އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލްއާންމުގައި ހާން ޔޫނިސް ސްކޫލަށް ހަމަލާދީ 30 މީހުން މަރާލައިފި އެވެ.
އިޒްރޭލުން ވައިގެ މަގުން ހަމަލާދިން އެ ސްކޫލަކީ ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ މީހުން ހިޔާވެހިކަން ހޯދަމުންދިޔަ ތަނެކެވެ.
އަލްޖަޒީރާއިން ބުނީ ފާއިތުވި ދުވަސްތަކުގައި ގާޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނަށް ނިސްބަތްވާ 77 މީހުން ވަނީ މަރާލާފައި ކަމަށެވެ.

އޭގެއިތުރުން، މިއީ ފާއިތުވެދިޔަ ހަތަރު ދުވަސް ތެރޭގައި އިޒްރޭލުން ހަމަލާދިން ހަތަރުވަނަ ސްކޫލެވެ. ހަމަލާދިނީ އެ ސަރަހައްދުތަކުން މީހުން ހުސްކުރަން އިންޒާރު ދިންތާ ދުވަސްތަކެއް ފަހުންނެވެ.
އިޒްރޭލުން ދެމުން އަންނަ ހަމަލާތަކާއި އިންޒާރުތަކުން ހާން ޔޫނިސް އަދި ގާޒާ ސިޓީން އެތައް ހާސް ބަޔަކު ވަނީ އެހެން ސަރަހައްދުތަކަށް ހިޖުރަ ކޮށްފަ އެވެ.
އޮކްޓޯބަރު 7، އިން ފެށިގެން އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމުގައި މިހާތަނަށް ފަލަސްތީނުގެ 38،200 އަށްވުރެ ގިނަ މީހުން ވަނީ މަރާލައިފަ އެވެ. އަދި 88.200 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.
ހަމަލާތައް މެދުކަނޑާލުމަށް އެއްބަސްވުމަކަށް ގެނައުމަށް މެދުއިރުމަތީ ގައުމުތަކުގެ އިތުރުން އެހެން ގައުމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެފަދަ އެއްބަސްވުމަށް އާދެވިފައި ނުވެ އެވެ.










