އިޒްރޭލުގެ ޝޮޕިން ސެންޓަރެއްގައި އެ ގައުމުގެ ސިފައިންގެ މީހަކަށް ވަޅިން ހަމަލާދީ މަރާލައިފި އެވެ.
އިޒްރޭލު ފުލުހުން ބުނީ ހަމަލާގައި ދެ މީހަކަށް އަނިޔާވި ކަމަށާއި އޭގެ ތެރެއިން އެކަކު މަރުވެފައިވާއިރު، އަނެއް މީހާއަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
އެ ހަމަލާދިން ފަލަސްތީނަށް ނިސްބަތްވާ މީހާއަށް އެތަނުގައި ބަޑިން ހަމަލާދީ މަރާލާފައިވާއިރު، އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް އިޒްރޭލު ފުލުހުން ތުހުމަތު ކުރެ އެވެ.
މިހާތަނަށް އެ ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު ނަގާފައި ނުވެ އެވެ. ނަމަވެސް ފަލަސްތީނުގެ އިސްލާމިކް ޖިހާދު ގްރޫޕުން ވަނީ އެ އަމަލަށް ހިތްވަރު ދީފަ އެވެ.
އިޒްރޭލުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ހަމަލާދިން މީހާގެ އާއިލާގެ ބައެއް މީހުން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އެ މީހާގެ މަންމައާއި، ބޭބެ އަދި ދައްތަ ވެސް ހިމެނެ އެވެ.
އިޒްރޭލުގެ ނޫސްތަކުން ބުނީ އެ ހަމަލާއާ ގުޅިގެން ސަލާމަތީ ކަންކަން އިތުރަށް ވަނީ ވަރުގަދަ ކޮށްފަ އެވެ.
އިޒްރޭލުން ފަލަސްތީނުގައި މިދިޔަ އޮކްޓޯބަރު 7، އިން ހިންގަމުންދާ ގަތުލްއާންމުގައި ފަލަސްތީނުގެ 38،000 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކަމާ ނުބެހޭ އަންހެނުންނާއި ކުޑަކުދިންނެވެ.










