުރިއިރު ރަމީޒުގެ ކުރީގެ އަންހެނުން ޝަމްނާޒް އަލީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުއްޓައި ސިހުރު ހެދި ކަމުގެ ތުހުމަތު އަޅުވައި ވަނީ ހައްޔަރުކޮށްފަ އެވެ.
ޝަމްނާޒްއާއެކު އޭނާގެ އަންހެން ކޮއްކޮއެއް ވެސް ހައްޔަރު ކުރި އެވެ. އާދަމް ރަމީޒު، ޝަމްނާޒް ވަރި ކުރީ ރައީސް މުއިއްޒު އޭނާ ދުރުކޮށްލި ފަހުންނެވެ.
ރަމީޒަށް މަސައްކަތެއް ކުރުވަން ނުޖައްސައި އޭނާ ދުރުކޮށްލިފަހުން އޭނާއާ ގުޅިން ހުރި ކަމަށް ސަރުކާރަށް ޝައްކު ކުރެވޭ ބައެއް އެހެން މީހުން ވެސް ވަޒީފާތަކުން އެކަހެރި ކުރަމުންދާ ކަމަށް މި ނޫހަށް މައުލޫމާތު ލިބެ އެވެ. އޭގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ވެސް ހިމެނެ އެވެ.
ރައީސްގެ ވައުދުތައް އަނެއްކާ ވެސް ވެގެންދިޔައީ ކަނޑުގައި އަޅާލި ރޮނގަކަށް
ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަތުމުގެ ކުރިން އަދި އެއަށްފަހު ވެސް ރައީސް ވަނީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ކިތަންމެ ވައުދަކާ ހިލާފުވެފަ އެވެ.
އޭގެ ތެރޭގައި ފްލެޓާއި ގޯތި ލިސްޓު ނުހުއްޓުވާނެ ކަމަށް ވިދާޅުވި ވިދާޅުވުމާއި މަސްވެރިން ކިރުވާ އަގު ދަށް ނުކުރާނެ ކަމަށް ވެވަޑައިގެންނެވި ވައުދާއި 700 އަށް ވުރެ ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަ ނުކުރައްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދާއި އިންޑިއާގެ މިލިޓަރީ ގައުމުން ބޭރު ކުރައްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދާއި ދަރިވަރުންގެ ޑޮލަރު ލިމިޓު ބޮޑު ކުރައްވާނެ ކަމަށް ވެވަޑައިގެންނެވި ހިމެނެ އެވެ.
މި ދުވަސްވަރު ރައީސް އެންމެ ބޮޑަށް ހިލާފުވެވަޑައިގަންނަވަނީ ރައްޔިތުންނަށް ހަމަހަމަކަމާއެކު ހިދުމަތް ކުރައްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދަށެވެ. ސިޔާސީ ގޮތުން އެއްވެސް ރައްޔިތަކާމެދު ތަފާތު ނުކުރުމަކީ ރައީސް މަޖިލިސް ކެމްޕެއިނުގެ ދުވަސްވަރު ވެސް ވަރަށް އިތުބާރާއެކު ދިވެހިންނަށް ދެއްވި ޔަގީންކަމެކެވެ.
"އެ ރައްޔިތަކު ނިސްބަތްވަނީ ކޮން ސިޔާސީ ފިކުރަކަށްތޯ ބެލުމަކީ، އަޅުގަނޑުމެންނަކަށް މުހިންމު ކަމެއް ނޫން. އިންތިހާބުގައި، ކެމްޕެއިންގައި އެކަން ހިނގާނީ. ވާދަވެރިކަމާއި ސިޔާސީ އެކިކަހަލަ ބަހުގެ ހަމަލާތަކާއި އެކި ކަހަލަ ބަހުސްތައް ހިނގާނެ. އެ ހިސާބުން އިންތިހާބުގައި ރައްޔިތުން ނިންމާ ގޮތް ނިމުނީމާ، ދެން އެ ރައްޔިތުން ހިޔާރުކުރާ މީހުން ކުރަންޖެހޭނެ ކަމަކީ، އެ މީހުންނަށް ވޯޓުދިން މީހުންނާއި، ވޯޓު ނުދިން މީހުން، ހަމަހަމަ ގޮތުގައި ދެކިގެން ހިދުމަތް ކުރުން. އެގޮތުގައި ކުރިއަށްދިޔުމަކީ، އަޅުގަނޑު ގަބޫލުކުރާ ހަމަ،" ފެބްރުއަރީ 19، ގައި ފުވައްމުލަކުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައިވެ އެވެ.
ޕީއެންސީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބުނު ފަހުން ވެސް ރައީސް ވަނީ ސިޔާސީ ނަޒަރަކުން އެއްވެސް ރައްޔިތަކަށް ނުބައްލަވާނެ ކަމަށް ވިދާޅުވެ ވައުދެއް ވެވަޑައިގެންފަ އެވެ.
"އަޅުގަނޑުގެ ކުރިމަތީގައި ކޮންމެ ދިވެހި ރައްޔިތަކު ވެސް ހަމަހަމަ. ކޮންމެ ޕާޓީއަކަށް ނިސްބަތްވިޔަސް އަޅުގަނޑަށް އެ ރައްޔިތަކީ މުހިންމު ރައްޔިތެއް. އެއިން ކޮންމެ ބޭފުޅަކާމެދު އަޅުގަނޑުގެ ހިތުގަ އޮތީ ލޯތްބާއި ގަދަރު. އެހެންވީމާ އެއްވެސް ބޭފުޅަކަށް ތަފާތެއް ނުކުރާނަން. އެބޭފުޅަކަށް އަޅާނެ ފިޔަވަޅެއް ނޯންނާނެ ސިޔާސީ ވިސްނުން ހުރި ގޮތަކުންނެއް،" އޭޕްރީލް 22، ގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
-
ހުރިހާ ސިޔާސީ ފިކުރަކަށް ވެސް ފުރުސަތު ދޭންޖެހެ އެވެ. ބޮޑުފެންވަޅުގޭ ސީދީ ވިދާޅުވެފައިވާ ގޮތަށް "މި ގުލްޒާރުގައި" ބުލްބުލްތަކާއި ކޮކާތަކަށް ވެސް އުޅެވެންޖެހެ އެވެ. ނޫނީ ހިނގާނީ އެއް ޕާޓީގެ ވެރިކަމެކެވެ. އެއްވެސް ފިކުރަކަށް ޖާގަ ނެތިއްޔާ އެފަދަ ނިޒާމަކަށް ކިޔާނީ ޑިކްޓޭޓާޝިޕެވެ.












