ޕެރިސް (ޖުލައި 10) - މެންޗެސްޓާ ޔުނައިޓެޑުން އެ ޓީމުގެ ފޯވާޑް، މޭސަން ގްރީންވުޑް، ފްރާންސްގެ މާސޭ އަށް ވިއްކާލަން އެއްބަސްވެފައި ވަނިކޮށް މާސޭގެ މޭޔަރު، ބެނޮއި ޕަޔާން އެ ޓްރާންސްފާއާ ދެކޮޅަށް އަޑުއުފުލައިފި އެވެ.
ގްރީންވުޑް، 22، މާސޭ އަށް ވިއްކާލަން ޔުނައިޓެޑުން ވަނީ އެ ކްލަބާ އެކު، 33 މިލިއަން ޑޮލަރުގެ ޑީލެއް އެއްބަސްވެފަ އެވެ. އެހެން ނަމަވެސް، ގްރީންވުޑް، މާސޭ އަށް ނުގެންނަން، މޭޔަރު، ޕަޔާން އެދިލެއްވުމާ އެކު، އެ ޑީލާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
އެ ގޮތުން، ޕަޔާން ވަނީ މާސޭގެ ރައީސް، ޕަބްލޯ ލޮންގޯރިއާ ގާތުގައި، ގްރީންވުޑް ސޮއިނުުކުރަން އެދޭނެ ކަމަށް އާރްއެމްސީ ރޭޑިއޯ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފަ އެވެ.
"ލަދުވެތި ކަމެއްގެ ތެރޭގައި އަހަރެންގެ ކްްލަބް ބެދޭކަށް އަހަރެންް ބޭނުމެއް ނޫން. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން،" ޕަޔާން ވިދާޅުވި އެވެ.
ޕަޔާން އެ އިޝާރާތްކުރެއްވީ، ގްރީންވުޑް މީގެ ކުރިން، ގެވެށި އަނިޔާއެއްގެ މައްސަލައިގައި ޖަލު ހުކުމެއް އައިސްފައިވާ ކަމުގެ މައްޗަށެވެ.
މުސްތަގުބަލު އުޖާލާ ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދިޔަ، ގްރީންވުޑަށް ޔުނައިޓެޑުން ފުރުސަތު ގެއްލުނީ، ގެވެށި އަނިޔާ މައްސަލައެއްގައި އޭނާ ތާށިވި ހިސާބުންނެވެ. އެ މައްސަލަ މިހާރު ކޯޓުން ބޭރުކޮށްލާފައިވާއިރު، ޔުނައިޓެޑުން ވަކިން އެ މައްސަލަ ބަލައި، ގްރީންވުޑަށް އެޅި ފިޔަވަޅަކީ، އެ ކްލަބުން ޖާގަ ނުދިނުމެވެ. އަންނަ ޖޫން މަހުގެ ނިޔަލަށް ޔުނައިޓެޑާ އެކު ކޮންޓްރެކްޓްގައި ހުރި ގްރީންވުޑްގެ ސޮއި ހޯދަން ގިނަ ކްލަބްތަކުން ވާހަކަ ދައްކަ އެވެ.
މިދިޔަ ސީޒަނުގައި ގްރީންވުޑް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެފައިވަނީ، ސްޕެއިނުގެ ގެޓަފޭ އަށެވެ. ގެޓަފޭ އިން އޭނާގެ ކޮންޓްރެކްޓް ދާއިމީ ނުކުރީ، ޔުނައިޓެޑުން ކިޔާ އަގުބޮޑުވުމުންނެވެ.












