އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލްއާންމުގައި ގެދޮރު ގެއްލިގެން ހިޔާވެހިކަން ހޯދަން މުސްލިމުން ވަދެތިބި އދ. ގެ ސްކޫލަކަށް ވައިގެ މަގުން ހަމަލާދީ 16 މީހުން މަރާލައިފި އެވެ.
އަލްޖަޒީރާއިން ބުނީ ނުސައިރަތު ރެފިއުޖީ ކޭމްޕުގައި ހުންނަ އެ ސްކޫލަށް އިޒްރޭލުން ދިން ހަމަލާގައި 75 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ. އެ މީހުން އަލް އަގްސާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާއިރު، ހަމަލާގައި އިތުރު މީހުން ޒަހަމްވެފައިވޭތޯ، ނުވަތަ ޝަހީދު ވެފައިވޭތޯ ބެލުމުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދެ އެވެ.
މި ހަމަލާގައި ޒަހަމްވި މީހުން އަލް އަގްސާ ހޮސްޕިޓަލަށް ގެންދިޔުމުން އެ ހޮސްޕިޓަލް ވެސް މިހާރު ވަނީ ފުރިފަ އެވެ. އެހެންވެ، ފަރުވާ ދިނުމަށް ބޮޑެތި ގޮންޖެހުްތަކެއް ކުރިމަތިވެފައިވެ އެވެ.

ނުސައިރަތު ރެފިއުޖީ ކޭމްޕަށް އަމާޒުކޮށް އިޒްރޭލުން އެކި ފަހަރު މަތިން ހަމަލާތައް ދީފައިވާއިރު، ހަމަލާތަކުގައި ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ.
އދ. ގެ ސްކޫލަށް ދިން ހަމަލާއަށް ފަހު، ގާޒާއަށް ދިން އިތުރު ހަމަލާއެއްގައި ތިން މީހަކު މަރުވެ، 15 މީހުން ވަނީ ޒަހަމްވެފަ އެވެ.
އިޒްރޭލުން ހިންގަމުންދާ މި ގަތުލްއާންމުގައި ފަލަސްތީނުގެ 38،000 އަށްވުރެ ގިނަ މީހުން މިހާތަނަށް ޝަހީދުކޮށްލާފައިވެ އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ކަމާ ނުބެހޭ ކުޑަކުދިންނާއި އަންހެނުންނެވެ.










