ވަގުފިނދަށް ބަދުރުވަ ލައިގަތުމާއި ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތު

އާޓްވޯކް: އިމްދާދު/ އަދަދު

އާޓްވޯކް: އިމްދާދު/ އަދަދު

ޖަންގަލީގެ ކާނާ ކައިކައި ފޫހިވެގެން މިނިކާވަގު އައު ރަހައެއް ތަޖުރިބާކޮށްލާންކަމަށް އޭގެ އިމުން ބޭރުވެ ހިނގަމުން ދަނިކޮށް މީހުން އުޅޭ އަވަށްގަނޑަކަށް ނުކުމެވިއްޖެ އެވެ. ރަށްބޭރުގައި މިނިވަންކަމާއެކު މަޖަލުގައި ކުޅެންއުޅުނު ކުދިން ދެކި، މިއިން ކުއްޖަކު ޝިކާރަކޮށްގެން ކާލައިފި އެވެ. ދިރިއުޅުމުގެ ވެއަތުވިހާތަނެއް ބޭކާރުވެގެން މިދިޔައީ މިހައި މީރު ކާނާއެއްގެ ރަހަ ނުދެކި ކަމަށް ހިތަށް ފެނި، މިނި މަހަށް މިސޮރުގެ ހިތް ދޫވެއްޖެ އެވެ. އޭގެ ފަހުން ކޮންމެ ދުވަހަކުވެސް އެ ސަހަރުން ކުޑަކުއްޖަކު ޝިކާރަކޮށް ކެއުމަކީ މިސޮރުގެ އާދައަށް ހަދައިފި އެވެ.

އެ އަވަށުގެ އެންމެންމެ މިކަމާ ކަންބޮޑުވެއްޖެ އެވެ. ރަސްގެފާނުގެ ގަނޑުވަރުގައި ނޯކިރީކުރާ މުސްކުޅި ދައިތައެއްގެ ހުރި ހަމައެކަނި މާމަ ދަރިފުޅާމެދު އެ ދައިތަގެ ކަންބޮޑުވުން ހުރީ އިންތިހާގަ އެވެ. ގަނޑުވަރުގެ މަސައްކަތަށް ދަނީ ގޭގެ ބޭރުން ތަޅުލައި، ކުޑަ މަންޖެ ގޭތެރޭގައި ފޮރުވާފަ އެވެ. އިރުޝާދު ދީފައި އޮންނަނީ ދައިތަ ގޭގެ ދޮރުގައި ދެ ފަހަރު ޖަހައި، "ގުނބޯގުނބޯ ގުނބުޓައްޔޯ" ގޮވާލުމުން މެނުވީ ދޮރު ނުހުޅުވުމަށެވެ. ދައިތަގެ އަމަލުތަކަށް ފާރަލައިގެން އަޑުއެހުމުން ވައްކަންކުރަން އޮތް މިނިކާވަގަށް އެއް ދުވަހަކު މިމަންޒަރު ފެނި، ދައިތަގެ 'ޕާސްވޯޑު' ލިބިއްޖެ އެވެ. އަނެއް ދުވަހު މިނިކާވަގުވެސް ހަމަ އެގޮތަށް ކަންކޮށް، ދޮރުހުޅުވުމުން ގެއަށްވަދެ ދައިތަގެ މާމަދަރިފުޅު ކާލައިފި އެވެ. އެވަރުންވެސް ބަނޑުނުފުރޭތީ ދައިތަވެސް ކާލައިގެން މެނުވީ ނުދާންކަމަށް ގޭތެރޭގައި އޮވެއްޖެ އެވެ.

ދައިތަ މަސައްކަތް ނިންމާފައި ގެއަށްއައިސް ޕާސްވޯޑުޖަހާލިއިރަށް މިނިކާވަގު ދޮރުހުޅުވައިފި އެވެ. ގޭތެރޭގެ ހާލަތު ދެކި, ވީގޮތް ދައިތައަށް ފިލައިފި އެވެ. ދައިތަގެ ދުވަސް ވެސް މި ދިޔައީ ކަމަށް ނިންމައި ބުންޏެވެ. ކަލޯ ވަގާ އެވެ. މަގޭ މާމަދަރި ނެތް ދުނިޔެއެއްގައި އުޅޭކަށް އަމުދަކުން މަށެއްވެސް ނުވިސްނަމެވެ. ކަލޯ މިއަދު ދާންވާނީ މަވެސް ކާލައިގެންނެވެ. އެކަމަކު ރަސްގެފާނުގެ ގަނޑުވަރުން މިއަދު މިގެނައި ސުރުވާކޮޅު ބޯލުމުގެ ފުރުސަތު ދޭންވާނެ އެވެ. މިއީ ކަމީރުކޮށްފައި އޮތް ބަކަރި ބޮލެކެވެ. މިވަރުގެ ސުރުވާއެއް މި ދުނިޔެއަކުން ނުލިބޭނެ އެވެ.

ދައިތަ މަރުގެ ތުންފަތްމަތީގައި ކުރި ވަސިއްޔަތް އަޑުއަހައި މިނިކާވަގު ހިތަށް އެރި އެވެ. މި ވާނީ ކަށަވަރުންވެސް މީރު ސުރުވާއަކަށެވެ. މިހެން ހިތައި މިސޮރުވެސް މި ސުރުވާއަށް ދަހިލަވައިފި އެވެ. ދައިތާ އެވެ. ތިޔަހެންނާ ތީގެ ސުރުވާކޮޅެއް ވާނީ ދޭށެވެ. ދައިތަ ބުނެ އެވެ. ކަލޯ ވަގާ އެވެ. މިއަކު މީހަކަށް ދޭނޭ އެއްޗެއް ނެތެވެ. ވަގު ކުރުނުކޮށް އާދޭސްކުރަން ފެށުމުން ދައިތަ ބުނެ އެވެ. ދީފާނަމެވެ. އެކަމަކު އަދި އިތުރަށް ކައްކާލަން ޖެހޭނެ އެވެ. އަދި ކަލޯމެންގެ އަނގަ ތިޔަ ހުންނަނީ އަމުދަކުން މިކަހަލަ ސުރުވާ ބޮވޭ ގޮތަކަށް ނޫނެވެ. އަހަރެން ބުނާ ގޮތަކަށް އޮންނާށެވެ. އޭރަށް ސުރުވާ ކޮޅެއް އަނގަޔަށް އަޅައިދޭނަމެވެ. މިނިކާވަގު އަނގަ ހުޅުވައިގެން އޮށޯތުމުން ދައިތަ އުނދުނަށް ހުޅުލައި ސުރުވާ ކައްކަން ފެށި އެވެ. އަނެއް އުނދުނަށްވެސް ހުޅުލައި ތެއްޔަކަށް ލޮއި އަޅައި އުނދައިފި އެވެ. ރަނގަޅަށް ދޮންވުމުން ދައިތަ ބުނެ އެވެ. ވަގާ އެވެ. އަނގަ ހުޅުވައިގެން އޮންނާށެވެ. މީގެ ހަގީގީ މީރުކަން ދެކޭން އެދޭނަމަ އެއްނޭވައިން އަރުން އެތެރެކޮށްލެވޭތޯ ބަލާންވާނެ އެވެ. ވަގު އަނގަ ހުޅުވާލުމާއެކު އުނދާފައި ހުރި ލޮއި ތެލި ނަގައި ވަގުގެ އަނގަޔަށް އޮއްސާލި އެވެ. ވަގު ތެޅިފޮޅިގަނެ ނުކުމެވުނު ގޮތަކަށް އެގެއިން ނުކުމެ ޖަންގައްޔާ ދިމާލަށް މިސްރާބު ޖަހައިފި އެވެ. ދެން ޒަމާންގަނޑެއް ވަންދެން އެ ސަހަރަށް މިނިކާވަގުގެ އުނދަގުލެއް ނުޖެހި ދިޔަ އެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އަނެއްކާވެސް މިނިކާވަގު އެ ސަހަރަށް އަރަން ފަށައިފި އެވެ. އެކަމަކު އެއްކަލަ ދައިތަގެ ގެއާ ކައިރި ނުވެ ވޭތޯ އެސޮރު ބަލަ އެވެ. އެކަމަކު މާ ވިއްސާރަ ރެއެއްގައި މަގުއޮޅިގެން ގޮސް އެސޮރަށް އޮވެވުނީ އެ ދައިތަގެ ގޭބުޑުގަ އެވެ. ވާރޭ ހިޔާވާނޭ އިތުރު ގޮތެއް ނެތުމުން އެސޮރު އެ ދައިތައަށް ގޮވަ އެވެ. ދައިތާ އެވެ. އަހަރެންނަށް ވާރޭ ހިޔާވާގޮތް ހަދައިދޭށެވެ. ދައިތައަކަށް އެއްވެސް ގެއްލުމެއް ނުދޭނަމެވެ. ދައިތަ ވަގުތުން ދޮރުހުޅުވައި މިނިކާވަގު އެތެރެއަށް ވައްދައި ބުނެ އެވެ. ކަލޯ ވަގާ އެވެ. މިރޭ މިވެއްދީ މިރެޔަކީ ކަލޯއަށް ބޮޑު މުސީބާތެއް ލައިގަންނަ ރެއެއް ކަމަށްވާތީ އެވެ. މިރޭ މިއީ ވަގުފިނދަށް ބަދުރުވަ ލައިގަންނަ ރެޔެވެ. ވަގު ބުންޏެވެ. ނާ ތިޔައީ ކިހިނެއްވާ ކަމެއް ހެއްޔެވެ؟ އަހަރެންގެ ފިނދަށް ޖެހެން މިއުޅެނީ ކޮންހާލެއް ހެއްޔެވެ؟

ދައިތަ ބުންޏެވެ. ކަލޯ ވަރަށް ރަނގަޅު ތަނަކަށްވަދެ ބަޗައި އޮވެގެން މެނުވީ ސަލާމަތެއް ނެތެވެ. ބަދުރުވަ ލައިގަންނަނީ ވަގުފިނދަށެވެ. އެހެންވީމާ އެކަމުގައި ހުރި ވޭނެއް މާ ރަނގަޅަށް ކިޔައިދޭކަށް ދައިތައަކަށް ނޭނގޭނެ އެވެ. އެކަމުގެ ވޭނާއި ހޫނާއި ވާވަރު އެނގޭނީ ލައިގަތީމަ އެވެ. ވަގު ރޮއިގަތެވެ. ދައިތާ އަހަންނަށް އެހީވެދޭށެވެ. ދައިތަ ބުންޏެވެ. ފިލާ އޮވެވޭނޭ ތަނަކަށް މިގޭގައި އޮތީ މިތަނެވެ. މިހެން ކިޔައި ދަރާއި ހުއި އަޅާފައި އޮތް ދަރުފިޔަފާޅިއަކަށް ވައްދައިފި އެވެ. ދައިތަ ބުނެ އެވެ. ބަދުރުވަ ލައިގަންނައިރު ނިކަން ކެތްކުރަން ޖެހޭނެ އެވެ. މަޑުން ނުއޮވެ ބޭރަށް ނުކުމެއްޖެނަމަ ނުވަތަ ތެޅިފޮޅޭނަމަ އޭގެ އަހުވަ ބޮޑުވާނެ އެވެ. ވާ ހޫނަކަށް ނުވަތަ ނަގާ ދިލައަކަށް ފަރުވާލެއް ބަހައްޓައިގެން ނުވާނެ އެވެ. ޝަކުވާއެއް ކޮށްގެން ނުވާނެ އެވެ. އާހް އެއްގެ އަޑެއް އިއްވައިގެން ނުވާނެ އެވެ. ބަދުރުވަލައިގަތުމުގައި އޮތް ހަމައެކަނި ފަރުވާއަކީ މިއީ އެވެ. މި ހިތި ބޭސް ބުއިން ނޫން ގޮތެއް ކަލޯއަކަށް ނެތެވެ.

ވަގު މި އިރުޝާދުތަކަށް އަމަލުކުރުމަށް އެއްބަސްވެ ދަރުފިޔަފާޅިއަށް ވަދެ ބޮއްތައިލި އެވެ. ވަގު ފޮރުވަން ކަމަށް ދައިތަ އެސޮރު ގައިމަތީގައި ބޮޑު ތާހެއް އަޅައި އެސޮރު ނިވާކޮށްލި އެވެ. ތާހުން ބޭރަށް އެސޮރުގެ ނަގޫ ނެރެ، ނަގުލުގައި ވަލެއް އައްސައި އަނެއްކޮޅު ހަރުތަނަކާ އައްސައި ވާންކޮށްލި އެވެ. ދެން ތާސް މައްޗަށް ދަރާއި ހުއި އަޅައި ރޯކޮށްލި އެވެ. ރަނގަޅަށް ހުޅުހިފައި ރޯވާން ފެށުމުން ދައިތަގެ އަތުގައި އޮތް ދޭފަތުން ތާހުގައި ތަޅަމުން ގޮވަ އެވެ. ކަލޯ ލައިގެންފި އެވެ. ކެތްކުރެވޭތޯ ބަލައްޗެވެ. ހިކިހުއިތަކާއި ދަރުގައި ގަދަޔަށް ރޯވާންފެށި އަލިފާނުގެ ހޫނުން ވަގު ގައިމަތީގައި އޮތް ތާސްވެސް ވިރިގެން އެސޮރުގެ ގަޔަށް އެބަހަރަ ފައިބަމުން ދެ އެވެ. ދެން ކެތް ނުވާވަރުވުމުން ދުއްވައިގަންނަން ބެލިއިރު ނަގޫ އައްސާފައި އޮތުމުން އެކަމެއްވެސް ވާކަށް ނެތެވެ. ކުއްލިއަކަށް ފުންމައިގަތުމުން އެސޮރުގެ ނަގޫ ބުރިވި އެވެ. އޭރު ތާސްވިރިގެން ފޭބި މައުދަނުން ގައިގައި ނުފިހޭ ތަނެއް ނެތެވެ. އެސޮރު އެކި ތަންތަނުގައި ޖެހެމުން ވެއްޓެމުން ތެދުވަމުން ޖައްގައްޔާ ދިމާލަށް މިސްރާބު ޖަހައިފި އެވެ. އޭގެ ފަހުން އެ ވަގުގެ އުނދަގުލެއް އެ އަވަށުގެ ރައްޔިތަކަށް ނުޖެހެ އެވެ.

މި ވާހަކައަކީ ކުޑަކުދިންނަށް ކިޔައިދީ އުޅުނު ފުލޯކު ވާހަކަ އެކެވެ. މިނިކާވަގަށް ދައިތަ ދިން ލަނޑާއި އޮޅުވާލި އޮޅުވާލުމާއި އަމިއްލަ ނަފުސުގެ ދިފާއުގައި މަސައްކަތްކޮށް މިނިކާވަގުގެ މައްޗަށް ކުރި ހޯދި ގޮތް އެއީ މި ވާހަކައިގެ ތާސީރެވެ. މި ވާހަކައިގެ މިސާލުން ފަހުން މުހާވަރާއެއް އުފެދުނެވެ. ބިރު ދެއްކުމުގެ ގޮތުން ބުހުތާނެއްގެ ގޮތުގައި ދައްކާ ހުއްޖަތުތަކަކީ 'ވަގުފިނދަށް ބަދުުރުވަލައިގަތުން' ކަމަށް ވި އެވެ. ރާއްޖޭގެ ބައެއް ހިސާބުތަކުގައި ކިޔައިއުޅޭ 'ގަބުޅި ބާދަލާ ރޯގާ' ގެ ގޮތުގައި މަޝްހޫރުވެފަ އޮންނަ ބަހަކީވެސް ހަމަ މި މާނައިގައި ބޭނުންކުރާ ބަހެކެވެ. އަސާސެއް ނުވަތަ ހަގީގަތެއް ނެތް ކަމެއްގައި މީހުން ބިރުގަންނަވައި، އެހެން މަގުސަދެއް ހާސިލުކުރުމަށް ދައްކާ ހުއްޖަތުތަކަކީ ގަބުޅި ބާދަލާ ރޯގާގެ ބިރު ނުވަތަ ވަގުފިނދަށް ބަދުރުވަލައިގަތުމުގެ ބިރެވެ.

މިހާރު އަޅުގަނޑުމެންގެ ތެރޭގައި ފަތުރަމުން ގެންދާ މިފަދަ އެންމެ ބޮޑު ބިރަކީ ދައުލަތް ބަނގުރޫޓުވެދާނޭ ކަމުގެ ބިރެވެ. ދުރުންދޭ ތައުލީމުން ދަސްވެނިވެގެންތިބި އެދުރުންނާއި މުރަނގަގަސްދޮށު މާލިމީންގެ އިތުރުން ހަގީގީ ނެވިންވެސް ދައްކަނީ ހަމަ މިވާހަކަ އެވެ. މިހެން މިކަން މެދުވެރިވީ ސަބަބުތަކުގެ ވާހަކައާއި ދެން ކުރިއަށް އަޅާން އޮތް ފިޔަވަޅުތަކުގެ ވާހަކަ އެވެ. ހައިރާނަކީ ފިޔަވަޅުތަކުގެ އަސަރާ ކުރިމަތިލާންޖެހޭ ކަމަށް ވަނީ ހަމައެކަނި އާދައިގެ ރައްޔިތުންކަމަށް ވާކަމެވެ. އިގުތިސާދުގެ ބަދުރުވަ ލައިގަންނަކަމަށްވެ، އޭގެ ނަތީޖާތަކާ ކުރިމަތިލާން ޖެހޭކަމަށް މިވަނީ އާދައިގެ ރައްޔިތުންނެވެ. އަޅާން ރާވާ ފިޔަވަޅުތަކަށް ބަލާއިރު ބޮޑުންނާއި ވެރިންގެ ފިނދަކަށް މި ބަދުރުވަ ލައިގަންނާން އުޅޭކަމަކަށް ނުފެނެ އެވެ.

ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ އާދައިގެ ރައްޔިތުންނަށް ދައުލަތުން ދީފައި ހުރި ވަޒީފާތައް މަދުކުރުމާއި މުސާރަ ކުޑަކުރުމެވެ. އެންމެ އާދައިގެ ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރުމެވެ. އަސާސީ ބޭނުންތައް ފުއްދައި ދިނުމަށް ހިންގާ މަޝްރޫއުތައް ހުއްޓާލުމެވެ. އާސަންދައިގެ މިންވަރު މަދުކުރުމެވެ. ދައުލަތުގެ ހަރަދުގައި ކިޔަވަންގޮސްތިބި ކުދިންނަށް ދޭ މަހު އިނާޔަތް މަދުކޮށްލުމެވެ. ޑޮލަރު ތާށި ކުރުމެވެ.

މި ފިޔަވަޅުތައް އަޅާއިރު، ސިޔާސީ ބޮޑެތި މަގާމުތަކުގެ އަދަދަށް ބަދަލެއް ނާދެ އެވެ. ކުރިއަށްވުރެ ވުޒާރާތަކުގެ އަދަދު ވީ އިތުރެވެ. ދައުލަތުގެ މުސާރައިގެ އޮނިގަނޑަށް އައި ބަދަލާއެކު ވަޒީރުންގެ މުސާރަ ވީ ބޮޑެވެ. ދައުލަތުގެ ކުންފުނިތަކުގެ ވަޒީފާތަކުގެ މުސާރައަށް ދައުލަތުން ކުރާ ހަރަދު 15 އިންސައްތަ އިތުރުވެއްޖެ އެވެ. ސިޔާސީ ބޭނުންތަކަށް ކުންފުނިތަކުން ދޭ ވަޒީފާ ވީ އިތުރެވެ. އައު ސަރުކާރުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ހަރަދުކުރި 26 މިލިޔަނާއި އީދަށް ބޮކި ދިއްލަން ހޭދަކުރި 45 މިލިޔަނާއި ހަވާ އަރުވަން ހޭދަކުރި އެތައް މިލިޔަނަކާއެކު ސަކޭތައެއްހައި މިލިޔަން މިކަހަލަ ސަކަރާތަށްވެސް ހޭދަކުރެވިއްޖެ އެވެ. މުލީއާގޭ މަރާމާތަށް 21 މިލިއަނާއި ހިލާލީގޭ މަރާމާތަށް 15 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. ހަމައެކަނި އިންޑިއާގެ ދަތްދޮޅިދަށަށް އަތްދިއްކޮށް ޕެހެހޭސް އޭ ބުނެލާނޭ ގޮތެއް ހޯދަން ޑްރޯން ގަތުމަށް 500 މިލިއަން ހޭދަކުރި އެވެ. ކަމެއްދަމެއް ބޮޑުވި ދުވަހު އެ ޑްރޯނުގެ ބޭނުމެއް ކުރީކީވެސް ނޫނެވެ. ރައީސްގެ ޗުއްޓީ ދަތުރުފުޅާއި ރަސްމީ ދަތުރުފުޅުތަކާއި، ވެރިންގެ ދަތުރުފުޅުތަކުގެ ހަރަދު ގުނައި އަދަދު ނުކުރެވެ އެވެ. ސަރުކާރުގެ އަމަލުތައް މިހެން ހުރިއިރު ދައުލަތް ދަރައި ބަނގުރޫޓު ވާހަކަ ދެއްކީމާ ތުނބަށް އަތްދީގެން ތިބުން ނޫން ގޮތެއް ރައްޔިތަކަށް އޮންނާނެ ހެއްޔެވެ؟

މި ރާއްޖެ ހިންގުމަށް 22 މިނިސްޓްރީ ބޭނުންވާކަމަށް ދެކި، އެއިން ކޮންމެ މިނިސްޓްރީއަކަށް ފަސްދޮޅަސް ސިޔާސީން ބޭނުންވާކަމަށް ދެކިގެން އޮތް ސަރުކާރަކުން ހަރަދު ކުޑަކުރަންޖެހޭ ވާހަކަ ދައްކާނީ ރައްޔިތުންނަށް ލިބޭން އޮތް އެއްޗެއް ހުއްޓުވާން ނޫން ބޭނުމަކު ކަމަށް ރައްޔިތުން ނުދެކޭނެ އެވެ. ޔޫތު މިނިސްޓްރީއެއް ހުރެފައި، ވަކިން މާ ވަރުގަދަ ސްޕޯޓްސް މިނިސްޓްރީއެއް ހުންނަންޖެހޭ ސަބަބަކާއި، ލާމަރުކަޒު ކުރުން ބަލަހައްޓާނޭ މިނިސްޓްރީއެއް ހުުރުމުގެ ހުއްޖަތު ގާއިމުކުރެވިގެން މެނުވީ ހަރަދުކުޑަކުރުމުގެ ވާހަކަ ފަށައިގެންވެސް ނުވާނެ އެވެ. ދައުލަތުގެ ކުންފުނިތަކުގެ ވަޒީފާތަކުގެ އަދަދު އެތައް ގުނައަކުން އިތުރުކުރިތާ އަދި މިވަނީ ތިންމަހެވެ. ހަރަދުކުޑަކުރަންޖެހިފައިވާކަން އޭރު ނޭނގުނީކަމަށް އަޅުގަނޑުމެން ދެކޭންވީ ހެއްޔެވެ؟

ހަރަދު ކުޑަކުރުމުގެ ސިޔާސަތަށް އެއްބާރުލުން ބޭނުންވާނަމަ އަމަލުގައި އިހުލާސްތެރިކަން ދައްކަންޖެހެ އެވެ. ސިޔާސީ މުވައްޒަފުންނަކީ ހަމައެެކަނި ސިޔާސަތު ތަންފީޒު ކުރަން ކޮންމެހެން ބޭނުންވާ މިންވަރަށް އައްޔަނުކުރާ ބަޔަކަށް ހަދާށެވެ. މަގާމުގައި ބައިތިއްބަންޖެހޭ ސިޔާސީ މީހުންގެ މުސާރަވެސް މިވަގުތަށް ކުޑަކޮށްލާށެވެ. ސަރުކާރާއި ދައުލަތުގެ ކުންފުނިތަކުގައި މުވައްޒަފުން ބޭނުންވާ މިންވަރު ދެނެގަތުމަށް ދިރާސާކޮށް، ބޭނުންވާ މިންވަރުގައި ހިފެހެއްޓުމަށް އިތުރު މުވައްޒަފުން ވަކިކުރާށެވެ. ހިންގުމުގެ އިސްމަގާމުތަކުގައި ތިބި މީހުންގެ މުސާރަ ކުޑަކޮށް، ވެރިންގެ ދަތުރުފަތުރު ކުރުންވެސް އެއީ ކޮންމެހެން ބޭނުންޖެހޭ ހާލަތުގައި އެކަނި ކުރާ ކަމަށް ހަދާށެވެ.

ބަދުރުވަ ލައިގަންނަނަމަ ލައިގަންނާނީ އެންމެނަށެވެ. އެއީ ވަކި ގިންތިއަކަށް ހާއްސަ އެއްޗަކަށްވެ، އެ ގިންތިއަށް އެކަނި އަހުވަ ދައްކާންކަމަށް ރާވާ އިންތިޒާމާއި އެކަމަށް ގާއިމުކުރާ ހުއްޖަތުތައް ރައްޔިތުންގެ މެދުގައި ވިކިދާނޭ ގޮތެއް ނެތެވެ. ހަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމުގެ ސިޔާސަތު އެންމެ މަތީ ހަރުފަތުން ތަންފީޒުކުރަން ފަށާށެވެ. އިޖުތިމާއީ ގިއުގަނޑުގެ އެންމެ ދަށު ހަރުފަތުގައި ތިބި ރައްޔިތުންނާ ހަމައަށް އޭގެ އަސަރު ވީހާވެސް ކުޑަކުރެވޭނޭ ހުރިހާ ގޮތެއް ކަށަވަރުކުރުމަކީ ދައުލަތް ހިންގާން ތިބިހައި ބައެއްގެ ގާނޫނީ އަދި އަހުލާގީވެސް ޒިންމާއެކެވެ. އެ ނަމޫނާ އެހެން ނުދެއްކޭނަމަ ވަގުފިނދަށް ބަދުރުވަ ލައިގަންނަން އުޅޭކަމުގެ ވާހަކައިން ބިރުދައްކާން ނޫޅޭށެވެ.

މި ލިޔުމާ ގުޅޭ ރަދީފު

  • ބަދުރުވަލައިގަތުން: ބަދުރުވާ ނަކަތް ފެށުން
  • ބަދުރުވާ: ފުރަބަދުރުވައާއި ފަސްބަދުރުވައާއި އެ ދެ ނަކަތުގައި އަންނަ ކޮޅިގަނޑު.
  • ނޯކިރީ: އުޖޫރައެއް ހޯދުމަށް ކޮށްދީއުޅޭ ހިދުމަތް
  • ފިޔަފާޅި: ބޯހިޔާކުރުމަށާއި އެއްޗެހި ރައްކާކުރުމަށާއި އެކިއެކި ބޭނުމަށް ވަގުތީ ގޮތުން ހަދާ ކުދިކުދި ހިޔާވަހި.
  • ވަގު: މިނިކާވަގު
  • ގިއުގަނޑު: އޮނިގަނޑު
  • ތުނބަށް އަތްދީގެން ތިބުން: ހައިރާންވެ ފިކުރު ބޮޑުވެގެން ދަތްދޮޅީގައި އަތްވިއްދައިގެން އިނގިލިތައް ތުންފަތާ ދިމާއަށް ބަހައްޓައިގެން އިނުމަށް ބުނެއުޅޭ ބަހެއް.
  • އަހުވަ: އަނިޔާގެ ގޮތުން ކުރާ ދަތި

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox